ޅ. ހިންނަވަރުގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.
ނ. ބ އަދި ޅ އަތޮޅަށް މިހާރު ރައީސް ކުރައްވާ ދަތުރުފުޅުގައި ހިންނަވަރުގެ ފެނުގެ ނިޒާމް އިފްތިތާހްކޮށްދެއްވީ މިއަދު އެރަށަށް ވަޑައިގެން އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ހިންނަވަރުގެ ފެނުގެ ނިޒާމްގެ މަސައްކަތް ކޮށްފައިވަނީ އެމެރިކާގެ ހިލޭ އެހީގެ ދަށުން އެންވާރަމެންޓް މިނިސްޓްރީ އާއި ޔުނޮޕްސް އާ ހަވާލު ކޮށްގެންނެވެ. އެ މަޝްރޫއަށް 3.8 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ އަމަލީ މަސައްކަތް ފެށި އެ މަޝްރޫއު ނިންމާފައިވަނީ މި އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހު އެވެ.
ހިންނަވަރުގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓުން ދުވާލަކު 80 ކިއުބިކް މީޓަރުގެ ފެން އުފައްދާނެ އެވެ. އަދި އެ ޕްލާންޓުގައި 40 ޓަނުގެ ދެ ޑީސަލިނޭޝަން ޕްލާންޓް ވަނީ ގާއިމްކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 7.5 ކިލޯ މީޓަރުގެ ފެން ވިއުގައެއް ވަނީ ގާއިމްކޮށްފަ އެވެ. އަދި އެ ފެން ޕްލާންޓުގައި 1،900 ކިއުބިކް މީޓަރުގެ ވާރޭފެން ރައްކާ ކުރެވޭނެ ނިޒާމް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
އެ ނިޒާމްގެ ދަށުން ރަޖިސްޓްރީކޮށްފައިފާ 700 އަށްވުރެ ގިނަ ގޭބިސީއަށް ފެނުގެ ހިދުމަތް ވަނީ ދޭން ފަށާފަ އެވެ. ހިންނަވަރަކީ 4،000 އަށްވުރެ ގިނަ މީހުން އާބާދީގައި ހިމެނޭ ރަށެކެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބ. ކެންދޫއަށް ވަޑައިގެން ކެންދޫގެ ބަނދަރު ހުޅުވައިދެއްވައި އެރަށުގެ ބޯފެނުގެ މަޝްރޫއުގެ ވެސް އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ. އޭގެ އިތުރުން ބ. އޭދަފުއްޓަށް ވަޑައިގެން ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ އަތޮޅު ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރެއްވުމަށް ބާއްވަވާ ރަސްމިއްޔަތުގައި ވެސް ރައީސް ޔާމީން ބައިވެރިވެ ވަޑައިގެންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.