ވިޔަފާރި

މިއަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް އިތުރުވާނެ: އެމްއެމްއޭ

Dec 20, 2017

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް 593.6 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭއިން ޝާޢިއުކޮށްފައިވާ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ "ކުއާޓަލީ އިކޮނޮމިކް ބުލެޓިން" ގައި ރިޒާވް އާއި ގުޅޭގޮތުން މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާ ގުޅިގެން އެމްްއެމްއޭއިން ބުނި ގޮތުގައި ދައުލަތުގެ ރިޒާވް އަކީ މަހުން މަހަށް ބަދަލު އަންނަމުން ދާ އެއްޗެއް ކަމަށެވެ. މި ފަދަ ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވަނީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓާ ޑިޕޮސިޓާއި ޔޫޒަބަލް ރިޒާވަށް އަންނަ ބަދަލުތަކަށް ކަމަށާއި، ޔޫޒަބަލް ރިޒާވަށް އަންނަ ބަދަލުތައް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ސަރުކާރާއި އެމްއެމްއޭ އަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ އާއި އަދި އެމްއެމްއޭ އިން ބޭރު ފައިސާގެ މާކެޓަށް ވިއްކާ ޑޮލަރާއި ސަރުކާރުގެ ބޭރު ފައިސާގެ ޕޭމަންޓްތައް ހެދުމަށް ވިއްކާ ޑޮލަރުގެ މައްޗަށް ކަމަށެވެ.

ކުއާޓަރުގެ "ބުލެޓިންގެ ޗާޓު 10" އިން ދައްކުވައިދޭ ފަދަ އިން ދައުލަތުގެ ރިޒާވް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ވަނީ މައްޗަށް ގޮސްފަ އެވެ. އަދި ޖުލައި މަހުން ފެށިގެން ދައުލަތުގެ ރިޒާވް ކޮންމެވެސް މިންވަރަކަށް ދަށްވެފައިވެ އެވެ. އެހެންނަމަވެސް، 2017 ވަނަ އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް 2016 ވަނަ އަހަރަށް ވުރެން އިތުރުވެ، 480.1 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި އަންނަ އަހަރު ނިމޭއިރު މި އަދަދު 593.6 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށް ވެސް ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.

"...އިގްތިސާދުގެ އެހެނިހެން ބައިތަކަށް ބަލާއިރު، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ މިންވަރު ހަލުއިވެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެ އެވެ. އަދި ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓި، އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ކަރަންޓް އެކައުންޓް ޑެފިސިޓް ދަށްވާނެ ކަމަށް ވެސް އަންދާޒާކުރެވެ އެވެ. އެހެންކަމުން ޖުމްލަ ގޮތެއްގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމަށް އެމްއެމްއޭއަށް ލަފާކުރެވޭ ވާހަކަ ދަންނަވަމެވެ،" އެމްއެމްއޭއިން ބުނެފައިވެ އެވެ.

އިގްތިސާދުގެ އެހެނިހެން ބައިތަކަށް ބަލާއިރު، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ މިންވަރު ހަލުއިވެ އުފެއްދުންތެރިކަން އިތުރުވެގެންދާނެކަމަށް ބެލެވެ އެވެ. އަދި ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް އެއް މިންވަރެއްގައި ހިފެހެއްޓި، އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ކަރަންޓް އެކައުންޓް ޑެފިސިޓް ދަށްވާނެ ކަމަށް ވެސް އަންދާޒާކުރެވެ އެވެ
އެމްއެމްއޭގެ ބަޔާން

އެމްއެމްއޭއިން ބުނީ، ޝާއިއުކުރާ ރިޕޯޓްތަކުގެ މަގްސަދަކީ އިގްތިސާދީ ދާއިރާ އާއި މާލީ ދާއިރާއާ ގުޅޭގޮތުން އާންމުންގެ ތެރެއިން ވީހާ ވެސް ގިނަ ބަޔަކަށް މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކޮށް ތަފާސްހިސާބުތައް ވަގުތުން ވަގުތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ރިޕޯޓްތަކުގައި ހިމެނޭ މައުލޫމާތުތައް އެކުލަވާލުމުގައި އެމްއެމްއޭ އިން ގެންދަނީ ވަކި މިންގަނޑުތަކެއް ހިފަހައްޓަމުން ކަމަށް ބުނެފައިވެ އެވެ.

" ވީމާ، ރިޒާވް އާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭގޮތަށް މައުލޫމާތު ނުފެތުރުމަށާއި އެމްއެމްއޭއިން ޝާއިއުކުރާ ރިޕޯޓްތަކުގައި ހިމެނޭ މައުލޫމާތުތައް މާނަ އޮޅޭ ފަދަ ގޮތަކަށް ބޭނުން ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ."