ހަބަރު

ނަޝީދުގެ ޝަރީއަތް ފުރިހަމަ ނޫން ކަމުގެ އިޝާރާތް ސަރުކާރުން ވެސް ލިބޭ: އދ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލި ޝަރީއަތް ކުރިއަށް ގެންދިއުމުގައި ރަނގަޅު ނޫން ކަންތައްތަކެއް ހިނގާފައިވާ ކަމުގެ އިޝާރާތްތަކެއް ދިވެހި ސަރުކާރުން ވެސް ލިބެމުންދާ ކަމަށް އދ.ގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ނަޝީދު ޖަލުގައި ހުންނަވަނިކޮށް ބައްދަލުކުރެއްވި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުގެ އިސް އޮފިޝަލެއް ކަމަށްވާ މޯނާ ރިޝްމާވީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ނަޝީދަށް ހުކުމް އައުމުގައި ރަނގަޅު ނޫން ކަންތައްތަކެއް ހިނގި ކަމުގެ އިޝާރާތް ސަރުކާރުން ލިބޭއިރު އެކަމުގައި ސަރުކާރުން ރަނގަޅު ގޮތަށް އަމަލުކުރާނެ ކަމަށް އުންމީދު ކުރެވެ އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ސަރުކާރުގެ އެ އިޝާރާތްތަކަށް ބިނާކޮށް ސިޔާސީ ގޮތުން ރަނގަޅު ފިޔަވަޅެއް އަޅާތަން ފެނުން ... އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސަށް އަދިވެސް އެބައޮތްކަން ވަރަށް ސާފުކޮށް އެނގޭ،" ރިޝްމާވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ހިންގި ޝަރީއަތަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށާއި ފަނޑިޔާރުން އެކި ފަހަރު އެކި ގޮތަށް އަމަލުކުރާއިރު ޖުޑިޝަރީގައި އުނިކަން ބޮޑު ކަމަށެވެ.

"ވަކި ނަތީޖާއެއް ނެރެން ގަވާއިދުތައް ބަދަލުވަމުން ދިޔަކަން ވަނީ ފެނިފައި،" ފެކްޓް ފައިންޑިން މިޝަނެއްގައި މިދިޔަ މަހުގެ 20-23 އަށް ވަޑައިގެން ރިޝްމާވީ ވިދާޅުވި އެވެ.

ޖަލުގައި ނަޝީދުއާ ބައްދަލުކުރެއްވި އިރު ނަޝީދު ސަމާސާކުރައްވައި އުޅުއްވި ކަމަށާއި އެކަމަކު އޭގެ މާނަ އަކީ ނަޝީދު ހަމަޖެހިގެން ހުންނެވި ކަމަށް ނިންމޭނެ ކަމެއް ނޫންނެވެ. އަދި ޖަލުގައި ނަޝީދަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. -- ރޮއިޓާސް