ބ. ތުޅާދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައި ދެއްވާ އަދި އެރަށު ގޮނޑުދޮށް ހިމާތް ކުރުމުގެ މަޝްރޫއު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިފްތިތާހް ކޮށްދެއްވައިފި އެވެ.
ތިން އަތޮޅަކަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގައި މިއަދު އެ މަނިކުފާނު ވަނީ ތުޅާދޫއަށް ވަޑައިގެންފަ އެވެ. މިއަދު ރަސްމީކޮށް އެރަށު ބަނދަރު ރައީސް ހުޅުވާދެއްވިއިރު އެ ބަނދަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2014 އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ މި މަހުގެ ތެރޭގަ އެވެ.
ތުޅާދޫގައި ގާއިމްކޮށްފައިވާ ބަނދަރަކީ 1210 ފޫޓު ދިގު އަދި 550 ފޫޓު ފުޅާ ބަނދަރެކެވެ. ޕީއެސްއައިޕީ ބަޖެޓުން އެ މަޝްރޫއަށް 50.5 މިލިއަން ރުފިޔާވަނީ ހަރަދުކޮށްފަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްގެންނެވެ. ޒަމާނީ ފެންވަރަށް އެ ބަނދަރު ގާއިމް ކޮށްފައިވަނީ ވަށައިގެން ބޮޑު ހިލައިގެ ރިވެޓްމެންޓް ވެސް ޖަހައިގެންނެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި ގާ އެތުރުމުގެ އިތުރުން މަގު ބައްތިތައް ވެސް އެ މަޝްރޫއުގެ ދަށުންވަނީ ހަރުކޮށްފަ އެވެ.
މިއަދު ވަނީ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ނިންމުންވެސް ފާހަގަކޮށްފަ އެވެ. އެ މަޝްރޫއުގެ މަސައްކަތް 2015 އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ ކެޕިޓަލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.
ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށް ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދަށުން އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރަން 355 މީޓަރުގެ ތޮއްޓެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.
އޭގެ އިތުރުން ތުޅާދޫގައި މިހާރު ދަނީ ފެނާ ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އެމްޑަބްލިއުއެސްސީ އާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ 65 ޕަސަންޓު ނިމިފައިވާ ކަމަށްވެ އެވެ. އޯޕެކްގެ ލޯނުގެ ދަށުން 75 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ދަށުން 9.7 ކިލޯ މީޓާރުގެ ފެން ވިއުގައެއް ގާއިމްކުރާނެ އެވެ. އަދި ފެން ރައްކާކުރަން 993 ޓަނުގެ ތާނގީއެއް އަދި 934 ޓަނުގެ ތާނގީއެއް ބަހައްޓާނެ އެވެ.
އެ މަޝްރޫއުގެ ދަށުން 8.7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކުރާނެ އެވެ. އަދި އެރަށުގެ ހުރިހާ ގޭބިސީ އަކާއި އިމާރާތްތަކަށް ހިދުމަތް ފޯރުކޮށްދޭނެ އެވެ. ތުޅާދޫގައި އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއު ވެސް ދަނީ ކުރިއަށް ގެންދަމުންނެވެ.