ކުޅިވަރު

އިރޭ މާޒިޔާގެ އެއްބަސްވުން އާ ކޮށްފި

Dec 23, 2017

މާޒިޔާގެ މިޑްފީލްޑާ މުހައްމަދު އިރުފާން (އިރޭ) އެ ޓީމުގެ އެއްބަސްވުން އާ ކޮށްފި އެވެ.

އިރޭ އަކީ މިދިޔަ ސީޒަންގައި އެ ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. މާޒިޔާގެ ކުރީގެ ކޯޗް މަރުޔާން ސެކޮލޮސްކީގެ ވާހަކަ ތަކުން އިރޭ އަކީ އޭނާގެ ވެސް ފެވަރިޓް ކުޅުންތެރިޔެކެވެ.

މާލޭ ލީގްގައި، ވިކްޓަރީ އާއި މާޒިޔާގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ވިކްޓަރީގެ އޭރުގެ ކޯޗް އަލީ ސުޒޭން، ވިކްޓަރީ އަށް އޭރު ކުޅެމުން ދިޔަ މުހައްމަދު އާރިފް (ބަކާ) އަށް ގައުމީ ޓީމުން ޖާގަ ހައްގު ކަމަށް ބުނުމުން، ސެކްލޮސްކީ ބުނީ މާޒިޔާގެ އިރޭ އަށްވެސް ގައުމީ ޓީމުން ޖާގަ ހައްގު ކަމަށެވެ.

"ބަކާ އަށް އަހަރެން އިހްތިރާމް ކުރަން، ނަމަވެސް އަހަންނަށް މުހިންމު ވާނީ އަހަރެންގެ ކުޅުންތެރިޔާ، އިރޭ އަށް ގައުމީ ޓީމުން ޖާގަ ދިނުން މާ ބޮޑަށް ހައްގު." ސެކްލޮސްކީ ބުނެފައި ވެއެވެ.

މިދިޔަ ސީޒަންގައި މާޒިޔާގައި މުހިންމު ދައުރެއް އަދާ ކުރި އެއް ކުޅުންތެރިޔަކީ، މުހައްމަދު އުމޭރު އެވެ. އޭނާ ވަނީ އަންނަ އަހަރު ނިއު ރޭޑިއަންޓަށް ކުޅެން އެ ޓީމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފަ އެވެ.

މާޒިޔާއިން ބުނީ ބައެއް އެހެން ކުޅުންތެރިންނާ ވެސް އެ ޓީމުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި މިދިޔަ ސީޒަންގައި ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓް ކަޕުގައި މޮޅު ކުޅުމެއް ދެއްކި މަޝްހޫރު ކުޅުންތެރިޔަކު ގެންދަން މަޒިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އަންނަ އަހަރު އޭއެފްސީ ކަޕުން، މާޒިޔާ އަށް ވަނީ ފުރުސަތު ގެއްލިފަ އެވެ. މިއީ ފަސް އަހަރު ފަހުން އެ ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު ފުރަތަމަ ފަހަރެވެ. އޭއެފްސީ ކަޕްގައި މާޒިޔާގެ އެންމެ ރަނގަޅު ރެކޯޑެއް އޮތީ މި އަހަރު އެވެ. އިންޑިއާގެ ބެންގަލޫރު އެފްސީއާ އެއް އަދަދަކަށް ޕޮއިންޓް ހޯދި ނަމަވެސް، މާޒިޔާ އަށް އަނެއް ބުރަށް ނުދެވުނީ، ބެންގަލޫރު އަތުން ޕޮއިންޓެއް ނުލިބުމުންނެވެ.

މިއަހަރު މާޒިޔާއަށް ކާމިޔާބު ކުރެވުނީ މާލޭ ލީގާއި، ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑެވެ.