ވިޔަފާރި

ޓޫރިޒަމްގެ ބޭނުމަށް ނަގާ ވެއްޔަށް އަގު ނަގަން ފަށަނީ

ޓޫރިޒަމަށް ބޭނުމަށް ދޫކުރާ ތަންތަނުގެ ގޮނޑުދޮއް ހިމާޔަތް ކުރަމަށާއި އެހެނިހެން ކަންކަމަށް ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ވެލި ނަގާނަމަ ކޮޑި މީޓަރަކަށް ތިން ޑޮލަރު ދައްކަން ޖެހޭ ގޮތަށް މިނިސްޓްރީ އިން ހަމަޖައްސައި އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ގަވާއިދުގައިވާ ގޮތުން، ޓޫރިޒަމް ވިޔަފާރި ހިންގުމަށް ހާއްސަކޮށް، ގެސްޓްހައުސްތަކާއި ރިސޯޓު އަދި ޔޮޓް ބަނދަރު ފަދަ ތަންތަނުގެ ގޮނޑުދޮއް ހިމާޔަތް ކުރުމަށް ވެލި އަޅާނަމަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ވެލީގެ އަގު ދައްކަން ޖެހެ އެވެ. މިގޮތުން ވެލީގެ އަގުގެ ގޮތުގައި ކޮޑި މީޓަރަކަށް ތިން ޑޮލަރު (ގާތްގަނޑަކަށް 46.26ރ.) ދައްކަން ޖެހެ އެވެ. އަދި އެންމެ ގިނައިން ނެނގޭނީ 30000 ކިއުބިކް މީޓަރުގެ ވެއްޔެވެ.

މި ގަވާއިދުގައިވާ ގޮތުން ވެލިނަގާނެ ފަޅުތައް ކަނޑައަޅާނީ މިނިސްޓްރީންނެވެ. މިގޮތުން އެ ފަޅަކީ ހިންގަމުންދާ ރިސޯޓާއި ތަރައްގީ ކުރަމުންދާ ރިސޯޓާ ދުރުގައިވާ ފަޅަކަށް ވާން ޖެހެ އެވެ. އަދި އެ ފަޅަކީ މީހުން ދިރިއުޅޭ ރަށާވެސް ދުރުގައިވާ ފަޅަކަށްވެސް ވާން ޖެހޭއިރު، އެއީ ގުރުރަތީ ގޮތުން ވެލީގެ ގޮތުން މުއްސަނދި ފަޅަކަށްވެސް ވާން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ގަވާއިދާ ހިލާފުވެއްޖެނަމަ މަސައްކަތަށް ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

ޓޫރިޒަމް ބޭނުމަށް ހިންގާ ތަންތަނުގެ ގޮނޑުދޮއް ތަރައްގީ ކުރަން ވެލިނަގާނެ އުސޫލެއް ކަނޑައެޅިއިރު، ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ބައެއް ގެސްޓްހައުސްތަކުން ދަނީ ގޮނޑޮދޮއް ހަދަން ވެލި ނަގަމުންނެވެ.