ކުޅިވަރު

ނޭކުރަންދޫ މުބާރާތުގެ ޗެމްޕިއަން ކުޅުދުއްފުށީ ހިރަފުސް

Dec 22, 2017

ހދ. ނޭކުރަންދޫގެ ޑެކަގަން ސްޕޯޓްސް ކުލަބުން އިންތިޒާމު ކުރި ޑެކަގަން ކަޕްގެ ފައިނަލުގައި ކުލަބު ކޮރަސްގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މުބާރާތުގެ ޗެމްޕިއަންކަން އެ އަތޮޅު ކުޅުދުއްފުށީގެ ޓީމު ހިރަފުސް ހޯދައިފި އެވެ.

ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބޭއްވި މުބާރާތުގައި، އެ އަތޮޅު ތިން ރަށަކުން އަށް ޓީމު ވާދަ ކުރި އެވެ. ހިރަފުސް ޓީމާ ދެކޮޅަށް ނިކުތް ކޮރަސް އަކީވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ޓީމެކެވެ.

މެޗުގެ ހަމައެކަނި ލަނޑު ހިރަފުސް ޓީމަށަ ކާމިޔާބު ކޮށްދިނީ އަސްލަމް މުހައްމަދެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 19 ވަނަ މިނެޓްގައެވެ.

މުބާރާތުގެ ފައިނަލު މެޗުގެ ޝަރަފު ވެރި މެހެމާނަކަށް، ކުލަބު ޑެކަގަންގެ ދައުވަތަށް ނޭކުރަންދޫ އަށް ދިޔައީ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗް އަލީ ސުޒޭން އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް އިނާމު ދިނީ ވެސް އޭނާ އެވެ.

ނޭކުރެންދޫގައި ހުރެ 'އަވަސް' އާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ފުޓްބޯޅަ ކުޅެވޭނެ ފެންވަރު ހުރި ކުޅުންތެރިން ހދ އަތޮޅުގައި ތިބި ކަމަށެވެ. މުބާރާތުގެ އިންތިޒާމުތަކާއި ރެފްރީންގެ ފެންވަރުވެސް ރަނގަޅުކަން އޭނާ ފާހަގަ ކުރި އެވެ.

"ފައިނަލު މެޗުން އަޅުގަނޑަށް ފާހަގަ ކުރެވުނީ، ދިވެހިރާއްޖޭގެ ފަސްޓް ޑިވިޝަންގައި ފުޓްބޯޅަ ކުޅެވޭނެ ފެންވަރު ހުރި ކުޅުންތެރިން ތިބިކަން،" ސުޒޭން ބުންޏެވެ. "ހދ އަތޮޅަކީ ފުޓްބޯޅައިގެ ހުނަރު އޮތް ތަނެއް ފުރުސަތު ތަނަވަސް ކޮށްދެއްވިއްޖެނަމަ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އުފެދޭނެ."

"އަދި އަޅުގަނޑު ފާހަގަ ކޮށްލަން ފައިނަލް މެޗުގައި ރެފްރީކަން ކުރި ރެފްރީންގެ ފެންވަރުވެސް ރަނގަޅު ކަން، ނޮޅިވަރަމް އާއި ށ. ފޯކައިދޫގެ ރެފްރީން ތިބީ، ވާދަ ވެރި މެޗު ނިންމާލީ މުޅި މެޗުގެ ރެފްރީންގެ ކޮންޓްރޯލް ދަށުގައި އޮވެގެން."

ޗެމްޕިއަންކަން ހޯދި ހިރަފުސް ޓީމަށް ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. ރަނަރަފް ކޮރަސް އަށް ވަނީ 18000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ. މުބާރާތުގެ ތިން ވަނަ ޓީމަކީ ކުޅުދުއްފުށީ "އައްޒަ 77" ކެވެ. އެ ޓީމަށް ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ހަ ލަނޑު ކާމިޔާބު ކުރި އައްޒަ ޓީމުގެ ހުސައިން އަބްދު ރަޝީދެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައިވެސް ހުސައިން އަބްދު ރަޝީދު ވަނީ ހިމެނިފަ އެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ އިބްރާހިމް ހުސައިން (ހިރަފުސް ޓީމް)، އަސްލަމް (ހިރަފުސް ޓީމު)، އާދަމް ވަހީދު ހުސައިން (އެކްސް ޒީރޯ)، އަދި ކޮރަލްސް ޓީމުގެ ޒައިދު މުހައްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ، ޗެމްޕިއަން ހިރަފުސް ޓީމުގެ ކޯޗް އަޝްރަފް މުހައްމަދެވެ.