ހަބަރު

"މޮޅުކަން ދައްކާނީ ދޮގު ހަދައިގެން ބޭރަށް ގޮހެއް ނޫން"

ދޮގު ހަދައިގެން ބޭރަށް ގޮސް، ރާއްޖެ ނައިސް ތިބެ ވަރުގަދަކަން ނުދެއްކުމަށް އަންގައި، ރައީސް އަބްދުﷲ ޔާމީންގެ ވަރުގަދަ ހަމަލާއެއް އިދިކޮޅު ފަރާތްތަކަށް ފޮނުވާލައްވައިފި އެވެ.

ރައީސް މިހާރު އުތުރުގެ އަތޮޅުތަކަކަށް ކުރައްވާ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ބ. ތުޅާދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ބޭރަށް ގޮސް، ރާއްޖެއަށް ބޭރުގެ ނުފޫޒުތައް ފޯރުވުމަށް މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކަކީ ރާއްޖޭގައި އަނިޔާ ލިބިގެން ގޮސް ތިބި ބައެއް ނޫން ކަމަށެވެ. އެއިން މީހަކަށް ސަރުކާރުން އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށެވެ.

"ދިވެހިރާއްޖެއިން އެމީހުންނަށް ހަމަ އަނިޔާއެއް ލިބޭ ކަމަށްވާނަމަ އަޅުގަނޑު ދަންނަވާނަން، އަޅުގަނޑުމެންގެ ސަރުކާރުގަ ހަކަތަ އެބަހުރި ހަމަ އެއިން އެކަކު ވެސް އެއާޕޯޓާ ހަމައަށް ދިޔަ ނުދީ ހިފަހައްޓާލުމުގެ ހަކަތަ، އެކަމަކު އެ މީސް މީހުންނަށް ރާއްޖެއިން ފުރައިގެން ދެވިފަ އެތިބި ތިބުމަކީ ރާއްޖެއިން ގާނޫނުން ބޭރުން އެއްވެސް ކަމެއް ނުކުރާނެކަން ދަލީލުކޮށްދޭ ކަމެއް، ކޮންމެވެސް ބަހަނާއެއް ދައްކާފަ ކޮންމެވެސް ދޮގެއް ހަދާފަ ބޭރަށް ދަނީ،" ރައީސް ވިދާޅުވި އެވެ. "ބޭރަށް ގޮސް އެމީހުންގެ މޮޅުކަން އެމީހުންގެ ވަރުގަދަކަން މި ދައްކަނީ، އެހާ މޮޅިއްޔާ އެހާ ވަރުގަދައިއްޔާ އަންނަންވީނުންތޯ ދިވެހިރާއްޖެއަށް؟ ކީއްވެގެންތޯ ގާނޫނާ ހިލާފަށް ކަމެއް ކުރެވިފަ ނެތިއްޔާ ގާނޫނާ ކުރިމަތި ނުލާންވީ؟،"

ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން އެމީހެއްގެ މައްޗަށް ޝަކުވާތަކެއް ނުވަތަ ތުހުމަތުތަކެއް ކުރާނަމަ އެ ކަންކަމަކީ ދޮގެއްކަން ސާބިތު ކުރުމަށް ރާއްޖެ ނާންނަ ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ.

"އެއްވެސް ކަމެއް ސަރުކާރުން ކުރާތީ ބޭރަށް ދިޔަ ފަރާތެއް ނޫން އެއީ، އެކަމަކު އެ ބޭފުޅުން ރާއްޖެ ތިބިއްޔާ ޖަވާބުދާރީވާންޖެހޭ ކަންތައްތަކެއް އެބަހުރި، ޖަވާބުދާރީވުމަކީ އެމީހުން ކުށްވެރިވުމެއް ނޫން، ޖަވާބުދާރީވުމަކީ އެކަމެއް ހިނގާފައިވާ ގޮތް ސާފުކުރުން، އަދި ދައުލަތުން އެމީހުންނާ ދެކޮޅަށް އުފުލާ ދައުވާއަކީ އަސާސެއް ނެތް ދައުވާއެއްކަން އެ ބޭފުޅުންގެ ވަކީލުން މެދުވެރިކޮށް ސާބިތު ކުރުން، އެ ނިމުނީ، އެހާ ފަސޭހަ ކަމެއް މިއީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، 2018 ގައި ވެރިކަމަށް އަންނަން މަސައްކަތް ކުރަމުންދާ ބޭފުޅުންގެ މައްޗަށް ގާނޫނު ހިންގަން ހުރަސް އަޅާނަމަ، އެ ބޭފުޅުންނާމެދު ރައްޔިތުން ވޯޓުލާން ގޮސް ވިސްނާލަން ޖެހޭނެ ކަމަށެވެ. އެ ބޭފުޅުންނަކީ ދައުލަތުގެ ހައްގުތައް އަރައިގަތުމަށް މިހާރު ގޮވަމުންދާ ފަރާތްތަކެއް ކަމަށެވެ.

"އެއްވެސް ރައްޔިތަކު އެ ރައްޔިތެއްގެ އަމިއްލަ ގޮތް ދަމަހައްޓަން ބޭނުންވާނަމަ ނުވަތަ ދީން ހިމާޔަތްކުރަންޏާ އަދި ދިވެހިރާއްޖޭގެ އަމިއްލަ ވަންތަކަން ދަމަހައްޓަން ބޭނުންވާނަމަ މިކަންކަމަށް ހުރަަސް އަޅާ ނުވަތަ މިކަންކަން ބަލިކަށިކޮށް ކޮށާ ނަގާލަން މަސައްކަތް ކުރާ ބަޔަކަށް ސިޔާސީ ފަސްގަނޑުން އެއްވެސް ވަރަކަށް ޖާގަ ދީގެން ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ ޖަލު ހުކުމުގެ ތެރެއިން ފަރުވާގެ ފުރުސަތެއް ހޯއްދަވައި އިނގިރޭސިވިލާތަށް ވަޑައިގެން ހިމާޔަތް ހޯއްދަވައިގެންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހުންނެވީ ޖަލު ހުކުމުގެ ތެރެއިން ފަރުވާގެ ފުރުސަތު ހޯއްދަވައި ޖަރުމަންވިލާތަށް ވަޑައިގެންނެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ލަންޑަނުގަ އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ހުންނެވީ ލަންޑަނުގަ އެވެ. އަދި އެމްޑީޕީގެ ބައެއް އެހެން ބޭފުޅުން މިހާރު ވެސް ރާއްޖެ ވަޑައިނުގަނެ ލަންކާގައި އެބަ ތިއްބެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ ހުންނަ ހައްގުތަކަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ޕާޓީއެއްގެ ލީޑަރަކަށް ނަގާލެވޭނެ ހައްގެއް ނޫން ކަމަށެވެ. އެއީ ލީޑަރެއް ނަމަވެސް ދައުލަތުގެ ހައްގުތައް ނަގާލައި، ދައުލަތް ހިންގުމަށް ބޭރުގެ ނުފޫޒު ފޯރުވުމަށް އެކަމަށް މަގުފަހިކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ބޭރުގެ ނުފޫޒު ގެންނަން މަސައްކަތް ކުރައްވާ ލީޑަރުންގެ ފަހަތުގައި ތިބި އާންމު މެންބަރުން މިކަންކަން ވިސްނަންޖެހޭ ކަމަށާއި ރާއްޖެއަށް ބޭރުގެ ނުފޫޒު އައުމަކީ މުޅި ދައުލަތުގެ މަސްލަހާ އެއްގޮތްވާ ކަމެއް ނޫން ކަމަށެވެ. އެފަދަ ޕާޓީއަކުން އެ މެންބަރަކު ވަކިވުމަކީ މުޅި ދައުލަތުގެ މަސްލަހަތުގައި މުޅި ރައްޔިތުންނަށްޓަކައި އަޅާ ފިޔަވަޅަކަށް ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވަކި މީހަކު ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކުރުން އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން، އެހެންވެ އަޅުގަނޑު ދަނޑުވެރިންގެ ގާތު މި ދަންނަވަނީ ދިވެހިރާއްޖޭގެ ދަނޑުތަކުގަ ކެކުރި ހައްދާ ކަމަށްވާނަމަ ހައްދަންޖެހޭނީ މެދު ކެކުރި އެއީ، މެދު ކެކުރި ހެދުނީމަ ކުޑަ ކެކުރި އެއީ ކޮން އެއްޗެއްކަން ބޮޑު ކެކުރި އެއީ ކޮން އެއްޗެއްކަން ނޭނގޭނީ، އެހެންވީމަ އެކަންކަން ގަބޫލު ނުކުރެވޭ ކަމަށްވާނަމަ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމެއް ނާންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެމްޑީޕީ ސަރުކާރަށް ނިސްބަތް ކުރައްވާ ވިދާޅުވީ، އެ ސަރުކާރު ހިންގަން ތިއްބެވި ވެރިން، ވެރިކަން ކުރެއްވި ގޮވަމުން ދިޔައީ ދައުލަތުގެ މަސްލަހަތު ނަގާލައި، ގާނޫނުން ބޭރުން ހުރިހާ ކަމެއް ހައްލުކުރުމަށް ކަމަށެވެ. އޭގެ ސަބަބުން މުޅި ދައުލަތަށް އާންމުވެގެން ދިޔައީ ނަމާން ކަމާއި ބިރުވެރިކަން ކަމަށެވެ. އެމީހެއްގެ ހައްގެއް ނުފެންނާނެ ކަމަށެވެ. ނަމަވެސް އެއީ ތަހުޒީބު މުޖުތަމައުއެއްގައި އަމަލު ކުރާނެ ގޮތް ނޫން ކަމަށާއި އެއީ، "ހައިވާނުން" އުޅޭ އުސޫލު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންވެ، މިހާ ހިސާބަށް ދިވެހިންނަަށް އާދެވުމުން އަލުން ޖަންގަލީގެ އުސޫލަށް ދިވެހިން ދާން ނުޖެހޭ ކަމަށެވެ. ދިވެހިން ބޭނުން ވަނީ ތަރައްގީވެ، އެކުވެރި މުޖުތަމައުއެއް ބިނާކުރަން ކަމަށެވެ. އެކުވެރިކަމާއި އެއްބައިވަންތަކަން އޮވެއްޖެނަމަ، ތަރައްގީ ގެނެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.