ވިޔަފާރި

އެމެރިކާ އާއި އިންޑިއާ، ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު ދެ މާކެޓަށް

އެމެރިކާ އާއި އިންޑިޔާ އިން މި އަހަރުގެ ނިޔަލަށް އައި ޓޫރިސްޓުންގެ އަދަދު އިތުރުވެ، ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ. ޗައިނާއިން އަންނަ ޓޫރިސްޓުން މަދުވި ނަމަވެސް އެ ބައި ފޫބެއްދުމުގައި މި ދެ މާކެޓް އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ނިޔަލަށް އިންޑިޔާއިން އައި ޓޫރިސްޓުންގެ އަދަދު ވަނީ 70,372 އަށް އަރާފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 57,264 ޓޫރިސްޓުންނާ އަޅާބަލާއިރު 22.9 ޕަސެންޓް އިތުރުވުމެކެވެ. އަދި އިންޑިޔާއިން މިދިޔަ މަހު 7,231 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 6,895 މީހުންނާ އަޅާބަލާއިރު 4.9 ޕަސެންޓް އިތުރު އަދަދެކެވެ.

އެމެރިކާ އިން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ވަަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ގައުމުން ނޮވެމްބަރު މަހުގެ ނިޔަލަށް 34,411 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 28,651 މީހުންނާ އަޅާބަލާއިރު 20.1 ޕަސެންޓް އިތުރުވުމެކެވެ. އަދި އެ ގައުމުން މިދިޔަ މަހު އެކަނި 3,961 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 2,921 މީހުންނާ އަޅާބަލާއިރު 35.6 ޕަސެންޓް އިތުރުވުމެކެވެ.

އިންޑިޔާ މާކެޓު ވަރަށް ބޮޑަށް ރަނގަޅުވަމުންދާއިރު ރާއްޖެއަކީ ބޮލީވުޑް ތަރިންގެ މެދުގައި މަގުބޫލު މަންޒިލަކަށް ވަނީވެފަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރި އިންޑިޔާ ފިލްމީ ސިނާއަތުގެ ތަރިންގެ ތެރޭގައި ރިތިކްރޯޝަން އާއި އަމީތާބު ބަޗަން އަދި ޝިލްޕާ ޝެޓީގެ އިތުރުން ސޮނާކްޝީ ހިމެނެ އެވެ.

އެމެރިކާ ޓޫރިސްޓުންގެ އަދަދު އިތުރުވިއިރު، އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ރާއްޖެ އަންނަން ޖެހެނީ ދިގު ދަތުރުތަކެއް ކޮށްފަ އެވެ. އެ ގައުމުން ރާއްޖެއަށް އަންނަ މީހަކު 17.24 ގަޑިއިރު ދަތުރު ކުރަންޖެހެ އެވެ. އަދި ރާއްޖޭން އެމެރިކާއަށް ސީދާ ފްލައިޓުތަކެއް ވެސް ނޯވެ އެވެ. މިއީ އެ ބައްރުން ޓޫރިސްޓުން ގެނައުމަށް އެޅިފައި އޮތް ހުރަހެކެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރެފައިވާ "ކުއާޓްލީ އެކޮނޮމިކް ބްލެޓިން"ގެ މިދިޔަ ކުއާޓާގެ އަދަދުގައިވާ ގޮތުގައި މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު އަހަރުން އަހަރަށް ބަލާއިރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެމެރިކާ އަދި އޭޝިޔާ ބައްރުން އައި ޓޫރިސްޓުން އިތުރުވުމެވެ. އަދި އިންޑިއާ އާއި ތައިލެންޑުން އައި ޓޫރިސްޓުން އިތުރުވުމުގެ ސަބަބުން ޗައިނާ މާކެޓް ދަށްވުމުގެ އަސަރު އެހާ ބޮޑަށް ޓޫރިޒަމަށް ނުކުރާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.