މޯލްޑިވިއަން އައިޑޮލުގެ ފުރަތަމަ ސީޒަނުން ނެގި ރާޅުގައި އެންމެ ގިނަ ބަޔަކު ބެހިގެން ދިޔައީ މާފުށިން މޯލްޑިވިއަން އައިޑޮލްއަށް އައި އަހްމަދު ނަޒީހު (ރާޅު ބޯއީ) ގެ އަޑުގަ އެވެ. އެހެން ނަމަވެސް އައިޑޮލް އިން ވަކިވެގެން ދިޔަ ހިސާބުން ނަޒީހުގެ އަޑެއް ބަޑެއް ނީވެ އެވެ. މަދުމަދުން ނަމަވެސް ކަވާ ލަވަތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނިކޮށް ނަޒީހު ދިން ހަބަރަކީ ސޯލޯ އަލްބަމެއްގެ މަސައްކަތް ކުރާ ހަބަރެވެ.
އެއާ އެކު ނަޒީހުގެ ފޭނުން ތިބީ އެ އަލްބަމްގެ ފުރަތަމަ ލަވަ ރިލީޒް ކުރާނެ ކަމަށް އޭނާ ދިން ދުވަހަށް ތައްޔާރު ވެގެނެވެ. އިތުރު އިންތިޒާރެއް ކުރުމަކާއި ނުލާ ނަޒީހު މިވަނީ އަލްބަމްގެ ފުރަތަމަ ލަވަ އޭނާގެ ވައުދާ އެއްގޮތަށް ފުރިހަމަ ކޮށްފަ އެވެ.
ނަޒީހުގެ ސޯލޯ އަލްބަމްގެ ފުރަތަމަ ލަވަ "ރާޅޭ" ރޭ ސޯޝަލް މީޑިއާގައި މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. އެ ލަވަޔަކީ އަމިއްލަ ރާގަަކަށް ހަދާފައިވާލަވަ އެކެވެ. އަލްބަމްގައި ޖުމްލަ ހަ ލަވައެއް ހިމެނޭނެ އެވެ. އަދި އޭގެ ލަވަތައް ރިލީޒް ކުރަން ހަމަޖެހިފައިވަނީ ކޮންމެ ތިން މަހަކުން ލަވަ އެކެވެ. އޭގެ ފަހުން އަލްބަމް އެއްކޮށް ނެރެން ވަނީ ނިންމާފަ އެވެ.
ނަޒީހުގެ "ރާޅޭ" ސައުންޑުކްލައުޑް، ލަވަފޮށި އަދި ޔޫޓިއުބުން އަޑުއަހާލެވޭނެ އެވެ.
ސޯޝަލް މީޑިއާ އަށް ނަޒީހު އާންމުކޮށް ދޫކޮށްލަނީ އިނގިރޭސި ކަވާ ލަވަތަކެވެ. އެހެން ނަމަވެސް މި އަލްބަމްގައި ހިމެނޭނީ ހަމައެކަނި ދިވެހި ލަވަ ކަމަށް ނަޒީހު ބުންޏެވެ.
އަލްބަމްގެ މަސައްކަތުގެ އިތުރަށް މި ދުވަސްވަރު ނަޒީހު އަންނަނީ ރިސޯޓު މިއުޒިކް ކުޅެމުންނެވެ. އަދި މާފުށީ ގެސްޓު ހައުސްތަކުގައި އޭނަ ޝޯވެސް ދެ އެވެ.