ފިނިޕޭޖް

މަޖޫގެ ވިދުން ވަރަށް ގަދަ، ގެއަށް ދިޔައީ ފަސް އެވޯޑާއެކު!

ރޭ ބޭއްވި އަށް ވަނަ ދިވެހި ފިލްމު އެވޯޑްސް ދިޔައި ނިކަން ވާދަވެރި ކޮށެވެ. އެ ވާދަވެރިކަމުގެ ތެރެއިން ފިލްމީ ދާއިރާގެ ސީނިއާ ތަރިންނާވެސް ވާދަކޮށް ރޭހުގެ އެންމެ ކުރީ ސަފަށް އަރައި އެންމެ ގިނަ އެވޯޑުތަކެއް ރޭ ގެންދިޔަ ތަރިއަކީ މަރިޔަމް މަޖުދާ (މަޖޫ) އެވެ. ޑާކްރެެއިން އެންޓަޓެއިންމަންޓްގެ "ހުޅުދާން" އިން ރިހި އިސްކިރީނުގައި ދައްކާލި ޖާދޫ އިން އެ ސްޓޫޑިއޯގެ ގިނަ ފިލްމުތަކުން ފުރުސަތު ހޯދައިގެން ރޭގެ އެވޯޑް ހަފްލާގެ "ރަނި ކަމަނާ"ގެ މަގާމު މަޖޫ ހޯދީ އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ މަގުބޫލު އަދި އަގުބޮޑު ޖަވާހިރަކީ މަޖޫ ކަން ރޭ މިވަނީ ސާބިތުކޮށްދީފަ އެވެ. ކެމެރާގެ ކުރިމަތީ މަޖޫގެ އެކްޓް ކުރުމުގެ މޮޅު ހުނަރު ދައްކައިގެން އެކަންޏެއް ނޫނެވެ. ކޮސްޓިއުމް، މޭކަޕް އަދި ކޮރިއޮގްރަފީގައިވެސް މަޖޫގެ މޮޅު ހުނަރު ކިތަންމެ ރަނގަޅަކަށްވެސް ފެނިގެން ހިނގައްޖެ އެވެ. އެ ތިން ކެޓަގަރީ އަދި އެންމެ މޮޅު ނިއު ކަމާ އަދި އެންމެ މޮޅު ބަތަލާގެ މަގާމްވެސް މަޖޫ ރޭ ވަނީ ހާސިލްކޮށްފަ އެވެ.

އެންމެ ފުރަތަމަ މަޖޫ ފެނިގެން ދިޔައީ ފިލްމީ ތަރި ރަވީ ފާރޫގު ހޯދައިދިން ފުރުސަތުގައި ފިލްމު "ހުޅުދާން" އިންނެވެ. އޭގެ ފަހުން ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ވާށޭ މަށާ އެކީ"، "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި މަޖޫ ސްކްރީން އަށް އަރާ ދިވެހި ފިލްމު އޯޑިއަންސްގެ ހިތްތަކަށް ވެރިވެގަތީ އެވެ. އަދި އަންނަ އަހަރު އެ ސްޓޫޑިއޯ އިން ގެނެސްދޭ "ވަކިން ލޯބިން" ގައިވެސް މަޖޫ ފެނިގެންދާނެ އެވެ. ފިލްމީ ދާއިރާގައި މަޖޫއަށް ފުރުސަތުތައް އަންނަނީ އޮހެމުންނެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑާއެކު މަޖޫ އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ނިއުމާ މުހައްމަދު ހޯދި މަގާމަށް އެންމެ ގާތްކުރާ ތަރި ކަމަށް މިވަނީ ގަބޫލުކުރެވިފަ އެވެ. ފިލްމު "ހުޅުދާން" އިން ބެސްޓު ނިއު ކަމާ ހޯދިއިރު މިއީ ނިއުމާގެ ރިޕްލޭސްމަންޓުކަން ސާބިތުކޮށްދީފި އެވެ. އެހެން ނަމަވެސް އެއީ މަޖޫގެ ފުރަތަމަ ފިލްމެއް ނޫނެވެ. މަޖޫ އެންމެ ފުރަތަމަ ކުޅުނީ "ހަތަރު ހަޅަ" އެވެ.

މަޖޫގެ ހުރިހާ ފިލްމަކުންވެސް ފެނިގެންދިޔަ އެކްޓިން އެތައް ގުނައެއް އަނެއް ފިލްމަށްވުރެ ރަނގަޅުކޮށްފައިވެ އެވެ. ރޭގަ އެންމެ މޮޅު ބަތަލާގެ މަގާމް މަޖޫ ހޯދީވެސް ނިއުމާ އާއި ވާދަކޮށެވެ. ނިއުމާ ވަނީ "އާދޭސް" އިން އެ މަގާމަށް ވާދަކޮށްފަ އެވެ.

އޭގެ އިތުރުން މަޖޫގެ އައިޑޮލް އަކީވެސް ނިއުމާ އެވެ. އެންމެ ގިނަ އެއްޗެހި އޭނާ ދަސްކުރަނީވެސް ނިއުމާ ކައިރީގަ އަހައިގެންނެވެ.

ކުރިން ދިން އިންޓަވިއުއެއްގައި މަޖޫ ބުނީ ފިލްމީ ދާއިރާ އަށް ވަނުމުގެ ހިޔާލެއް ފުރަތަމަ ނެތަސް އޭނާ އަކީ މި ދާއިރާގެ ހަވާސާގައި އެނބުރެމުން ދިޔަ އަންހެން ކުއްޖެއް ކަމަށެވެ. އެގޮތުން މޭކަޕްކޮށް ދިނުމާއި ލަވަތަކަށް ކޮރިއޯ ހަދައިދިނުމުގަ އެވެ. އަދި އެންމެ ކުރިން، ކުޑަ ކުއްޖެއްގެ ގޮތުގައި އޭނާ އަކީ އޭރުގެ ލަވަތައް ބަލައިގެން އެ ލަވަތަކަށް ނަށަން އުޅުނު ކުއްޖެކެވެ.

"ކުޑައިރު ވެސް އަޅުގަނޑަކީ ވަރަށް އާޓް ދައްކައިގެން އުޅުނު ކުއްޖެއް. ވަރަށް ނަށާނެ. ފިލްމުތަކާއި ލަވަތަކުން ފެންނަ މީހުން އެކްޓްކުރާ ގޮތަށާއި ނަށާ ގޮތްގޮތަށް ނެށުން އޮންނާނެ އޭރު އަބަދުވެސް ގޭ ތެރޭގައި. ނެށުމަކީ އެންމެ ޝައުގުވެރިވާ ކަންތައް. އެކަމަކު މި ހުރިހާކަމެއް ފެށީ މަޖަލަކަށް،" މަޖޫ ބުނެފައިވެ އެވެ.

މަޖޫ އަކީ ފިލްމީ ދާއިރާގެ މަސައްކަތް ވަރަށް ޝައުގުވެރިކަމާއެކު އަދި އެ މަސައްކަތަށް ވަރަށް ބޮޑަށް ޑެޑިކޭޓްޑް ތަރިއެއްވެސްމެ އެވެ. އެއީ ފިލްމުތަކުގެ ސްކްރިޕްޓްތައް ބަރާބަރަށް ދަސްކުރުމުގެ އިތުރުން ހަށިގަނޑަށް ގެންނަން ޖެހިއްޖެ ކޮންމެ ބަދަލެއް ގެންނަންވެސްމެ އެވެ.

ކުރިން ދިން އިންޓަވިއުއެއްގައި މަޖޫގެ ހުނަރުވެރިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ރަވީ ބުނެފައި ވަނީ "އެ ފެންވަރުގެ ހުނަރުވެރި ބަތަލާއެއް މި ފަހުން ފިލްމީ ދާއިރާ އިން" ނުދެކޭ ކަމަށެވެ.

މަޖޫ އަކީ ފިލްމީ ދާއިރާގެ ނިވެމުން ދިޔަ ހުޅުކޮޅު ރޯކޮށްލަ ދިން މޫނެކެވެ. ފާއިތުވި ވިއްސަކަށް އަހަރު އެއް މޫނެއް ފެނި ފޫހިވެފައި ތިބި ބެލުންތެރިންނަށް ހިތްހަމަޖެހުން ގެނެސްދިން މޫނެކެވެ.