ހުޅުމާލޭގައި ބޭންކް އޮފް މޯލްޑިވްސް އިން ދޭ ހިދުމަތްތައް ފުޅާ ކުރުމުގެ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް އެއް ގާއިމުކޮށްފި އެވެ.
ދިވެހި ބޭންކުން ބުނީ މި އޭޓީއެމް ބޭނުންކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިސާ ނެގުމުގެ އިތުރުން، ފައިސާ ޖަމާކުރުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި މިއީ ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި ވީހާ ގިނަ ބަޔަކަށް ފަސޭހަ ކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ތެރެއިން ގާއިމްކުރި އޭޓީއެމެއް ކަމަށެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިންގެ އިތުރު އޭޓީއެމެއް ހުޅުމާލޭގައި ގާއިމްކޮށް، ހުޅުމާލޭގައި ޚިދުމަތް ހޯދުމަށް ފަސޭހަކަމެއް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އަޅުގަނޑުމެންގެވެސް މާލީ އެހީތެރިކަމާއެކު ތަރައްގީ ކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލްގައި މި އޭޓީއެމް ބެހެއްޓޭކަމީ ވެސް މުނާސަބުކަމެއް. ހުޅުމާލެ އަށް އަންނަމުންދާ ތަރައްޤީއާއެކު މިދަނީ އާބާދީ އާއި ވިޔަފާރި އާއި ސިނާއީ ރޮނގުންވެސް ރާއްޖޭގެ އެންމެ މައި މަރުކަޒަކަށް ވެފައި. ހުޅުމާލޭގައި އިތުރު އޭޓީއެމް އަދި އާ ބިޒްނަސް ސެންޓަރެއް ވަރަށް އަވަހަށް ގާއިމުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން." ޝަރީފު ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.