ކުޅިވަރު

އިސްތިއުފާދޭން ޖެހޭ ސަބަބެއް ނެތް، މިީ ކުރިމަގަށް ކުރާ މަސައްކަތް: ބައްސާމް

މިދިޔަ ހަތަރު ވަރަކަށް އަހަރު އެފްއޭއެމް ކުރިއަށް ދިޔައީ، ދިވެހިން އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ. އިންތިހާބީ މައްސަލަތަކާއެކު، ފުޓްބޯޅައިގެ ހިންގުމުގެ ނިޒާމުގައި އޮތީ ކޯޅުން ތަކެވެ. މައްސަލަތަކާއެކު ފުޓްބޯޅަ ގެންދަން ބޭނުންވާ ބާރު މިނުގައި ކުރިއަކަށް ނުދެވުނެވެ.

މިހާރުގެ ރައީސް ބައްސާމް އަދީލްގެ އެކްސްކޯ އިންތިހާބުވެ، އަހަރެއް ފުރިހަމަ ވީ އެވެ. މިއީ ފަސް ވަރަކަށް އަހަރު ފަހުން ރާއްޖޭގެ ފުޓްބޯޅައިގައި، ކޯޅުމެއް ނެތި ހިންދެމި ލެވުނު ފުރަތަމަ ފަހަރެވެ. އިދާރީ ހިންގުމުގެ އޮނިގަނޑާއި ނިޒާމުތަކަށް ވުރެ، އާންމުންނަށް ފެންނަ ކަމަކީ، ދަނޑުމަތީގައި ހޯދާ ނަތީޖާ ތަކެވެ. އެކަމުގައި ރާއްޖެއަށް މާބޮޑަށް ގެންޖެހުން ކަރިމަތިވި އެވެ. މިދިޔަ އެއް އަހަރަކީ، ގައުމީ ޓީމުތަކުގެގެ މެޗުތައް އެންމެ ގިނައިން ކުޅެވުނު އަހަރެވެ. ޒުވާން އުމުރުފުރާގެ ޓީމުތަކާއި ސީނިއާ ގައުމީ ޓީމުވެސް މެއެވެ.

އެފްއޭއެމްއާ ދިމާލަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި ދާއިރާއަކީވެސް އެއީ އެވެ. ޓީމުތަކުގެ ނަތީޖާ ދަށް ވުމެވެ. ސީނިއާ ޓީމުގެ ކުޅުމުގެ ފެންވަރު ދަށް ވުމެވެ. ރާއްޖޭގެ އެންމެ ގިނަ ބަޔަކު، ޝާމިލުވާ އެއް ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެހެންވެ ފުޓްބޯޅައާ ގުޅުން ހުރި ކަންކަމުގައި ދިވެހިންގެ ކަންބޮޑުވުން އޮތެވެ. މިއިން ޒަމާނަކު ފުޓްބޯޅައާ މެދު އާންމުން ކަންބޮޑު ނުވާވަރަށް، މި އެއް އަހަރުތެރޭ ކަންބޮޑުވުން އޮތެވެ. އެފްއޭއެމް އާއި ބައްސާމް އަށް ފާޑު ކިޔުން އޮތެވެ. ކުޅިވަރުގައި މި ވޭތުވެދިޔަ އެއް އަހަރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި އެކަކަށް ވާނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް އެވެ. އޭނާ މަގާމުން އިސްތިއުފާ ދޭން ގޮވާލުމުގެ އަޑުތައް ވެސް ގަދަ ވިއެވެ. ނަމަވެސް ބައްސާމް ވިދާޅުވީ، އޭނާ ކުރަމުން ދަނީ ކުރިމަގަށް ކުރާ މަސައްކަތެއް ކަމަށެވެ. މާޒީގައި އެ މަސައްކަތް ކޮށްފައި އޮތްނަމަ، މިއަދު ދިވެހި ފުޓްބޯޅައިގައި ތަކުރާރު ވަމުންދާ މަންޒަރު ތަކުރާރުވާން ނުޖެހުނީސް ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުމެއް ނޫން މިހާރު މި އޮތް މަންޒަރު، ކުރިމަގުގައި ތަކުރާރު ވާކަށް، މި މަންޒަރު މިއަދު ފެންނަން މިޖެހުނީވެސް ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެވެސް ބަޔަކު މިކަން ނުކޮށް އޮތީމަ،" ބައްސާމް ވިދާޅުވި އެވެ. "ކުރިން މިކަން ނުކޮށް އޮތުމަކުން އަޅުގަނޑުގެ ޝަކުވާއެއް ނެތް، އަޅުގަނޑު މިހާރު މިހުރީ މި މަސައްކަތްވެސް ވެސް ކުރަން، މިކުރާ މަސައްކަތުގެ ނަތީޖާ އަޅުގަނޑު އެފްއޭއެމްގައި ހުއްޓައި ނުފެނިދާނެ، އެހެންނަމަވެސް އޭރު އަންނަ ބަޔަކަށް މީގެ ފޮނި މީރުކަން ލިބިގެން ދާނެ."

މިއީ ބައްސާމުގެ ވާހަކަ އެވެ. މިފަދަ ކިތަންމެ ވާހަކަ އަކަށް ތިރީގައި މިވާ އިންޓަވިއު އިން ޖަވާބު ލިބިގެންދާނެ އެވެ. މިއީ ބައްސާމްގެ އެކްސްކޯ އަށް އެއް އެއް އަހަރު ފުރުމާ ގުޅިންގެން 'އަވަސް' އަށް އޭނާ ދީފައިވާ އިންޓަވިއުއެއްގެ ބައެކެވެ.

ބައްސާމް ދައުރު ފަށައިގަތީ އެފްއޭއެމް އާއި ރާއްޖޭގެ ފުޓްބޯޅަ އުނދަގޫ ހާލަތެއްގައި އޮއްވައި، އެ ހާލަތުގެ ތެރެއިން މިދިޔަ އެއް އަހަރު ތެރޭ ކުރެވުނު މަސައްކަތާ މެދު ކީކޭތޯ ބުނާނީ؟

"އެންމެ ފުރަތަމަ ﷲ އަށް ހަމްދު ކުރަން، އަޅުގަނޑުމެންގެ މިއޮތް މެނޭޖްމެންޓަށް ވަރަށް ފަސޭހަ ކަމާއެކީ އެއް އަހަރު ނިންމާލެވިގެން މިއޮތް ދަނީ، ފަސޭހައޭ އަޅުގަނޑު މި ދެންނެވީ މިދިޔަ ދެތިން ހަރަކަށް ބަލައިފިއްޔާ އަބަދުވެސް އެފްއޭ ތެރޭގައި މި އޮންނަނީ ކޯޅުންގަނޑެއް، ކޮންމެވެސް ކަހަލަ ކަމެއް އެބަ ކުރިމަތިވެގެން އެފްއޭގެ ސްޓެބިލިޓީ [ހަމަޖެހުމަށް] މިއޮތީ ބުރޫތަކެއް އަރަފާ، އެހެންނަމަވެސް އަޅުގަނޑަށް މިހާރު ދަންނަވަން ކެރިދާނެ ސެޓެބިލިޓީ އައުމާ ދިމާލަށޭ އެފްއޭއަށް މި ދެވެނީ، އެހެންވީމަ އެއީ އަޅުގަނޑު ޝުކުރު އަދާ ކުރަން ބޭނުންވާ ކަމެއް،"

"ދެން މި އަހަރަކީ އެފްއޭގެ މި މެނޭޖްމެންޓުން ގިނަ ކަންކަމެއް ރާވާ، ގިނަ ކަންކަމެއް ފަށައި ގަނެވިގެން ދިޔަ އަހަރަކަށް ވެގެން މިދިޔައީ، ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަން އެންމެންވެސް ފާހަގަ ކުރޭ، އެކަން އަޅުގަނޑުމެންވެސް ގަބޫލު ކުރަން، އަޅުގަނޑުމެން އައީވެސް ވަރަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ ނިޔަތުގައި، އެގޮތުގެ މަތިން އައިސްގެން އަޅުގަނޑު ފުރަތަމަ ވީ ވައުދުތައް ފުއްދިގެންދާތަން ފެނިގެން ހިނގައްޖެ،"

"އެންމެ ބޮޑު ވައުދަކީ މާލީ ގޮތުން ކުލަބުތަކަށް އެހީތެރިކަން ފޯރުވުން، އަދި އަތޮޅުތެރޭގެ ޓީމުތަކަށް ވަރަށް ބޮޑު ފުރުސަތެއް ލިބިގެން ގޮސް ރާއްޖޭގެ މަތީ ފަންތީގައި ވާދަ ކުރެވޭނެ ގޮތެއް ހެދިގެން ދިއުން، އެކަން އެގޮތަށް ވެގެން އަތޮޅުތެރޭގެ ޓީމުތައް އައިސް ވާދަ ކޮށް ބައެއް ފަހަރު ވަރަށް ހައިރާން ކުރުވަނިވި ނަތީޖާތަކެއްވެސް ނެރެގެންދާތަން ފެނިގެން ހިނގައެއްޖެ."

ކުލަބުތަކަށް މާލީ އެހީތެރިކަން ފޯރުވުމާއި އަތޮޅު ތެރޭގެ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިދިނުން މިއީ އަދި ފެށުމެއް،

ބައެއް ފަރާތްތަކުން ފާހާގަ ކުރޭ ބައްސާމް ވިދާޅުވި ސްޕީޑްގައި މަސައްކަތް ކުރިއަށް ނުދާ ވާހަކަ ބައެއް ކަންކަން ކުރިން ދެއްވި ޓައިމް ލައިނަށް ވުރެ ފަހުންވެސް ފެށިފައި އެބަހުރި ކޮބާތޯ މައްސަލައަކީ؟

"މީގައި ވާގޮތަކީ އިންފްރާސްޓަރަކްޗާ އަށް ބަލައިފިއްާ ޑިޕެންޑް [ބަރޯސާ] ވާން ޖެހެނީ ބޭރު ބަޔަކަށް، މާލޭގައި މިހާރު އަޅާ މިނީ ޕިޗް ތަކަކީވެސް އޭއެފްސީގެ އިނިޝިއޭޓެއް، އެ ބޭފުޅުންނަށް އަންނަ ލަސްކަމެއް މި އަންނަނީ، އަތޮޅު ތެރޭގައި އަޅުގަނޑުމެން ވިސްނުން ގެންުޅެނީ ނެޗްރަލް ގްރާސް ޕިޗްތަކަށް ދާން، އެއަށް ބަަލއިފިއްޔާ އެކަމުގައިވެސް އަޅުގަނޑުމެން ޑިޕެންޑް ވާން ޖެހޭނީ ބޭރުބަޔަކަށް، މިހާރު އިންޑިއާގެ ކުންފުންޏަކާއެކު ވަނީ އެކަމަށް އެއްބަސްވެ އެއްބަސްވުމުގެ ސޮއި ކުރުމާ ފައިނަލް ސްޓޭޖަށް ދެވިފައި،"

"ލަސްތައް އައުމުގައި، އަޅުގަނޑުމެން ބޭނުންވާ ސްޕީޑަށް ނުގެންދެވުމުގައި، ދިމާވާ މައްސަލައަކީ އެހެން ފަރާތެއްގެ މަސައްކަތް ވަންނާތީ އާއެކީގައި، އަޅުގަނޑު ދަންނަވާފައިވާނެ ބޮޑު ޓާފް ދަނޑާކާއި، ދެ ބުރި އިމާރާތެއް އަޅާ ވާހަކަ ވެސް، އެއީވެސް ފީފާގެ ފޯވަޑް ޕްރޮގްރާމްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ ކަމެއް، އަލުގަނޑުމެން ވާނެ މި ކޮޅުން ކުރަން ޖެހޭ މަސައްކަތް ނިންމައި، ފީފާ އަށް ޕްރަޕޯސަލް ހުށަހާޅާފަ، ދެން ފީފާ އަށް މިއޮތީ އެކަން އެޕްރޫވް ކުރުމުމާއި ނުކުރުން، އަޅުގަނޑަށް ބެލެވެނީ ފީފާގެ މަސައްކަތްތައް އެހެން ސަރަހަައްދުތަކުގައިވެސް ހިނގާތީ އާއެކު ކަންނޭންގެ ލަސް ވެގެން މިދަނީ."

މި ސީޒަންގައި ރެފްރީންގެ ކަންކަން ދިޔަ ގޮތުން، ވަރަށް ގނަ މައްސަލަތަކެއް ފެންމަތިވި، ކުލަބު ތަކުގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ވެސް ހުރި، ރެފްރީންގެ ޑިވްލަޕްމެންޓް މަސައްކަތްތައް ކިހިނެއްތޯ ކުރިއަށް ގެންދަވަނީ؟

"އަޅުގަނޑުމެން އެންމެ ބޮޑަށް އަމާޒު ހިފަން ބޭނުންވާ ދިމާލަކީ ރެފްރީންގެ ކަންކަން، ނިމިދިޔަ ސީޒަންގައި ބޮޑަށް ފެނިގެން ދިޔައީ ބިދޭސީ ރެފްރީންތައް ރެފްރީކަން ކުރާތަން، މިއީ އެއްގޮތަކަށްވެސް އަޅުގަނޑު ބޭނުންވާ ކަމެއް ނޫން، އަޅުގަނޑު ބޭނުންވަނީ ދިވެހި ރެފްރީންނަށް މި ފުރުސަތުތައް ލިބި ރެފްރީކަން ކޮށްގެން ކުރި އަރާތަށް ފެނިގެން ދިއުން،"

"އަޅުގަނޑު ބުނެފައި އޮންނާނެ ބޭރުގެ ރެފްރީސް ޑައިރެކްޓަރެއް ގެނެސް މި ކޮޅުގައި މަސައްކަތް ކުރާނެ ވާހަކަ، އެ މަސައްކަތް ކުރިއަށް އެބަދޭ، އޭއެފްސީއާ ގުޅިގެން އަޅުގަނޑުމެން ފުރަތަމަ މިހެދީ ރެފްރީންނާ ބެހޭ އެސެސްމެންޓެއް، އެއެސެސްމެންޓަށް ބޭސްކޮށް އަޅުގަނޑުމެންނަށް އެބައޮތް ރިޕޯޓެއް ފޮނުވާފައި، އެޔާއެކީ ރެފްރީސް ކޮމިޓީން މަސައްކަތް ފަށައި ވަރަށް އެކްޓިވްކޮށް އެބަދޭ އޭގައި ހުރި ކަންކަން އިމްޕްލިމެންޓް [ތަންފީޒު] ކުރުމަށްޓަކައި، އޭއެފްސީން ވެސް އަޅުގަނޑަށް ދީފައި އޮތް ލަފާ އަކީ މި ހުރިހާ ކަމެއް ނިމުމަށްފަހު ރެފްރީސް ޑައިރެކްޓަރެއް މިކޮޅަށް [ރާއްޖެ އަށް] އަޔަން ކުރުމޭ އެބޭފުޅުންގެ ލަފަޔަކީ، (ރެފްރީސް ޑައިރެކްޓަރު) އަޔަން ކުރުމުގެ ކުރިން ފުރިހަމަ ކުރުމުގެ ކަންކަން ފުރިހަމަ ކުރަމުން މިދަނީ، ދެން މީގެތެރޭގައި ރެފްރީންގެ އުޖޫރައިގެ މައްސަލަތަކެއްވެސް އެބައުޅޭ، އެހެންވީމަ އެބައިތައްވެސް ބައިބަޔަށް އަދާ ކުރަމުން، މަސައްކަތް ފަށައިގެން ކުރިއަށް މިހާރު އެދަނީ އެހެންވެ އިރާދަ ކުރެއްވިއްޔާ އަންނަ އަހަރުގައި ދިވެހި ރެފްރީންނާއެކީގައި ސީޒަންގެ ބޮޑުބައެއް ކުރިއަށް ދެވޭނެ."

ބައްސާމް އާއި އެފްއޭއެމް އަށް ސިޔާސީ ފަރާތްތަކުގެ ސިޔާސީ ނުފޫޒު އޮންނަ ކަމުގެ ތުހުމަތުގެ އިނގިލި ދިއްކުރޭ، އެއްވެސް ސިޔާސީ ނުފޫޒެއް އެބައޮތްތޯ ބައްސާމް އާއި އެފްއޭއެމްގެ މަސައްކަތްތަކެއް ވަކި ގޮތަކަށް ގެންދިއުމަށް؟

ސިޔާސީ ފަރާތްތަކުން ސިޔާސީ ކަމެއްގައި ނުފޫޒެއް ނެތް، އެހެންނަމަވެސް ސަރުކާރުން އާދޭ ޕްރެޝާ އަތޮޅުތެރޭގެ ފުޓްބޯޅަ ތަރައްގީ ކުރަން، އަތޮޅުތެރޭގެ ޓީމުތަކަށް ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައިން ފުރުސަތު ތަނަވަސް ކޮށްދިނުމަށް، އަދި އަތޮޅުތެރެއަށް ފުޓްބޯޅައިގެ އިތުރު މަގުތަކެއް ތަނަވަސް ކޮށްދިނުމަށް، މި ޕްރެޝާ އަޅުގަނޑަށް އާދޭ، އެކަން އިރާދަ ކުރެއްވިއްޔާ ކުރަމުންވެސް މިދަނީ އެނޫން އެހެން ގޮތަކުން ނުފޫޒެއް ނާދޭ،"

"ސިޔާސީ ގޮތުން ސިޔާސީ ފަރާތެއްގެވެސް އަދި އެހެން އެއްވެސް ފަރާތެއްގެވެސް ސިޔާސީ ނުފޫޒެއް އަޅުގަނޑަކަށް ނާދޭ، އަދި އެފަދަ ނުފޫޒެއް އަޔަކަވެސް ނުދޭނަން."

އެފްއޭމްގައި ހުރެ ސިޔާސީ މަގާމަކަށް ކުރިމަތި ލާ ފާނަންތޯ؟ ނުވަތަ އެފަދަ މަގާމެއް ހުށަހަޅައިފިނަމަ ގަބޫލު ކުރާނަންތޯ؟

"ހީ އެއް ނުވެ، މުސްތަގުބަލުގައި ވާނެ ގޮތެއް ނޭންގެ، މިވަގުތު އަޅުގަނޑަށް ދަންނަވަން ކެރިދާނެ ހީ އެއް ނުވޭ."

މިފަހަރު ފުޓްބޯޅަ ކަލަންޑަރު ދިމަވި ގޮތުން، ފުޓްބޯޅަ ސީޒަންގައި ވަރަށް ބޮޑު ހުސްކަމެއް އައި، ކުޅުންތެރިން ސީޒަންގެ ބަކީ ބައި ނުކުޅެ ހުންނަން ޖެހުނު، ބޮޑެތި ކުލަބުތަކުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓިގެން ދިޔަ، މިއީ ގައުމުގެ އެންމެ މަތީ ޑިވިޝަންގައި ވެގެންވާނެ ގޮތްތޯ؟

"މި އަހަރުގެ މޭލޭ ލީގަށް ފަހު ބާއްވަން ހަމަޖެހިފައި އޮތް ކޮލިފިކޭޝަން މުބާރާތް ކެންސަލް ވުމުގައި އެފްއޭގެވެސް ވަރަށް ބޮޑު އިހުމާލެއް އެބައޮތް، އެފްއޭގެ ޝެޑިއުލް ނުވަތަ މެޗުތައް ރޭވީއިރު މިއޮތީ ދެ ވަނަ ޑިވިޝަނާއި މާލެ ލީގް ނިމުން މި އޮތީ ވަރަށް ބޮޑު ގެޕެއް އައިއްސްފަ، ގާތްގަނޑަކަށް ދޮޅުމަސް ނުވަތަ ދެ މަހުގެ ގެޕެއް އައިސް އޮތް، ހަގީގަތުގައި ދެ ވަނަ ޑިވިޝަން ޓީމުތަކަށް އިތުރު ހަރަދެއް ހިނގާނެ ދެ މަހަށް ވެގެން މިދަނީ، އެބޭފުޅުންނަށް އެވަރަށް ތައްޔާރު ވެވެން ނެތުމާއެކުގައި މުބާރާތުގައި ބައިވެރި ނުވީ،"

"އެހެންވީމަ އަޅުގަނޑުމެން މި ކަމަށް ބަލާނަން، އަޅުގަނޑު މިހާރުވެސް ލަފާ ދީފައި ވާނީ، ސެކަންޑް ޑިވިޝަނާ އަދި މާލޭ ލީގް އެކީއެކުގައި ނިމެނޭ ގޮތަށް ތާވަލު ކުރަން އަންގާފައި ވާނީ، ދެން މީގައި އަޅުގަނޑު ދަންނަވާފައި ވާނީ ހަފުތާއެއް ނުވަތަ ދެ ހަފުތާ ވަރުގެ ތަފާތެއް އައުން އެއީކީ މައްސަލައެއް ނޫނޭ، އެހެންވީމަ އިރާދަ ކުރެއްވިއްޔާ މިއަހަރު އެދިމާވި ކަހަލަ މައްސަލައެއް އަންނަ އަހަރު ދިމާނުވާނެ، އެ ޔަގީންކަން އަޅުގަނޑު ދޭން ބޭނުން."

ޕޮމިސް ކަޕްގެ ނަމުގައި ގައުމީ ޓީމުތަކުގެ މުބާރާތެއް ރާއްޖޭގައި ފެށޭ އަހަރު ބާއްވާނެ ކަމަށް އެފްއޭއެމުން އޮތީ އިއުލާން ކޮށްފަ، އެ މުބާރާތް އަންނަ އަހަރު ބޭއްވޭނެތޯ؟ އެހެން ވެއްޖެނަމަ އެކަމަށް ކުރެވޭ މަސައްކަތްތަކަކީ ކޮބާތޯ؟

އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕްވެސް އޮތުމާއެކީގައި އަޅުގަނޑުގެ ވިސްނުން މިހާރު ހުރީ އޯގަސްޓް މަސް ތެރޭގައި، ޓަރައިނޭޝަން އިންޓަނޭޝަލް މުބާރާތެއް ރާއްޖޭގައި ބޭއްވެތޯ ބެލުން،"

"ޓްރައި ޓޭޝަންއޭ މިދެންނެވީ އެހެން ދެ ގައުމެއްގެ ގައުމީ ޓީމާއި ރާއްޖޭގެ ގައުމީ ޓީމާއި ޖުމުލަ ތިން ގައުމެއްގެ ގައުމީ ޓީމު ހިމަނައިގެން ރާއްޖޭގައި ބާއްވާ މުބާރާތެއް، މީގައި އަމާޒު ހިފާނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށްޓަކައި ބާއްވާ މުބާރާތެއްގެ ގޮތުގައި، އެހެންނަމަވެސް މިއީ ޕޮމިސްކަޕްގެ ގޮތުގައިވެސް ބޭއްވިދާނެ މުބާރާތެއް، އަޅުގަނޑު ވާނީ ޓެކްނިކަލް ކޮމިޓީ އާއި ކޮމްޕްޓީޝަން ކޮމިޓީއަށް މި މަސައްކަތް ހަވާލު ކުރެވިފައި، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، އަޅުގަނޑަށް ހީވަނީ ޑިސެމްބަރު މަސް ތެރޭގައި މުޅިން މީތި ފައިނަލު ކޮށްލެވިގެން ދާނެހެން."

ސަރުކާރުގެ ކުންފިނިތައް މެދުވެރިކޮށް ކުލަބުތަކަށް ފައިސާ ދިނުން އެއީ ކުލަބުތައް ތަރައްގީ ކުރުމަށް އެންމެ އައިޑިއަލް ސޮލިއުޝަން ބާއޭ ހިތައް އަރާ، ކުންފުންޏަކުން ކުލަބަށް ކޮންމެ އަހަރަކު ތިން މިލިއަން ރުފިޔާ ދޫކޮށްލަން ޖެހުމަކީ އިގްތިސޯދީ ގޮތުން ބަލާއިރުވެސް އެންމެ ދެމެހެއްޓެނިވި ގޮތެއް ނޫން، މި ދެ އަހަރަށް ފަހު މިކަމަށް އެހެން ފޯމިއުލާއެއް ނެތްތޯ؟

"ކުންފުނިތަކުން ކުލަބުތަކަށް މި ދޫކުރާ މާލީ އެހީތެރި ކަމަކީ، އަޅުގަނޑު ދަންނަވާނީ އެއީކީ ސޮލިއުޝަނެއް ނޫން އެނގޭތޯ، އެއީ މިވަގުތަށް ފަރުޖައްސާލެވެން އޮތް ކަމެއް، އެހެންނަމަވެސް، އަޅުގަނޑުމެންގެ މިހާރުގެ ވިސްނުން މިއޮތީ، މި ކުންފުނިތަކަށް ފަހު ޕްރައިވެޓް ސެކްޓާއާ ހަމަޔަށް އަމާޒު ހިފުން، ބޮޑަށް އަޅުގަނޑު މިބަލަނީ ޓްއަރިޒަމް އިންޑަސްޓްރީގެ ކުންފުނިތަކާއެކީގައި ލޯންގް ޓާމް ޕްލޭނެއްގެ ދަށުން ޓީމުތަކާ ގުޅުވައިގެން މިކަން ގެންދަން،"

"މި ކަމުގައި ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވުމުގެ ފެހި ސިގްނަލް ދެއްވާފައި އޮތީ، އެހެންވީމަ އަޅުގަނޑު މިއަންނަ އަހަރު ކުރާނެ އެންމެ ބޮޑު މަސައްކަތަކަށް ވާނެ ޕްރައިވެޓް ސެކްޓާ އޮންބޯޑް ކުރުމާއެކީގައި ޓްއަރިޒަމް އިންޑަސްޓްރީގެ މި ކުންފުނިތަކާއެކީގައި ކުލަބުތައް އެކުވެގެންދާތަން ފެނުން، އެމަސައްކަތް އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު ތެރޭގައި އަޅުގަނޑުމެން ފާށާނަން."

ޕްރައިވެޓް ސެކްޓާގެ ކުންފުނިތަކާއެކު ކުލަބުތައް ގުޅިގެންދާ ގުޅުން ދާނީ އިންވެސްޓްމެންޓެއްގެ ސިފައިގައިތޯ؟

"އިންވެސްޓްމެންޓެއްގެ ސިފައިގައި ދާނީ، ސަރުކާރުގެ ކުންފުނިތަކާއެކު ހެދި އެއްބަސްވުންތަކުގައިވެސް އަޅުގަނޑުމެން ވާނީ ކުލަބުތަކަށް ދަންނާވަފަ މީގެއިން ކޮންމެވެސް އަދަދެއް އިންވެސްޓްމެންޓަކާ ދިމާލަށް ދާށޭ، އިންވެސްޓްމެންޓެއް ހަދައިފި ކަމަށްވާނަމަ މުސްތަގުބަލުގައި ފައިސާ ވަންނާނެ އިތުރު މަގެއް ފަހިވެގެން ދާނެ،"

"ކުލަބުތައް އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމެއް، އެހެންވީމަ މި މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން މި މަޝްވަރާތައް ކުރެވިފައި ވާނީ، އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ އަދި މި ދޫކުރެވޭ ފައިސާއިން އެވަރުގެ އަދަދެއް އެކަހެރި ކޮށްފި ކަމުގައި ވާނަމަ ތަން ކޮޅެއް އުނދަގޫތަކެއް ކުލަބުތަކާ ދިމާ ވަނީ ކަންނޭންގެ، އެހެންނަމަވެސް އަޅުގަނޑު މިއަންނަ އަހަރުވެސް އެބޭފުޅުން [ކުލަބު ތައް] ކައިރިން އެދޭނަން ކޮންމެވެސް ކަހަލަ އިންވެސްޓްމެންޓަކާ ދިމާލަށް ދާން، ކުލަބުތަކުގެ ވިސްނުންވެސް އެބަހުރި މި ލިބޭ ފައިސާއިން ކޮންމެވެސް ވަރެއް އިންވެސްޓްމެންޓަކާ ދިމާލަށް ގެންދިއުމަށް."

ބައްސާމްގެ ވަރަށް ބޮޑު ވައުދެއް އަންހެން ފުޓްބޯޅަ ތަރައްގީ ކުރުމަށް މަސައްކަތް ކުރުން، ނަމަވެސް އަންހެން ފުޓްބޯޅަ ތަސައްވަރު ކުރެވުނު ގޮތަކަށް މި އަހަރު ނުދިޔަ، ކޮބައިތޯ މިހެން ވާން ޖެހުނު ސަބަބަކީ؟

މީގައި ވަރަށް ބޮޑު ބައެއް އަދާ ކުރޭ އަޅުގަނޑުމެން އަތުގައި އޮންނަ ވަސީލަތްތައް، އަޅުގަނޑުމެން އަތުގައި މި ވަގަުތު އޮތީ ޓާފް ދެ ދަނޑު، އަހަރު ތެރޭ ގާތްގަނޑަކަށް 100 ވަރަކަށް ޓީމު، މިސާލަކަށް ތިން ވަނަ ޑިވިޝަންގައި އެބައުޅޭ 30 ކަށް ޓީމު، ދެ ވަނަ ޑިވިޝަންގައި 10 ޓީމު، ފުރަތަމަ ޑިވިޝަންގައި އަށް ޓީމު، މިހުރިހާ ފަރާތަކަށް ފުރުސަތު ދީފައި އަދި އަޅުގަނޑުމެންގެ އުމުރު ފުރާތަކުގެ ޓީމުތައް ޕްރެކްޓިސް ކޮށްފައި އަހެން ޓީމުވެސް ޕްރެކްޓިސް ކޮށްފައި ހަގީގަތުގައި ނުލިބޭ އަޅުގަނޑުމެންނަށް ދަނޑުތަކުގައި މުބާރާތެއް ބާއްވާކަށް،"

"އަޅުގަނޑުމެން ވަރަށް ބޮޑަށް ފޯކަސް ކުރިން މި އަހަރުތެރޭ އަންހެން ފުޓްބޯޅައިގެ ލީގެއް ބޭއްވުމަށް، އެހެންނަމަވެސް އަޅުގަނޑުމެންގެ ކަލަންޑަރަށް މި އައި ބްރޭކްތަކާ އެކީގައި ވަގުތު ނެތިގެން 11 ސައިޑް މުބާރާތެއް، ލީގެއް ބޭއްވުމަށް އަޅުގަނޑުމެން ކުރި ޕްލޭން ފަހަތަށް ފަހަތަށް ޖެހެމުން ގޮސް ވަގަތު ޖެހުނުއިރު މިއޮތީ ކުލަބުތަކަށްވެސް އެކަމާ އުޅެވޭނެ ވަގުތުތަކެއް ނުލިބިގެން ގޮސް ކެންސަލްކޮށްލަން މި ޖެހުނީ، އަޅުގަނޑު ހަނދާންވާ ގޮތުން އަންހެން ފުޓްބޯޅަ ލީގެއް ބޭއްވުމަށް އިއުލާން ކުރެވިގެން ދިޔަ، އެހެން ނަމަވެސް ކުލަބުތަކަށް ތައްޔާރުވުމުގެ ހާލަތު އެވަގުތު ނުދޭތީއާ އެކުގައި، ބައިވެރިވި ޓީމުތައް މަދުވީމަ އަޅުގަނޑުމެންނަށް މި ޖެހުނީ ކެންސަލް ކުރަން،"

"އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު މިއަށްވުރެ ވަރުގަދަ ކޮށް، އަންހެން ފުޓްބޯޅަ ކުރި އަރާތަން ފެނިގެންދާނެ، ވަރަށް ބޮޑަށް ފޯކަސް ބަހައްޓަފައި ހުންނާނެ އަންހެން ފުޓްބޯޅަ ކުރި އެރުވުމަށް، އޭގެ ހެއްކެތް އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އަޅުގަނޑުމެން ހަމަޖައްސާފައި ވާނީ ވެސް ރާއްޖޭގެ ވަރުގަދަ ކޯޗެއް."

މާލޭ ލީގްގައި އޮތް ވާދަވެރިކަން ދިވެހި ޕްރިމިއާ ލީގްގައި ނެތް ކަމަށް ތަޖުރިބާކާރު ކޯޗުން ބުނި (އެއީ ނަތީޖާތައް ކިތަންމެ ދަށްވިޔަސް ރެލިގޭޓް ނުވާނެކަން އެންމެ ދަށުގައި އޮންނަ ޓީމުތަކަށްވެސް އެނގެތީ)، އެހެންވެ އެއްވެސް ޕްރެޝަރެއް ބައެއް ޓީމުތަކަށް ނެތް މިއީ ހަމަ ގައުމުގެ އެންމެ ބޮޑު ލީގްގައި ފެނިގެންވާނެ މަންޒަރުތޯ؟

ކަލަންޑަރަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން ޖެހޭ، އަޅުގަނޑަށް ހީވަނީ އެންމެ ބޮޑު ބަދަލެއް އަންނާނީ އަތޮޅު މުބާރަތުގެ ފޯމެޓަށް ހެން،"

"އެހެންނަމަވެސް އަޅުގަނޑުގެ ވިސްނުމުގައި ނެތް އަތޮޅު ތެރެއަށް ޕްރިމިއާ ލީގަށް އާދެވެން އޮތް އޮތުން ބަދަލު ކުރާ ކަށެއް، ދިވެހިރާއްޖޭގެ ޕްރިމިއާ ލީގް ކަމަށްވާނަމަ އަތޮޅުތެރޭގެ ޓީމުތަކަށް ބައިވެރި ވެވެންޖެހޭ، ބައިވެރި ވެގެން ވަރުގަދަ މުބާރާތެއްގެ ގޮތުގައި ކުރިއަށް ދާން ޖެހޭނީ،"

"ދެން އަޅުގަނޑުމެން ބަލަންވީ ފުލަށް ދާ ދެ ޓީމު ނުވަތަ ޓީމުތަކާ މެދު އަމަލު ކުރަންވީ ކިހިނެއްތޯ، މިހާރު އެކަން ޑިސްކަޝަންތަކުގެ ތެރޭގައި ދަނީ، ރަނގަޅު ޓެކްނިކަލް ބޭފުޅުން އެ މަސައްކަތް އެބަ ކުރައްވާ އެއަށް ހެދޭނީ ކިހިނެތްތޯ، މި އަހަރުގެ ގަދަ ހަތަރެއް ޕްރިމިއާ ލީގަށް ބާއްވާނީތޯ، އެކަހަލަ މަޝްވަރާތަކެއް ކުރިއަށް މިދަނީ، އަޅުގަނޑަށް ހީވަނީ ޑިސެމްބަރު މަސްތެރޭގައި މިކަމުގެވެސް ފައިނަލް އެއްޗެއް އަޅުގަނޑުމެންނަށް ނެރެވިގެންދާނެ ހެން،"

"މީގައި އަޅުގަނޑުމެންވެސް ބޭނުންވަނީ ވާދަ ވެރި ރޫހެއްގައި، އެންމެ ފަހު މެޗާ ހަމަޔަށްވެސް ވާދަވެރިކޮށް، ކުރިއަށްދާން، އެހެންނަމަވެސް، މިއީ އަޅުގަނޑުމެން އަލަށް މިފަހަރު ފެއްޓި ކަމެއް، ޕްރިމިއާ ލީގްގައި އަތޮޅުތެރޭގެ ހަތަރު ޓީމު ބައިވެރި ކުރުވުން، އެއް މުބާރާތް ނިމުނީމަ ދެން އަޅުގަނޑުމެންނަށް އެނގޭނީ ދެން މިއަށް ގެންނަން ޖެހޭނީ ކޮން ބަދަލުތަކެއްތޯ، މިކަހަލަ ލީގް ތަކަކީ ފޯރިގަދަ ކުރުމަށްޓަކައި އެއް އަހަރުން އަނެއް އަހަރަށް ބަދަލުތައް ގެނެވޭނެ ކަންކަން، މި ގަވައިދުތަކަކީ ދަގަނޑެއްގައި ލިޔާ އެއްޗެއް ނޫން، ޕްރިމިއާ ލީގްގެ މި ގަވާއިދުތަކާއި ފޯމެޓްތަކަކީ ކަރުދާސްތަކެއްގައި ލިޔާ އެއްޗެއް، އެހެންވީމަ ގެނެވޭނެނެ ބަދަލުތައް ހުންނާނެ އަޅުގަނޑުމެންގެ ކޮމިޓީތައް ޑިސްކަސް ކޮށްގެން ބަދަލުތައް ގެނެވޭނެ، އެހެންވީމަ ކުރިއަށް އޮތް ތާނަގައިވެސް ފޯރިގަދަ މުބާރާތަކަށް ހެދުމަށްޓަކައި ގެންނަން ޖެހޭ ބަދަލެއް އޮވެއްޖެނަމަ އެ ގެންނަން ޖެހޭ ބަދަލުތައް ގެނެވިގެން ދާނެ."

އަތޮޅުތަކުން ޕްރިމިއާ ލީގްގައި ވާދަ ކުރާ ޓީމުތައް، ސްޕޯޓްސް ކޮމިޝަނާ ނުވަތަ ސްޕޯޓްސް ކައުންސިލުގެ ދަށުންވެސް ރަޖިސްޓްރީ ކުރެވިފައެއް ނެތް އަދި އޭއެފްސީގެ ދަފުތަރެއްގައިވެސް ނެތް، އަތޮޅުތެރޭގެ ޓީމެއް ޕްރިމިއާ ލީގް ކާމިޔާބު ކޮށްފިނަމަ، އެއިން ޓީމަކަށް އޭއެފްސީ ކަޕަށް ދެވޭނެ ގޮތެއްވެސް ނެތް ރަޖިސްޓަރީ ކުރުމުގެ އެއްވެސް މަރުހަލާއެއް ފުރިހަމަކޮށްފައި ނެތުމުން، އަޮތޮޅު ތެރޭގެ ޓީމެއް ލީގް ޗެމްޕިއަންކަން ހޯދައިފިނަމަ ދެން ކިހިނެތްތޯ ވާނީ؟

މިހާރު އަޅުގަނޑުވާނީ އަންގާފަ، އަންނަ އަހަރު އަތޮޅު މުބާރާތުގައި ވާދަ ކުރެވޭނީ ރަޖިސްޓާޑް ޓީމުތަކަށް، މި އަހަރުވެސް ޕްރިމިއާ ލީގްގައި ކުޅުނު ހަތަރު ޓީމަށް އަންގާފައި ވާނީ، ރަޖިސްޓާޑް ޓީމުތަކުގެ ގޮތުގައި އަންނަ އަހަރު އޮންނަންވާނެ ކަމަށް،"

މިސާލަކަށް އެއިން ޓީމެއް ޕްރިމިއާ ލީގް ނެގިނަމަ އެ ޓީމެއްގެ ރަޖިސްޓްރޭޝަން މަރުހަލާ ކޮންމެވެސް ގޮތަކުން ހަމަޖައްސައި ދޭނަން މި އަހަރަށް، ކުރިއަށްތާކު އެގޮތަށްވެސް ހަމައެއް ނުޖައްސައި ދެވޭނެ، އެހެންވެއްޖެއްޔާމު ރަޖިސްޓްރީ ނުކޮށް އޮތް ކަމުގައި ވާނަމަ އެ ޓީމުތަކަށް ނުއެއް ކުޅެވޭނެ،

ރަށްރަށުގެ ނަމުގައި ޓީމުތައް ރަސްޖިސްޓްރީ ކޮށް ރަސްމީކޮށް މެންބާސިޕް އޮތް ކުލަބެއްގެ ސިފައިގައި ގެންދެވޭނެ އުސޫލަކީ ކޮބައިތޯ؟

"އަޅުގަނޑުމެންގެ ލޯޔަރު ވެސް އެ މަސައްކަތް އެބަކުރައްވާ، ކޮމިޝަން އޮފް ސްޕޯޓްސްއާ އެކު އެ މަޝަވަރަތާއް ކުރެވުނު، މީގައި އިންތިގާލީ އެކްސްކޯއެއް ކަހަލަ ގޮތަކަށް ހަ މަސް ދުވަހު ތެރޭގައި އިންތިހާބެއް ބާއްވައިގެން ގެނެވޭނެ ކަހަލަ ނިޒާމެއް ގާއިމު ކުރުން އަޅުގަނޑުމެނެްގެ ވިސްނުމުގައި އޮތީ، އެކަމަށް އަންނަ އަހަރު ކުރީކޮޅު މަސައްކަތް ވެސް ފަށާނެ، އަޅުގަނޑުމެންގެ ބޭފުޅުން ރަށްރަށަށް ގޮސްގެން، މި ބޭފުޅުންނަށް މި މައުލޫމާތު ދެވިގެން ރަޖިސްޓާޑް ޓީމެއްގެ ގޮތުގައި ފެނިގެންދާނެ،"

"ފުރަތަމަ އިންތިގާލީ އޭ މިދެންނެވީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އޮންނާނެ، އިންތިގާލީ ހަ މަސް ދުވަހުގެ ޕީރިއަޑެއް އެބޭފުޅުންނަށް ދީފައި އެއަށް ފަހު އިންތިހާބީ ބަޔަކު އައިސްގެން ބޯޑުގެ މަގާމުތައް ފުރިހަމަ ވެގެންދާނީ، މިހާރު އިންތިގާލީ ފަސް ވަރަކަށް މީހުން ނަގައިގެން އެ މަސައްކަތް ކުރެވިދާނެ، ރަޖިސްޓްރޭޝަން ޕްރޮސަސް ކުރިއަށް ގެންގޮސް މެންބާޝިޕް އިތުރު ކުރުމާއި މިކަހަލަ ހުރިހާ ކަމެއް ގޮސް އެ ޓީމުތަކުގެ އަސާސީ ގަވާއިދު ތައް ނިމުމަށްފަހު އިންތިހާބަކަށް ގޮވާލެވިގެން ދާނީ، އެއަށްފަހުގައި އޭރުން ރަށްރަށު ޓީމުތަކުގައިވެސް ތިބޭނީ އިންތީހާބީ ބޮޑީ އެއް، މި ބަދަލާއެކީގައި އަތޮޅުތެރޭގެ ޓީމުތައް މިހާރަށްވުރެ ވަރުގަދަޔަށް ފުޓްބޯޅައިން ފެނިގެންދާނެ، އަދި އެކަމަށް ޝައުގުވެރިވާ ބަޔަކު އެ ޓީމެއްގެ އެކްސްކޯއަށް ކުރިމަތިލައި އެ ޓީމަށް ރަނގަޅު ގޮތްތައް ހޯދުމަށް ކުރާ މަސައްކަތް ފެނިގެންދާނެ."

އޮލިމްޕިކް ކޮމިޓީ ރައީސް މުހައްމަދު ޝަވީދު، ބައްސާމް އަށް ނުފޫޒު ފޯރުވާ ކަމަށް އަޑު ފެތުރޭ ބައްސާމް ބޭނުންވާ ގޮތަށް ފުޓްބޯޅައިގެ ވަކި ކަމެއް ނުގެންދެވި ވޭތޯ ޝަވީދު ނުވަތަ އެހެން އެއްވެސް މީހެއްގެ ނުފޫޒު އޮވެގެން؟

"އަޅުގަނޑު މި މަގާމަށް އައުމަށްޓަކައި ނުވަތަ ފުޓްބޯޅައިގެ އެޑްމިނިސްޓްރޭޝަނަށް އައުމަށްޓަކައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި ފަރާތަކީ ހަމަ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު، އަޅުގަނޑު ދަންނަވާނީ ޝަވީދަކީ ރާއްޖޭގެ ފުޓްބޯޅަ އާއި ކުޅިވަރުގެ އެންމެ ނުފޫޒުގަދަ ފަރާތް، އަޅުގަނޑު އެފްއޭއަށް އިންތިހާބުވީ އިރުގައިވެސް އަޅުގަނޑަށް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވި ބޭފުޅަކީ ޝަވީދު،"

"އެހެންނަމަވެސް އަޅުގަނޑު މިތަނަށް އިންތިހާބު ވުމަށް ފަހު މިއަދާ ހަމަޔަށް، އަޅުގަނޑު އޮޕޯނިއަން [ހިޔާލު] އަހަފި ކަމެއް ނޫން ކަމަށް ވަންޏާ، އެއެކަށް އިތުރު ކަމެއް ނާންނާނެ، އެހެންވީމަ މިތާ އެތެރޭގައި ހިނގާ ހުރިހާ ކަމެއް މިއަންނަނީ އެފްއޭގެ އޮތް މެނޭޖްމެންޓުން، އެފްއޭގެ އިންތިހާބުވެފައި އޮތް އެކްސްކޯގެ ނިންމުތައް މި އަންނަނީ، ޝަވީދުގެ އެއްވެސް ބަހެއް މިއަކަށް ލިބިގެންނެއް ނުދާނެ، އަޅުގަނޑު އެހިއްޔާ ނޫނީ، އަޅުގަނޑު ލަފާ އަހާނެ ވަރަށް މުހިންމު ކަމެއް ވާނަމަ، އެހެން ނޫނީ ލަފައަކަށް ނާހަން، ހަމަ އަޅުގަނޑު ބޭނުންވާ ގޮތަށް ބޭނުންވާ ބައްޓަމަކަށް އެފްއޭ ހިނގުމުގެ ކަންކަން ކުރިއަށް މިދަނީ."

ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް، ވަނީ ސާފް ޗެމްޕިއަންޝިޕްގައި ދެން ނުކުޅޭނެ ކަމަށް ބުނެފަ، އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން ރާއްޖެ އަށް ވަރަށް މުހިންމު، އެހެންވެ އަޝްފާގް ޓީމަށް މުހިންމު ކަން ހުދު ބައްސާމް ވެސް ގަބޫލު ކުރާނެ އަޝްފާގް ނިންމުން ބަދަލު ކުރަން ވިސްނުން ގެންގުޅެންތޯ؟

"މި އަހަރު ނިންމާފައި އަޝްފާގް ގައުމީ ޓީމުން ރިޓަޔާ ކުރަންޏާ އަޅުގަނޑު ހަމަ އަޝްފާގްގެ ޑެސިޝަނަށް އިހްތިރާމު ކުރާނަން، ރާއްޖޭގެ ގައުމީ ޓީމަކީ ނުވަތަ ރާއްޖޭގެ ގައުމީ ޓީމުތައް ވެގެންދާނީ އެ ތިބޭ ހުރިހާ ކުޅުންތެރިންގެ މައްޗަށް، ވަކި ވަކި ކުޅުންތެރިޔަކު ހުރެގެންނޭ ކިޔާފަކާއެއް އަޅުގަނޑު ނުދަންނަވާނަން އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނެއެކޭ އަދި ނުލިބޭނެއެކޭ އެއް،"

"އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މޮޅެތި ކުޅުންތެރިން އައިސް ހިނގައްޖެ، އެހެންނަމަވެސް އަޅުގަނޑުމެންނަށް ސަރަހައްދީ ޗެމްޕިއަންކަން ލިބުނީ އެންމެ ފަހަރަކު، އިތުރަށް އަޅުގަނޑުމެންނަކަށް ތައްޓެއް ނެގިފަކާއެއް ނެތް، އެހެންވީމަ އެއީ ވަކި ކުޅުންތެރިޔަކު ނެތިގެން އަދި ހުރެގެން ވާނެ ކަމެއް ނޫން، ފުޓްބޯޅައަކީ ޓީމު ކުޅިވަރެއް އަޅުގަނޑު ގަބޫލު ކުރަނީ ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނޫނިއްޔަކާ ކާމިޔާބު ނުލިބޭނޭ،"

"އެހެންވީމަ އަޅުގަނޑުގެ ވިސްނުމަކީ ސާފް ޗެމްޕިއަންޝިޕަށް އަންނަ އަހަރު ތައްޔާރު ވާއިރު ވަރަށް ޒުވާން ޓީމެއް ތައްޔާރު ކުރުން، ވަރަށް ޒުވާން ޓީމެއް ތައްޔާރު ކުރަން ބޭނުން ވަނީ، މިއީ މުސްތަގުބަލުގައި ރާއްޖެއަށް ކާމިޔާބު ހޯދައިދޭނެ ޓީމު ކަމަށް ވާތީ، ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ކާމިޔާބު ކުރުމަކީ އަޅުގަނޑުމެން ވެސް ވަރަށް އެދޭ އެދުމެއް އަޅުގަނޑުމެންގެ ދިވެހިންގެ އެންމެ ބޮޑު އުންމީދަކަށްވާނީ ވެސް އަންނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުން، އަޅުގަނޑުމެން މިހާރު ބޭނުން ވަނީ އާ ޖީލެއް އުފައްދަން އިމީޑިއޭޓް ސަކްސަ ނުވަތަ އަވަސް ކާމިޔާބުތަކެއް ހޯދާކަށް އަޅުގަނޑުގެ ވިސްނުމުގައި ނެތް."

ގައުމީ ޓީމުގެ ނަތީޖާ ގޯސްވާ ކޮންމެ ފަހަރަކު ކޯޗް އެބަ ވަކި ކުރޭ، ނުވަތަ ބަދަލު ކުރޭ، ކޮންމެ ފަހަރަކު ކޯޗް ވަކި ކުރުންތޯ މިއީ ހަމަ އެންމެ ރަނގަޅު ހައްލަކީ؟

"އަޅުގަނޑުމެން ވަރަށް ގިނަ ޓެކްނިކަލް ބޭފުޅުންނާ މަޝްވަރާ ކުރިން އަދި ހަމައެޔާއެކު ގައުމީ ޓީމުގެ ސީނިއާ ކުޅުންތެރިންނާ މަޝްވަރާ ކުރިން، އަޅުގަނޑުމެން ބެލީ މި ކޯޗް [ޑަރެން ސްޓްވާޓް] އާއެކު ދެން ދާކަމަށް ވާނަމަ، ކާމިޔާބު ތަކެއް ލިބި ދާނެތޯ، ވަރަށް ބައިވަރު މެޗުތަކެއް ލިބިގެން ދިޔައީ، ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ އެއް މެޗުން އަނެއް މެޗަށް ނަތީޖާ ދަށް ވެގެން ދިޔަތަން،"

"ސުވާލަކީ ބަލިވާއިރު ހަމައެކަނި ކޯޗް ތޯ ބަދަލު ކުރަން ޖެހެނީ، ކޯޗް އެކަންޏެއް ނޫން، ބޮޑެތި ބަދަލުތަކެއް ނެޝަނަލް ޓީމަށް އަންނަން އެބަޖެހޭ، ނެޝަނަލް ޓީމު ކޮމީޓ މަސައްކަތް ކުރާ ގޮތަށްވެސް އެބަޖެހޭ ބަދަލުތަކެއް އަންނަން، ޓެކްނިކަލް ކޮމިޓީ ފަންގުޝަން ކުރާ ގޮތަށްވެސް ބަދަލުތަކެއް އަންނަން އެބަޖެހޭ، ގައުމީ ޓީމުންވެސް ޒުވާން ގިނަ ކުޅުންތެރިންތަކަށް ފުރުސަތު ލިބޭނެ ގޮތަށް ބަދަލުތައް ގެންނަން އެބަޖެހޭ، އެހެންވީމަ ބަދަލެއް އަންނަން އެބަޖެހޭ، އަޅުގަނޑު މިހާރު ގަބޫލު ކުރަން ބަދަލެއް އަންނަން ޖެހޭ ކަމާއި، އަޅުގަނޑުމެން މި ކުޅޭ ސްޓައިލް [ތިރިން ޕާސް ކޮށްގެން ކުޅޭ ގޭމް] ގެ ކޯޗަކު ހުރުން ވަރަށް މުހިންމު ކަންނޭންގެ، އެއީ ދިވެހިންނަކީވެސް އެހާ ފިޒިކަލް ބިޔަ ކުޅުންތެރިންތަކެއް ނޫން،"

އެފްއޭމް އާ ބައްސާމް އަށް ވަރަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވޭ، ބައެއް ފަރާތްތަކުން ބައްސާމްގެ އިސްތިއުފާއަށް ވެސް ގޮވާލާފައި އެބަހުރި އިސްތިއުފާ ދީފާނަންތޯ؟

"އަޅުގަނޑު އެފްއޭ ހަވާލުވީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް، އެއް އަހަރު ދުވަހަކަށް ނޫން، އަޅުގަނޑު ކުރާ މަސައްކަތަކީ އެއް އަހަރު ގައުމީ ޓީމުގެ ނަތީޖާ ކަމަށްވަންޏާ އެއީ އަދި ފުޓްބޯޅައާ މެދު ރަނގަޅަށް ނުވިސްނާތީ ކަންނޭންގެ، އަދި ނަތީޖާތަކެއް އަޅުގަނޑުމެން ހިތްހަމަ ނުޖެހޭ ކަހަލަ ގޮތަކަށް ދިއުމުން އިސްތިއުފާ އަކީ ހައްލެއް ނޫން، އަޅުގަނޑު މި ހުރީ ހަތަރު އަހަރު ދުވަހުގެ ޓާމަކަށް އިންތިހާބު ކުރެވިފައި، ރާއްޖޭގެ ފުޓްބޯޅައިގެ އާއިލާ އަށް އެނބަ އެނގޭ އަޅުގަނޑު މި ކުރާ މަސައްކަތް، އެ ބޭފުޅުން އަޅުގަނޑުމެންގެ އިސްތިއުފާ އަކަށް ނުގޮވާ، އިސްތިއުފާ އަށް މިގޮވަނީ ޕަބްލިކުން ދެއްތޯ، އެހެންވީމަ އެއީކީ އަޅުގަނޑު އެހާބޮޑަށް ހާސްވާ ކަމެއް ނޫން،"

"ޕަބްލިކުވެސް ޕަބްލިކުގެ އެ ކަންބޮޑުވާ ކަމަށްވަންޏާ ފާޑު ކިޔާނެ، އެހެންނަމަވެސް އަޅުގަނޑު ދޭން އޮތް ޔަގީން ކަމަކީ އަޅުގަނޑުގެ މި ހަތަރު އަހަރު ނިމޭ އިރުގައި، މުސްތަގުބަލަށް ޒުވާން ޓީމުތަކެއް ބިނާ ކުރާތަން ފެނިގެން ދާނެޔޭ، އަޅުގަނޑު ބޭޏުންވާ ނަތީޖާ އަކީ މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ތައްޓެއް ހޯދުމެއް ނޫން، އަޅުގަނޑު މި ކުރަނީ 2008 ގެ ސާފް ޗެމްޕިއަންޝިޕްގެ ފަހުން އަޅުގަނޑުމެން ކުރަން ޖެހިފައި އޮތް މަސައްކަތެއް، އަޅުގަނޑުމެން ރާއްޖެއިން އެ މަސައްކަތް މި ކުރަނީ އޭގެ އަށް ވަރަކަށް ނުވަތަ ނުވަ ވަރަކަށް އަހަރު ފަހުން، އެ ދުވަހު އެކަން ކުރި ނަމަ އަޅުގަނޑު މިތާންގައި އިންނާނީ ވަރަށް އުފަލާ އެކީގައި، އެހެންނަމަ ނަތީޖާތައް ވެސް އަންނާނީ އަޅުގަނޑުމެން އެންމެ ބޭނުންވާ ގޮތަށް ކަންނޭންގެ، ކޮންމެވެސް ބަޔަކު މީގެ ކުރިން މިކަން ނުކޮށް އޮތީމަ މިއޮތީ އަޅުގަނޑުމެން މިކަން އަލުން ފަށަން ޖެހިފައި، އަޅުގަނޑުގެ ޝަކުވާއެއް ނެތް ކުރިން ތިބި ބަޔަކު މި މަސައްކަތް ނުކުރުމަކީ، އެއީ ޝަކުވާ އަކަށް ހަދައި އަޅުގަނޑުވެސް އެ މަސައްކަތް ނުކޮށް ހުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން، އެހެންވީމަ މިހާރު އޮށް ތަކެއް މި އިންދަނީ، މި ގަސްތައް ހެދި ފޯދިގެން ދާއިރުގައި ރަނގަޅު މޭވާ އިރާދަ ކުރެއްވިއްޔާ ދެން އަންނަ ޖީލް ތަކަށް ފެނިގެން ދާނެ."