ވިޔަފާރި

އެމެރިކާ މީހުން އިތުރުވީ، އޮންލައިން މާކެޓިން ވަރުގަދަ ކުރުމުން: އެމްއެމްޕީއާރްސީ

  • ރާއްޖެ އެންމެ ގިނައިން ބަލަނީ އެމެރިކާ މީހުން
  • އެމެރިކާ މާކެޓް 20 ޕަސެންޓް އިތުރުވެފައި
  • އެއާޕޯޓް ތަރައްގީ ވުމުން، އިތުރު ވެގެން ދާނެ

އެމެރިކާ މާކެޓުން އަންނަ ޓޫރިސްޓުން އިތުރުވާން ފެށީ، ރާއްޖޭގެ އޮންލައިން މާކެޓިން ވަރުގަދަ ކުރުމުން ކަމަށް، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއެއްގައި އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ 2015 ވަނަ އަހަރުން ފެށި، އެމްއެމްޕީއާރްސީން އޮންލައިން މާކެޓިންއަށް ހާއްސަ އިސް ކަމެއް ދީ، ފެށި މަސައްކަތުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ. އޭގެ ހެއްކަކީ ރާއްޖެއަށް އަންނަ އެމެރިކާ މީހުންގެ އަދަދު ބޮޑުތަން އިތުރުވާން ފެށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސްޓެޓިސްޓިކްސްތައް ދައްކާ ގޮތުން، ދިވެހިރާއްޖެއާ ބެހޭ ގޮތުން ދެކެވޭ ހުރިހާ ވާހަކައެއް އެންމެ ގިނައިން ބަލާ ގައުމަކީ އެމެރިކާ. އެހެންވީމަ ރާއްޖެއާބެހޭ ގޮތުން ދެކެވޭ ރަނގަޅު ވާހަކަތައް ވެސް، ގޯސް ވާހަކަތައް ވެސް ބަލަނީ އެމެރިކާގައި. އެހެންވެ އޮންލައިން ކެމްޕޭންތައް ވަރުގަދަ ކަމުން ރާއްޖެއާ ބެހޭ ގޮތުން އެ ޝައުގުވެރިކަން އިތުރުވީ،" ހާރިސް ވިދާޅުވި އެވެ.

ސްޓެޓިސްޓިކްސް ދައްކާ ގޮތުން، ރާއްޖެއާ ބެހޭ ގޮތުން ދެކެވޭ ހުރިހާ ވާހަކައެއް އެންމެ ގިނައިން ބަލާ ގައުމަކީ އެމެރިކާ. އެހެންވީމަ ރާއްޖެއާބެހޭ ގޮތުން ދެކެވޭ ރަނގަޅު ވާހަކަތައްވެސް، ގޯސް ވާހަކަތައްވެސް ބަލަނީ އެމެރިކާގައި.
ހާރިސް މުހައްމަދު | އެމްއެމްޕީއާރްސީ

ހާރިސް ވިދާޅުވި ގޮތުގައި އެމެރިކާ މީހުން އިތުރުވި އިރު، އެ ގައުމުން ރާއްޖެއަށް އަންނަ ޓޫރިސްޓުން އެންމެ މަދުވެގެން އެއް ޓްރާންސިޓް ހަދަން ޖެހޭ ކަމަށެވެ. އެހެން ކަމުން ދަތުރު ކުރުމަށް މިފަދަ ގޮތެއް ހުރިއިރު، މީހުން އިތުރުވުމަކީ ކާމިޔާބީއެއް ކަމަށެވެ.

"ފްލައިޓްތަކުގެ ކަނެކްޓިވިޓީ ހުރި ގޮތުން އެންމެ މަދުވެގެން އެކެއް ނޫނީ ގިނަ ފަހަރު ދެ ސްޓޮޕްއޯވާ ހަދަން ޖެހޭ. ލޯންގް ހޯލް ފްލައިޓްތަކެއް ނަގައިގެން އަންނަނީ. އެކަން ރަނގަޅު ކުރެވި، އެއާޕޯޓް ހުޅުވުން މިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ،" ހާރިސް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ މަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، އެމެރިކާ އިން މިހާތަނަށް 34,411 މީހުން އައިސްފައިވެ އެވެ. އަދި މި އަދަދަކީ މިދިޔަ އަހަރު އައި 28,651 މީހުންނާ އަޅާ ބަލާއިރު 20.1 ޕަސެންޓް އިތުރުވުމެކެވެ. އަދި މިދިޔަ މަހު އެކަނިވެސް 3,961 މީހުން އައިސްފައިވެ އެވެ. އަދި މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އައި 2,921 މީހުންނާ އަޅާބަލާއިރު 35.6 ޕަސެންޓް އިތުރުވުމެކެވެ.