ދިވެހި ސިނަމާ

ނިއުމާގެ "ނިވައިރޯޅި" ގައި އާ ތަރިއެއް

ދިވެހި ފިލްމު އިންޑަސްޓްރީގައި 20 އަހަރަށްވުރެ ގިނަ ދުވަސް ވާންދެން ދެ ގޮތެއް ނުވެ ބެލުންތެރިންގެ ހިތްތައް ފަތަހަ ކޮށްގެން އުޅުނު ތަރި އަކީ މިއީ އެވެ. ދިވެހި ފިލްމު އިންޑަސްޓްރީގެ ރާނީ އެވެ. ދިވެހިންގެ އެންމެ މަގުބޫލު ބަތަލާ އެވެ. ނަވާރަސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ގޮތަށް ނިއުމާ މުހައްމަދު އުދުއްސައިގަތީ ގާތްގަނޑަކަށް ހުރިހާ ދިވެހިންގެ ހިތް ހިފައިގެންނެވެ. އޭނާގެ މަގުބޫލުކަން ބޮޑުވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އޭގެފަހުން ނިއުމާ ލީޑު ރޯލުން ނުފެންނަ ނަމަ އެ ފިލްމެއް ނުބަލާ ބައެއް ވެސް އުޅުނެވެ. އެހެން ނަމަވެސް މި ފަހަކަށް އައިސް ނިއުމާ ކެމެރާ ކުރިމަތިން ހުރީ ގެއްލިފަ އެވެ. ހާއްސަ ފެނިލުންތަކުގައި މަދުމަދުން ފެނެ އެވެ.

ދެން ނިއުމާ އިއުލާނު ކުރީ އޭނާގެ ފެންނާނެ އެންމެ ފަހު ފިލްމެވެ. "ނިވައިރޯޅި" ނަމުގައި ހަދާ ފިލްމެކެވެ. ކެމެރާގެ ކުރިމަތިން ނިއުމާ ރިޓަޔާވާނީ "ނިވައިރޯޅި" އާ އެކުގަ އެވެ. ނިއުމާގެ އުފަން ދުވަހު އޭނާގެ ފޭނުންނަށް ލަވަ އަލްބަމެއް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފިލްމު އިއުލާނު ކުރުމަށްފަހު ފިލްމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އެހެން ނަމަވެސް ފިލްމުގެ ޓީޒާ ދޫކޮށްލި އެވެ. ފަސް ހާސް ބަޔަކު ޓީޒާ ބެލި އެވެ. ފިލްމު އަންނަ އަހަރުގެ އޮކްޓޫބަރު މަހު ރިލީޒްކުރާއިރު ފިލްމުގެ މަސައްކަތް މިހާރު ގޮސް އޮތް ހިސާބެއް ބަލައިލަން ވާނެ އެވެ. މޫމިން ފުއާދު އަދި ނިއުމާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ އިންޑޯ ޝޫޓިން އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ފަށާނެ އެވެ. އަތޮޅު ތެރޭގައި ފިލްމު ނަގާއިރު އަދި އެއީ ކޮން ރަށެއްކަމެއް ނިއުމާ ފައިނަލެއް ނުކުރެ އެވެ. އެ ފިލްމު ޑައިރެކްޓް ކުރަނީވެސް ނިއުމާ އެވެ.

"ނިވައިރޯޅި"ގެ ޓީޒާ. --

ދެން އޮތް ސުވާލަކީ އެ ފިލްމުގައި ނިއުމާ އާ އެކު ފެނިގެން ދާނީ ކޮން ފިރިހެން ތަރިއެއް ހެއްޔެވެ؟ މިހާރުގެ އަރަމުން އަންނަ ޒުވާން ތަރިއެއް ހެއްޔެވެ؟ ނުވަތަ ސީނިއާ ތަރިއެއް ހެއްޔެވެ؟ އޭގެ ޖަވާބަކީ މުޅިން އާ ފިރިހެން ތަރި އެކެވެ. ނިއުމާ އާ އެކު "ނިވައިރޯޅިން" ފެންނާނީ މުޅިން އާ ތަރި އެކެވެ. ނިއުމާ ކެމެރާގެ ކުރިމަތިން ނިވާވަނީ އޭގެ ބަދަލަށް ތަރިއެއް އިންޑަސްޓްރީއަށް ނެރެފަ އެވެ.

"ފިލްމުގެ އިންޑޯ ޝޫޓިން ޖެނުއަރީ 25 އަށް މި ކިޔަނީ، އަތޮޅު ތެރޭގައި އެކަމަކު ކޮން ރަށެއް ކަމެއް އަދި ފައިނަލެއް ނުވޭ، ބޭނުންވަނީ އަދި މިހާތަނަށް ފިލްމެއް ނުކުޅޭ ރަށެއްގައި ކުޅެން،" ނިއުމާ ބުންޏެވެ.

ނިއުމާގެ ޕްލޭންގައި ފިލްމު ރިލީޒްކުރަން ހަމަޖެހިފައި އޮތީ އޭނާގެ އުފަން ދުވަހެވެ. އެހެން ނަމަވެސް އަންނަ އަހަރަކީ ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލި ވާނެ އަހަރެއް ކަމަށްވާތީ ފަހަރުގައި ފިލްމު ރިލީޒްކުރުން ފަސް ކުރުމުގެ ވިސްނުމެއްވެސް އޭނާގެ އެބަ އޮތެވެ.

"ނިވައިރޯޅި" އާ ގުޅޭގޮތުން ނިއުމާ ކުރިން ބުނީ އެ ފިލްމަކީ ފިލްމީ ދާއިރާ މީހުންނަށް ހާއްސަ ފިލްމަކަށް ވެދާނެ ކަމަށެވެ.