ހަބަރު

އިދިކޮޅު ހަތަރު ލީޑަރުންގެ މެސެޖަކާއެކު މިރޭ ޕެނަލް ޑިސްކަޝަނެއް

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ހަތަރު ލީޑަރުންގެ މެސެޖަކާއެކު މިރޭ މ. ކުނޫޒުގައި ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމާއި އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޯޑިއޯ މެސެޖެއް ދެއްވަން ނިންމާފައިވާއިރު، މިއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖޭޕީއާ ގުޅުނު ފަހުން އިދިކޮޅު ޕާޓީތަކުން ކުނޫޒުގައި ބާއްވާ ފުރަތަމަ ހަރަކާތެވެ.

މިރޭ ޕެނަލް ޑިސްކަޝަންގައި ބައިވެރިވަޑައިގަންނަވާނީ ޔުމްނާ މައުމޫން އެމްޑީޕީގެ ޗެއާ ޕާސަން ހަސަން ލަތީފާއި ޖޭޕީގެ ނައިބު ޑރ. ލީޑަރު ހުސެން ރަޝީދާއި ޝިދާތާ ޝަރީފެވެ. އެ ޕެނަލް ޑިސްކަޝަން އޮންނާނީ ކުނޫޒުގައި މިރޭ 9:30 ގައެވެ.

އިދިކޮޅު ހަތަރު ލީޑަރުން މިރޭ މެސެޖެއް ދެއްވަނީ، ރިޔާސީ އިންތިހާބަށް އިންތިގާލީ ކެނޑިޑޭޓަކު ހޮވަން ހުރިހާ ޕާޓީތަކުން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރެން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ. ނަމަވެސް އެއް ކެނޑިޑޭޓަކު ނެރޭ މައްސަލާގައި ހަތަރު ޕާޓީއަށް ގޮތްތަކެއް ނުނިންމޭ ކަމަށް މި ދުވަސްވަރު އަޑު ވަނީ ފެތުރިފަ އެވެ. އޭގެ އިތުރުން އުމަރު ޖޭޕީއަށް ގުޅިވަޑައިގަތުމަށް ފަހު އެމްޑީޕީގެ އާންމު މެންބަރުންނާއި ލީޑާޝިޕުން ވަރަށް ބޮޑަށް އެ ޕާޓީއަށް ފާޑު ކިޔުމުގެ ސަބަބުން ކޯލިޝަން ރޫޅޭ ކަމަށް ވެސް މި ދުވަސްވަރު ވާހަކަދެކެވެ އެވެ.

ހަތަރު ލީޑަރުން އެކުގައި މަސައްކަތް ކުރުމަށް ނިންމާ ގަރާރުގައި ސޮއި ކުރީ މި އަހަރުގެ މާޗު 24 ވަނަ ދުވަހުގަ އެވެ.