ބޮލީވުޑް

"ޕަދްމާވަތީ" އަންނަ މަހު ސިނަމާ އަށް؟!

Dec 20, 2017

ޝޫޓިން ފެށި ހިސާބުން އެކި ކަހަލަ ދަތިތައް ކުރިމަތިވަމުން އައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ޕަދްމާވަތީ" އާ ދެކޮޅަށް ކުރަމުން އައި މުޒާހަރާތަކާ ގުޅިގެން ކުރިން ފިލްމު ރިލީޒްކުރަން އޮތް ތާރީހުގައި ރިލީޒްނުކުރެވި، މުއްދަތެއް ނެތް ގޮތަށް ވަނީ ލަސްކޮށްފަ އެވެ.

ތާރީހީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގައި ރާނީ ޕަދްމިނީގެ ހާޔާތަށް ހުތުރުކަން ލިބޭ ގޮތަށް އަދި ތާރީޚީ ހަގީގަތްތައް އޮޅުވާލާފައިވާ ކަމަށާއި ރާނީ ޕަދްމިނީއާ ގުޅޭ ދޮގު ވާހަކަތަކެއް ފިލްމުގައި ހިމަނާފައިވާ ކަމަށް ބުނެ އެވެ. ދައްކާފައިވާ ކަމަށް ބުނެ ރާޖްޕުތަށް ނިސްބަތްވާ ކަރްނީ ސެނާ ކިޔާ ހިންދޫ ގްރޫޕަކުން ވަނީ ފިލްމާ ދެކޮޅަށް ވަރަށް ވަރުގަދަ މުޒާހަރާތަކެއް އިންޑިއާގެ އެކި ކަންކޮޅުތަކުގައި ކޮށް، ފިލްމު ރިލީޒްނުކުރެވޭނެ ކަމުގެ އިންޒާރު ވަނީ އެކި ފަހަރު މަތިން ދީފަ އެވެ. މިދިޔަ މާޗް މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ރާޖްޕުތްގައި ފަށަން ގޮސް އުޅެނިކޮށް އެ ގްރޫޕުން ވަނީ ފިލްމުގެ ސެޓަށް ވަދެ ބަންސާލީގެ ގައިގައި ތަޅައި ސެޓާއި ބައެއް ސާމާނުތައް ހަލާކުކޮށްލާފަ އެވެ.

އޭގެފަހުން ފިލްމުގެ ޝޫޓިން ކޯލާޕޫރްގައި ކުރިއަށް ދަނިކޮށް ވަނީ ކޮސްޓިއުމްތަކެއް ބަހައްޓާފައި ހުރި ޓެންޓްތަކަށް ޕެޓްރޯލް ބޮން އަޅައި ރޯކޮށްލާފަ އެވެ. އެ ފަހަރު ޝޫޓިން އަށް ބޭނުންކުރަން ހުރި ހުރިހާ ކޮސްޓިއުމްތައް ވަނީ އަންދާލާފަ އެވެ.

އިންޑިއާގެ އެކި ކަންކޮޅުތަކުގައި މި ފިލްމު ރިލީޒްކުރުމާ ދެކޮޅަށް މުޒާހަރާކުރަމުން އަންނައިރު، ބަންސާލީ އާއި ދިޕިކާގެ ބޯ ބުރިކޮށްގެން ގެނެސްދިން މީހަކަށް ފަސް މިލިއަން އިންޑިއާ ރުޕީޒް ދޭނެކަމަށް ކަރްނީ ސެނާއިން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން މުމްބައި ފުލުހުން ވަނީ ބަންސާލީ އާއި ދިޕިކާގެ ސެކިއުރިޓީ ވަރުގަދަކޮށްފަ އެވެ.

އަދި ފިލްމު ފާސްކުރުމަށް ސެންސަރު ބޯޑަށް ހުށަހެޅި ޑޮކިއުމަންޓްތައް ހަމަނުވާ ކަމަށް ބުނެ ކުރިން ފިލްމު ރިލީޒްކުރަން ހަމަޖެއްދި ތަރީހު، އެކެއް ޑިސެމްބަރުގައި ވަނީ ރިލީޒްނުކުރެވިފަ އެވެ. އޭގެއިތުރުން ކަރްނީ ސެނާއިން ފިލްމާ ދެކޮޅަށް އުފުލަމުން ދިޔަ އަޑުތަކާއި ދެމުން ދިޔަ އިންޒަރުތަކާ ގުޅިގެން ސެންސަރު ބޯޑުން ވަނީ މި ފިލްމު ފާސްކޮށްދެވޭނީ ތާރީހީ މީހުންގެ ޓީމަކާ އެކު ކަމަށް ބުނެފަ އެވެ.

މުއްދަތެއް ނެތް ގޮތަށް ލަސްކުރި "ޕަދްމާވަތީ" ރިލީޒްނުކުރެވޭނެ ކަމުގެ އުންމީދު ގެއްލިފައި ވަނިކޮށް އެ ފިލްމުގެ ޓީމުގެ އުންމީދުގެ ހުޅުކޮޅު މިވަނީ ދިއްލެން ފަށާފަ އެވެ. އަލުން ސެންސަރު ބޯޑަށް ފާސްކުރަން ފިލްމު ހުށަހަޅައި ރިލީޒްކުރުމުގެ ހުއްދަ ދީފައިވާ ކަމަށް ބޮލީވުޑްގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.

ހަބަރުތައް ބުނާގޮތުން ސެންސަރު ބޯޑުން ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު މި ފިލްމު ރިލީޒްކުރުމުގެ ހުއްދަދީފަ އެވެ.

ސެންސަރު ބޯޑުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވާ ކަމަށް ނޫސްތަކުގައިވާ ގޮތުގައި ގޮތުން ފިލްމު ރިލީޒްކުރާނެ ތާރީހު ޕްރޮޑިއުސަރުން ނިންމިހާ އަވަހަކަށް ފިލްމު ދައްކާނެ ސްކްރީންތަކުގެ އަދަދު އެމީހުން ކަނޑައަޅައިދޭނެ އެވެ.

ސެންސަރު ބޯޑުން ފިލްމު ފާސްކޮށްދިންކަން، ފިލްމުގެ ޕްރޮޑިއުސަރުން އަދި ހާމަނުކުރަނީ ފާސްކޮށްދިންކަމުގެ ސެޓްފިކެޓް އެމީހުންނަށް ނުލިބޭތީ ކަމަށް ހަބަރުތައް ބުނެ އެވެ. ސެޓްފިކެޓް ލިބުނުހާ އަވަހަކަށް ފިލްމު ރިލީޒްކުރާނެ ތާރީހު އިއުލާންކުރާނެ އެވެ. އެގޮތުން އެމީހުން މިހާރު ބަލަނީ ޖެނުއަރީ 5 ނުވަތަ 12 ވާ ހުކުރު ދުވަހު ފިލްމު ރިލީޒްކުރުމަށެވެ.

ބޮޑު ހާޖާނުގަނޑެއްގެ ތެރެއަށް ވެއްޓުނު "ޕަދްމާވަތީ" އަކީ މި އަހަރުގެ ފަހުކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައި ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ގިނަބަޔަކު އިންތިޒާރުކުރަމުން އައި ފިލްމެވެ. އަދި އަންނަ ޖެނުއަރީގެ ފުރަތަމަ ދެ ހުކުރުން ކުރެ އެއް ހުކުރުގައި ފިލްމު ރިލީޒްކުރަން މަޝްވަރާތައް ޕްރޮޑިއުސަރުން ކުރަމުން އަންނައިރު، ޖެނުއަރީގެ ކުރީކޮޅު ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް ބޮޑު ފިލްމެއް ވެސް ނެތެވެ. އެހެންކަމުން މިއީ "ޕަދްމާވަތީ" އަށް ބޮކްސް އޮފީހުގައި ރަސްކަން ކުރަން ލިބޭނެ ރަނުގެ ފުރުސަތެކެވެ.

ބަންސާލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް އިންތިޒާރުކުރަމުން އަންނަ ފަރާތްތައް މިހާރު އިންތިޒާރުކުރަމުން ދަނީ ފިލްމު ރިލީޒްކުރާނެ ތާރީހު ފިލްމުގެ ޕްރޮޑިއުސަރުން އިއުލާންކުރާނެ ދުވަހަކަށެވެ.

ރާނީ ޕަދްމިނީގެ ރޯލުން ދިޕިކާ ޕަދުކޯން ފެނިގެންދާއިރު، އޭނާގެ ފިރިމީހާގެ ރޯލުން ފެނިގެންދަނީ އެކްޓަރު ޝާހިދު ކަޕޫރެވެ. އަދި ރަންވީރު ސިންގް ފެނިގެންދަނީ ދިޕިކާއާ ހެދި މޮޔަވެފައި ހުންނަ ރަސްކަލެއް ކަމަށްވާ އަލާއުއްދީން ޚިލްޖީގެ ރޯލުންނެވެ.

މި ފިލްމު އުފައްދި ފަރާތުން ބުނެފައިވަނީ މި ފިލްމަކީ 1540 ވަނަ އަހަރު ސޫފީ ޝާއިރެއް ކަމަށްވާ މާލިކް މުހައްމަދު ޖަޔަސީ ލިޔެފައިވާ ޕަދްމަވަތް ކިޔާ ޅެމެއްގެ އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.