މިއުޒިކް

ރާހަތު އާއި މީކާ ސިންގް އެނގެނީ ކިހާވަރަކަށް؟

Dec 22, 2017
1

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން މި އަހަރުގެ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ފާހަގަކުރުމަށް އަދި އާ އަހަރު ފެށުން ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ޝޯއަށް މި އަހަރު ގެންނަން ނިންމާފައިވަނީ ބޮލީވުޑްގެ ދެ ފަންނާނުންނެވެ. ރާހަތު ފަތޭ އަލީ ހާން އަދި މީކާ ސިންގެވެ.

މި ދެ ފަންނާނުންގެ ލަވަތައްވެސް ދިވެހިންގެ ތެރޭގައި މަޝްހޫރެވެ. އެހެން ނަމަވެސް މި ދެ ތަރިންނާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ ބައެއް ޒުވާނުން ޝަކުވާ ކުރީ ޒުވާން ފަންނާނުން އެ ޝޯއަށް ނުގެންނާތީ އެވެ. އެހެން ނަމަވެސް މި ދެ ފަންނާނުންނަކީ ޒުވާން ފަންނާނުންނަށް ދޫނުކުރާ ފެންވަރުގެ މޮޅު ދެ ލަވަ ކިޔުންތެރިންނެވެ.

ސަލްމާން ހާން ގެ "ބޮޑީގާޑް" ގެ "ތޭރީ މޭރީ"، އޯމްޝާންތި އޯމްގެ "ޖަގް ސޫނާ ސޫނާ ލަގެ" ފަދަ މަޝްހޫރު ލަވަތައް ކިޔާފައިވާ ރާހަތު އަލީ ހާން އަކީ ޕާކިސްތާނުގެ މިއުޒިކީ އާއިލާއަކުން އުފަން ފަންނާނެކެވެ. އޭނާ އަކީ ޕާކިސްތާނުގެ ކަވާލީ ލަވަކިޔުންތެރިޔާ ނުސްރަތު ފަތޭ އަލީ ހާން އަށް ބޮޑުބޭބެ ކިޔާ ފަންނާނެކެވެ. ރާހަތު އެންމެ ފުރަތަމަ ލަވައެއް ކިޔާފައިވަނީ އުމުރުން ނުވަ އަހަރުގަ އެވެ. އޭގެ ފަހުން އޭނާގެ އުމުރުން 15 އަހަރުގެ ބޮޑުބޭބެގެ ކަވާލީ ގްރޫޕާއި ގުޅިފައިވެ އެވެ. އޭގެ ފަހުން ގިނަ ކޮންސެޓުތަކުގައި ސޯލޯ ލަވަތަކެއް އޭނާ ވަނީ ހުށަހަޅައިދީފަ އެވެ. ނުސްރަތު މަރުވުމަށްފަހު ކަވާލީ ގުރޫޕް ބޮޑަކަށްހުރެ ހިންގަނީ ރާހަތެވެ

އެމެރިކާގެ ރޮކް ބޭންޑް ޕާލް ޖޭމް އާ ގުޅި، ބޮޑުބޭބެ އާއި ދެމީހުން އެކުގައި ވަނީ އިނގިރޭސި ފިލްމު "ޑެޑް މޭން ވޯކިން" އަށް 1995 ވަަނަ އަހަރު ސައުންޑް ޓްރެކްވެސް ހަދައިދީފަ އެވެ.

ރާހަތު ފަތޭ ވަނީ މަޝްހޫރު ލަވަ ކިޔުންތެރިޔާ ސޯނޫ ނިގަމް އާ އެކު ޓީވީ ޝޯ "ޗޯޓޭ އުސްތާދް"ގެ ޖަޖުކަންވެސް ކޮށްފަ އެވެ. ރާހަތު ފަތޭއަށް އޭނާގެ މިއުޒިކީ ހަޔާތުގައި މިހާތަނަށް 23 އެވޯޑެއް ވަނީ ލިބިފަ އެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "މޭރޭ ރަޝްކޭ ކަމަރް"، "ތެރޭ މަސްތު މަސްތު ދޯ ނޭން" ހިމެނެ އެވެ. އޭނާ އަކީ ބޮލީވުޑްގެ ރޮމާންޓިކް ލަވަތައް ކިއުމުގައި މަޝްހޫރު ފަންނާނެކެވެ.

މީކާ ސިންގަކީވެސް ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ފަންނާނެކެވެ. އިންޑިއާ އަށް އުފަން މީކާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން މިއުޒިކް ކޮމްޕޯސަރެއް، ޅެން ވެރިއެއް އަދި އެކްޓަރެއް ވެސް މެ އެވެ. މީކާ މަޝްހޫރުވެފައިވާ ލަވަތަކުގެ ތެރޭގައި "ބަސް އޭކް ކިންގް"، ޖަބް ވީ މެޓްގެ "މައުޖާ ހީ މައުޖާ"، ރައުޑީ ރާތޯރްގެ "ޗިންތާ ތާތާ ޗިތާ ޗިތާ" އަދި ހައުސްފުލްގެ "ދަންނޯ" ހިމެނެ އެވެ.

މީކާ ވަނީ މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވެފައިވާ އެއް ކޮންސެޓް ކަމަށްވާ ޔޫކޭގެ ބާމިންހަމްގައި މިދިޔަ އަހަރު ބޭއްވި ކޮންސެޓްގައި ޕާފޯމްކޮށްފަ އެވެ. އެ ކޮންސެޓް ބަލަން 80،000 އަށްވުރެ ގިނަ މީހުން ގޮސްފައިވެ އެވެ.

އޭނާ އަކީ ބޮލީވުޑްގެ ފޯރި ގަދަ ލަވަތައް ނުވަތަ "ޕާޓީ ލަވަ" ކިޔުމަށް މަޝްހޫރު ފަންނާނެކެވެ. އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ހިމެނެނީ ސުލްތާންގެ "440 ވޯލްޓް"، ބަޖަރަންގީ ބައިޖާންގެ "އާޖް ކީ ޕާޓީ"، ކިކް ގެ "ޖުމްމޭ ކީ ރާތު"، ބަބްލޫ ހެޕީ ހޭ ކީ ގެ "ގަންދީ ބާތު" އަދި ފަޓާ ޕޯސްޓަރު ނިކްލޯގެ "ތު މެރޭ އަގަލް ބަގަލް" ފާހަގަކޮށްލެވެ އެވެ.

މި އަހަރުގެ ޝޯއަށް ބޮލީވުޑްގެ ތަރިންތަކެއް ގެނައުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެ ޝޯއަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ އިރު ޕްރޮމޯޝަނަލް ހަރަކާތްތަކެއްވެސް ަނީ ރާވާފަ އެވެ. އިވެންޓަށް ހާއްސަ ޕޭޖެއްވެސް މިހާރު ވަނީ ފޭސްބުކްގައި ހަދާފަ އެވެ. އެ ޝޯގެ ޕޯސްޓަރުތައްވެސް މިހާރުވަނީ ރިލީޒްކޮށްފަ އެވެ. ނިއު އިޔާ ޝޯ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގަ އެވެ. އެރޭ ހަވާ އަރުވަންވެސް ވަނީ ނިންމާފަ އެވެ.