ލައިފްސްޓައިލް

މާކަލްގެ ވެޑިން ޑްރެސްގެ ޑިޒައިން ވަރަށް ނަލަ

Dec 23, 2017

ކުރިއަށް އޮތް ޝާހީ ކައިވެނި ކަމަށްވާ ޕްރިންސް ހެރީ އަދި މޭގަން މާކަލްގެ ކައިވެނީގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު އެންމެން އިންތިޒާރު ކުރަނީ މޭގަންގެ ވެޑިން ޑްރެސްގެ ޑިޒައިންތައް އާންމުވާނެ އިރަކަށެވެ. ރީތި ޑިޒައިންތަކެއް ދައްކާލާނެކަން ކަށަވަރުވާތީ އެވެ. އަންނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު ޕްރިންސް ހެރީ އަދި މޭގަންގެ ކައިވެނީގެ ގޮށް ޖަހާލަން ނިންމާފައިވާއިރު ޝާހީ އާއިލާއިން ދަނީ ކައިވެނީގެ ކަންތައްތައް އެންމެ ފުރިހަމައަށް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ.

ހަބަރުތައް ބުނާ ގޮތުގައި މޭގަން ގެ ވެޑިން ޑްރެސް ޑިޒައިން ކުރަނީ އިސްރާއީލްގެ ޑިޒައިނަރެއް ކަމަށްވާ އައިންބާލް ދްރޯރް އެވެ. އޭނާ އަކީ މީގެ ކުރިންވެސް ގިނަ ސެލެބްރީޓީންގެ ހެދުންތައް ޑިޒައިން ކޮށްދީފައިވާ ފަރާތެކެވެ. އެގޮތުން އެންމެ ހާއްސަ އެއް ހެދުމަކީ މިިދިޔަ އަހަރު ގްރެމީސް ހަފްލާއަށް ދިއުމަށް ބިޔޯންސޭއަށް ޑިޒައިން ކޮށްދީފައިވާ ހެދުމެވެ.

އޭނާ ބޮޑަށް މަޝްހޫރު ވެފައިވަނީ އެމްބްރޮއިޑަރީ ހެދުންތައް ޑިޒައިންކުރާ ޑިޒައިނަރެއްގެ ގޮތުގަ އެވެ.

މޭގަންގެ ވެޑިން ޑްރެސްގެ ތިން ޑިޒައިނެއްވަނީ އާންމުވެފަ އެވެ. އެ ތިން ޑިޒައިންގައިވެސް ބޮޑުބައެއް އޮތީ ލޭސް ފޮތިންނެވެ. ދްރޯރް އަކީ އޭނާގެ ކްލައިންޓުންދެގެ ވަރަށް ލޯބިވާ މީހެކެވެ. ކޮންމެ ކްލައިންޓެއްގެ ފަރާތުންވެސް އޭނާއަށް ގިނައިން ލިބިފައި ހުރީ ޕޮޒިޓިވް ފީޑްބެކް ތަކެވެ. މޭގަންގެ ދެ ޑިޒައިނެއްގައިވެސް "ދްރޯރް ގެ ފަރާތުން ލޯތްބާއެކު" މިހެން ޖަހާފައިވެ އެވެ.

"އަހަރެން ހުރިހާ ބްރައިޑުންނަށްވެސް އެއް ވަރަކަށް އަޅާލާ ސަމާލުކަން ދެން، ކޮންމެ ބްރައިޑަކީވެސް ސެލެބްރިޓީއެއް އަހަރެން ގަބޫލުކުރާ ގޮތުގައި، ވެޑިންނަކީ ކޮންމެ އަންހެނެއްގެ ހަޔާތުގައިވެސް އަންނަ އެންމެ ހާއްސަ ހަފްލާ، އެރޭގެ ހެދުމުގައި އޭނާ އަކީ އެރޭގެ ރާނީކަން އިހުސާސް ކުރެވެން ވާނެ،" 2015 ވަނަ އަހަރު ބްރައިޑްސް މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ދްރޯރް ބުނެފައިވެ އެވެ.

ހެރީ އާއި މާކަލްގެ ގުޅުމަކީ ވަރަށް ސިއްރުން ކުރިއަށް ގެންދިޔަ ގުޅުމެއް ކަމަށް ހަބަރުތައް ބުނެ އެވެ. އެ ގުޅުން އާންމުކޮށްފައި ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައި ކަމަށްވެ އެވެ. އެހެން ނަމަވެސް އެ ޖޯޑު އެކުގައި ފުރަތަމަ ފަހަރަށް ފެނިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ޕްރިންސް ހެރީ މީގެ ކުރިން ކައިވެނި ބައްލަވައިގެންފައި ނުވި ނަމަވެސް މާކަލް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. ކުރިން އޭނަ ކައިވެނި ކޮށްފައިވަނީ އެމެރިކާގެ ޓީވީ ތަރި ޓްރެވާ އެގަލްސަންއާ އެވެ. އަދި މިހާރު އަންނަނީ މާކަލްގެ ކައިވެންޏަށްފަހު ކުދިން ބަލަހައްޓާނެ މީހަކާ ގުޅޭގޮތުން ޓްރެވާއާ މަޝްވަރާ ކުރަމުން ކަމަށް ހަބަރުތައް ބުނެފަ އެވެ. ޕްރިންސް ހެރީ މީގެ ކުރިން ލޯބީގެ ގޮތުން ގުޅިފައިވަނީ ދެ މީހަކާ އެވެ. އެއީ ޗެލްސީ ޑޭވީ ނަމަކަށްކިޔާ އަންހެނަކާއި ބޯނަސް ނަމަކަށްކިޔާ މީހަކާ އެވެ. ބޯނަސްއާ ރުޅިވެފައިވަނީ 2014 ވަނަ އަހަރު އެވެ.