ދުނިޔެ

އިއްޔެ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އޮތީ މުޒާހަރާ

މެއި އެކެއް ނުވަތަ "މޭ ޑޭ" އަކީ އަބަދުވެސް މުޒާހަރާ އަށް މަޝްހޫރު ދުވަހެކެވެ. އާންމުކޮށް ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާ ދުވަހެކެވެ.

މާލޭގައި އިއްޔެ ސިޔާސީ ބޮޑު މުޒާހަރާއެއް އޮތް ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން މަގުތަކަށް ނުކުތީ މަސައްކަތްތެރިން ދުވަސް ފާހަގަކޮށް މަސައްކަތްތެރިންގެ ހައްގުތަކަށް އަޑުއުފުލުމަށެވެ.

މި ގައުމުތަކުގައި ކުރިއަށް ގެންދިޔަ "ލޭބާ ޑޭ" ގެ ހިނގާލުންތައް ސުލްހަވެރި އެއްވުންތަކެއްގެ ގޮތުގައި ނިމިގެން ދިޔަ ނަމަވެސް ބައެއް މުޒާހަރާތަކުން އާންމު ކުރިމަތިލުންތައް ފެނިގެން ގޮސްފައިވެ އެވެ.

ރަސްމީކޮށް މޭ ޑޭ ފާހަގަކޮށް މަސައްކަތްތެރިންގެ ހައްގުގައި މުޒާހަރާކުރަން ފަށާފައި ވަނީ މެއި އެކެއް، 1886 ވަނަ އަހަރު އެވެ.

އެހެންވީމަ އިއްޔެ ބައެއް ގައުމުތަކުގައި މޭ ޑޭ ފާހަގަކުރުމަށް ބޭއްވި އެއްވުންތަކަށް ބަލާލަމާ ހިނގާށެވެ.

ތުރުކީގެ އިސްތަންބުލްގެ މަގުތަކަށް ނުކުތް ފަރާތްތަކުން އެ ސިޓީގެ ޓަކްސިމް ސްކެއާ އަށް ވަނުމަށް މަސައްކަތްކުރުމުން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ. މުޒާހަރާގެ ބައިވެރިން އެންމެފަހުން ކޮންޓްރޯލްކޮށްފައި ވަނީ ކަރުނަ ގޭހައި ފެން ޖަހައިގެންނެވެ. 

ފުލުހުންނަށް މުޒާހަރާގެ ބައިވެރިން ހަމަލާ ދީފައި ވަނީ ގަލުންނާއި ފަޔާކްރެކާސް ބޭނުންކޮށްގެންނެވެ.

ތުރުކީގެ މުޒާހަރާގެ ބައިވެރިން ވަންނަން މަސައްކަތްކުރި ސްކެއާ އަކީ އެގައުމުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގެ އެންމެ މަޝްހޫރު މައިދާނެވެ. މުޒާހަރާގެ ހާއްސަ މައިދާނަކަށް އެތަން ބަދަލުވެފައި ވަނީ 1977 ވަނަ އަހަރު އެ މައިދާނުގައި ހިނގި ހަމަނުޖެހުންތަކެއްގައި 34 މީހަކު މަރުވި މުޒާހަރާ އަށް ފަހު އެވެ.

މޭ ޑޭގެ މުޒާހަރާ ކޮންޓްރޯލްކުރުމަށް ތުރުކީގެ ސަލާމަތީ ބާރުތަކުން މަގުތަކަށް 10،000 އަށް ވުރެ ގިނަ ފުލުހުން ނެރުނެވެ.

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މަގުތަކަށް ވެސް އިއްޔެ ގިނަ އަދަދެއްގެ ބަޔަކު މަސައްކަތްތެރިންގެ ހައްގުތަކަށް އަޑުއުފުލުމަށް ނުކުތެވެ. މި މުޒާހަރާތަކުގައި ވެސް ފުލުހުންނާއި އާންމުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވެ އެވެ.

މަގުތައް ހިސޯރުކުރުމަށް ފަހު މުޒާހަރާގެ ބައިވެރިން ފުލުހުންގެ ސަފުތަކަށް ހުރަސް އަޅާފައި ވަނީ ބަސްތައް ބޭނުންކޮށްގެންނެވެ. ނަމަވެސް ފުލުހުން ވަނީ އެންމެފަހުން ކަރުނަ ގޭސް ޖަހައިގެން މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުތަކުން ފައްސާލައިފަ އެވެ.

މުސާރަ ކުޑަ ކަމަށް ބުނެ ރައީސް އަށް ފާޑުކިޔަމުން ފިލިޕީންސްގެ މަގުތަކަށް އިއްޔެ ނުކުމެ މުޒާހަރާކުރި މީހުންގެ އަދަދު 10،000 އަށް އަރަ އެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާ ގައި މަސައްކަތްކުރާ މީހަކަށް ދުވާލެއްގެ މައްޗަށް ޖެހޭ އާންމު އަދަދަކީ 10.80 ޑޮލަރެވެ. މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައީ މިއީ ހިތްހަމަޖެހޭ ވަރުގެ މިނިމަމް ވޭޖެއް ކަމަށެވެ.

ޔޫރަޕަށް ބަލާއިރު އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައި އޮތް ގްރީސް އަކީ ވެސް އިއްޔެ ބޮޑު މުޒާހަރާއެއް ފެނިގެން ދިޔަ ގައުމެކެވެ. މޭ ޑޭގެ މުޒާހަރާ އަށް އެތެންސްގެ މަގުތަކަށް ނުކުތް މީހުންގެ އަދަދު 13،000 އަށް އަރަ އެވެ.

އެގައުމުގެ އުތުރު ބިތުގައި އޮންނަ ތެސަލޯނީކީގެ މަގުތަކަށް ވެސް 13،000 މީހުން ނުކުމެ މުޒާހަރާކޮށްފައިވެ އެވެ. ނަމަވެސް މި މުޒާހަރާތައް ނިމިގެން ދިޔައީ މާ ބޮޑެތި ކުރިމަތިލުންތަކެއް ނުހިނގަ އެވެ.

ޔޫރަޕުގައި މޭ ޑޭ ގެ މުޒާހަރާތައް ކުރިއަށް ގެންދިޔަ އެހެން ގައުމުތަކަށް ބަލާއިރު ޖަރުމަނާއި ރަޝިއާ ގައި ވެސް މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލާފައިވެ އެވެ.

ކޮންމެ އަހަރަކު ގަވާއިދުން މޭ ޑޭގެ ހަރަކާތްތައް ކުރިއަށް ގެންދާ ކިއުބާ ގައި ވެސް އިއްޔެ ނިކަން ފޯރީގައި މޭ ޑޭ ފާހަގަކުރި އެވެ.