އިނގިރޭސި ވިލާތުގެ ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަނަށް މިއަދު ލިބިވަޑައިގެންނެވި ދަރިކަނބަލުން އާންމުންނަށް ދައްކާލައިފި އެވެ.
ވިހޭތާ 10 ގަޑިއިރު ފަހުން ދެ ކަނބަލުން ދެ ވަނަ ބޭފުޅާއާ އެކު މިހާރު ވަނީ ގަނޑުވަރަށް ވަޑައިގެންފަ އެވެ. ހުދު ބްލޭންކެޓެެއްގެ ތެރޭގައި އޮތް ދަރިކަނބަލުންނާ އެކު ކުޑަ ވަގުތުކޮޅަކަށް ސެއިންޓް މޭރީ ހޮސްޕިޓަލްގެ ދޮރުމަތީ ދެ ކަނބަލުން މަޑުކޮށްލެއްވި އިރު އެތައް ހާސް ބަޔަކު މަރުހަބާ ކިޔަން އެ ސަރަހައްދަށް ޖަމާވެފައިވެ އެވެ.
ޝާހީ ދަރިކަލުންނަށް ކިޔާނެ ނަމެއް އަދި އިއުލާނުކޮށްފައި ނުވާއިރު އިނގިރޭސި މީޑިއާގައި ދަނީ ކިޔާނެ ނަމަކާ މެދުގައި ބޮޑެތި ބަހުސްތައް ކުރަމުންނެވެ.
ދެމަފިރިންނަށް ކުރިން ފިރިހެން ދަރިފުޅަކު ލިބިވަޑައިގެންފައިވާއިރު އެ ދަރިފުުޅުގެ އުމުރަކީ އަދި އެއް އަހަރެވެ. މި ފަހަރު ލިބިވަޑައިގަތް ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި ދަރިފުޅުގެ ބަރުދަނުގައި ތިން ކިލޯ ހުރި ކަމަށް ވެއެވެ. އަދި ކޭޓް ވިހޭ ވަގުތު ގާތުގައި ވިލިއަމް ހުންނެވި ކަމަށް ވެސް ގަނޑުވަރުން ބުންޏެވެ.
ޝާހީ އާއިލާއަށް މިއަދު މި އިތުރުވި އަންހެން ބޭފުޅަކީ އިނގިރޭސި ތަހުތަށް ވެޑުވޭނޭ ބޭފުޅުންގެ ލިސްޓްގައި ހިމެނިވަޑައިގަންނަވާ 4 ވަނަ ބޭފުޅާއެވެ. ވިލިއަމްގެ މާމަ، ރާނީ އެލިޒަބަތު 2 އަށް ފަހު އެ ތަހުތާ އެންމެ ގާތުގައި ހުންނެވީ ވިލިއަމްގެ ބައްޕަ ޗާލްސްއެވެ. އެއަށް ފަހު ވިލިއަމް އާއި ވިލިއަމް އަދި ކޭޓްގެ ފިރިހެން ދަރިފުޅު ޖޯޖްއެވެ.