ވިޔަފާރި

ޓޫރިޒަމް ސީޒަނާ ދިމާކޮށް އެއާޕޯޓަށް ބާރު ބޮޑުވެއްޖެ

  • އެއާޕޯޓް ޓްރެފިކް 35 ޕަސެންޓް މަތިވެފައިވޭ
  • މި އަހަރު ޓޫރިޒަމް ހަތް ޕަސެންޓް މަތިވާނެ
  • ޖާގައިގެ ދަތިކަން އެއާޕޯޓަށް ކުރިމަތިވެފައިވޭ

ޓޫރިޒަމްގެ މައި ސީޒަނާ ދިމާކޮށް ގިނަ ބަޔަކު ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަން ފެށުމާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފުރި، ބާރު ބޮޑުވެއްޖެ އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން، ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި އަހަރު ވެސް އެއާޕޯޓު ވަރަށް ބޮޑަށް ބާރު ބޮޑުވެފައިވާ ކަމަށެވެ.

"ޓްރެފިކް ވަރަށް ބޮޑު ގްރޯތެއްގައި މިހުރީ. އަހަރު ނިމޭއިރު ގާތްގަނޑަކަށް 35 ޕަސެންޓުގެ ގްރޯތެއް އަންނާނެ. އޯވަރޯލް އެއާޕޯޓް އޮޕަރޭޝަން. ފްލައިޓް މޫމެންޓްސް،" އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ މި އަހަރު ވެސް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓް އަންނާނެ ކަމަށެވެ. މިގޮތުން އާ އަހަރުގެ ރެއާ ދިމާކޮށް 38 ޕްރައިވެޓް ޖެޓް ވީއައިއޭގައި ޕާކު ކުރާނެ ކަމަށް ވިދާޅުވި އެވެ.

"މިދިޔަ އަހަރުގެ ރެކޯޑް ނުހެދި ހިނގައިދާނެ. އެކަމަކު ގިނަ ޕްރައިވެޓް ޖެޓް ތަކެއް އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޓޫރިސްޓު ސީޒަން ފެށުމާއެކު، ގިނަ އަދަދެއްގެ ޓޫރިސްޓުން ވަނީ ރާއްޖެ އަންނަން ފަށާފަ އެވެ. މިއާއެކު މިހާރު ވެސް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ވީއައިއޭ މިހާރު ފެންނަނީ ބާރު ބޮޑު ކޮށެވެ. އަދި ރަންވޭގައި ފްލައިޓް މޫވްމަންޓްތައް ގިނަ އެކަމާ ގުޅިގެން ބައެއް ފްލައިޓްތައް ވަރަށް ގިނަ ވަގުތަށް ޑިލޭ ވެސްވެ އެވެ. އަދި ގިނަ ފްލައިޓްތައް އެއްފަހަރާ ޖައްސާ ވަގުތުތަކުގައި އިމިގްރޭޝަން އާއި ބެގެޖް ބެލްޓްތައް ކައިރީގައި ދިގު ކިޔޫތައް މިހާރު ހަދާފައި އޮވެ އެވެ. މީގެ އެއް ސަބަބަކީ މި އަހަރު އަލަށް އިތުރު އެއާލައިންތަކެއްގެ ދަތުރު ރާއްޖެއަށް ފެށުމެވެ.

މި އަހަރު ދަތުރުފެށި، އާ އެއާލައިންތަކުގެ ތެރޭގައި މިދިޔަ މަހުގެ ދެވަނަ ދުވަހު ޕެރިހުން ރާއްޖެއަށް ދަތުރު ފެށި އެއާ ފްރާންސުން ރާޖެއަށް ދަތުރު ކުރަން ބޭނުންކުރާނީ ބޮއިން 200-777 މަރުކާގެ ބޯޓު ފަހަރެވެ. މި ބޯޓުތަކުގެ 260 އިކޮނޮމީ ކްލާހުގައި ސީޓާއި 24 ޕްރިމިއަމް އިކޮނޮމީ ކްލާސް ސީޓުގެ އިތުރުން، 28 ބިޒްނަސް ކްލާސް ސީޓު ހިމެނޭނެ އެވެ. އަދި މި އެއާލައިން ރާއްޖެއަށް ޕެރިހުން ފުރާނީ ފްރާންސް ގަޑިން ރޭގަނޑު 8:50 ގަ އެވެ. އަދި ރާއްޖެއަށް ޖައްސާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:20 ގަ އެވެ. އަދި ފްރާންސަށް ފުރާނީ ކޮންމެ ބުރާސްފަތި އަދި އާދިއްތަ ދުވަހެއްގެ މެންދުރު 1:05 އެވެ. މީގެ އިތުރުން އިޓަލީގެ ވެރިރަށް ރޯމުން ރާއްޖެއަށް ދަތުރު ފެށި، އަލިތާލިއާ އިން ބޭނުންކުރަނީ 250 މީހުންގެ ޖާގައި، އެއާބަސް 330 މަރުކާގެ ބޯޓެކެވެ. މީގެ އިތުރުން މިހާރު ދަތުރުކުރާ ގިނަ އެއާލައިންތަކެ ވަނީ ޖާގަ ބޮޑުކޮށް، ގިނަ މީހުން އުފުލޭނެ ފްލައިޓްތަކަށް އަޕްގްރޭޑް ވެސް ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1,246,501 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 1,166,605 މީހުންނާ އަޅާބަލާއިރު 6.8 ޕަސެންޓް އިތުރުވުމެކެވެ.

ސަރުކާރުން ދަނީ ވީއައިއޭ ތަރައްގީ ކުރުމަށް ބިޔަ މަޝްރޫއެއް ކުރިއަށް ގެންދަމުންނެވެ.

އެއާޕޯޓްގެ އުސްއަލިތައް

- އާ ޓާމިނަލްގެ ބޮޑުމިން: 90،000 އަކަ މީޓަރު
- ދަތުރުވެރިންގެ އަދަދު: 7.2 މިލިއަން
- އާ ރަންވޭގެ ދިގުމިން: 3400 މީޓަރު
- އާ ރަންވޭގެ ފުޅާމިން: 60 މީޓަރު
- އަލަށް ހަދާ ފިއުލް ފާމްގެ ކެޕޭސިޓީ: 48 މިލިއަން ލީޓަރު
- ޓާމިނަލްގައި ބަހައްޓާ އެއިރޮބްރިޖްގެ އަދަދު: 9
- 40 ޑީޕާޗާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ޒަމާނީ ބެގޭޖް ސްކްރީނިން ބެލްޓްތައް
- ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ކުރަން ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. މީގެ އިތުރުން ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.