ހަބަރު

އެކުވެރި ދެ މަސްވެރިންގެ ކުއްލި މަރާއެކު ލަންދުއަށް ހާސްކަން

Dec 28, 2017
11
  • ދެ މަސްވެރިންގެ މަރުގައިވެސް އެއްގޮތް ކަންތައްތަކެއް
  • މަރުވި ދެ މީހުންގެ ސިއްހީ މައްސަލައެއް ނެތް
  • ދެ މަރުގެ ހަގީގަތް ނޭނގޭތީ އޮޑިވެރިއާވެސް ކަންބޮޑުވޭ

އެއް ދޯންޏަކުން މަހަށް ދާ ލަންދޫގެ ދެ މަސްވެރިއަކު ގާތްގާތުގައި ކުއްލި ގޮތަކަށް މަރުވުމާ އެކު ލަންދޫ ރައްޔިތުންގެ ހިތުގައި ހާސްކަމާއި ބިރުވެރިކަން އުފެދިއްޖެ އެވެ.

ދެ މަސްވެރިން ކުއްލި ގޮތަކަށް މަރުވުމުގެ ހާދިސާ ހިނގާފައި ވަނީ ލަންދޫ ދޯންޏެއް ކަމަށްވާ، "މުރިގު-2" ދޯނީގަ އެވެ. އެ ހާދިސާއާ ގުޅޭ ގޮތުން ލަންދޫ ކައުންސިލްގެ އިންފޮމޭޝަން އޮފިސަރު ފަޒީލް ހަސަން މިއަދު "އަވަސް"އަށް ވިދާޅުވީ މުރިގު-2 ދޯނީގައި މަސްބާނަން ހުއްޓާ 49 އަހަރުގެ މަސްވެރިއަކު އެންމެ ފުރަތަމަ މަރުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އޭނާގެ މަރަށް ހަފްތާއެއް ވީ ދުވަހު މިއަދު ވެސް ވަނީ ހަމަ އެ ދޯނީގައި މަސްބާނަން ހުރި މަސްވެރިއަކު މަރުވެފަ އެވެ.

އިންފޮމޭޝަން އޮފިސަރު ފަޒީލް މިއަދު ވިދާޅުވީ މިއަދު މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަރުވި މަސްވެރިޔާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. މިއަދު މަރުވި މީހާ ވެސް މަރުވީ މަސް ބާނަން ހުއްޓާ ކުއްލިއަކަށް މެޔަށް ތަދެއް އަރާތީ ދޯނި މަތީގައި އިށީންދެ އިންދާ ވެއްޓި އަގައިން ފޮނުތަކެއް އެރުމަށް ފަހު ކަމަށެވެ. މިއަދު މަރުވި މީހާގެ އުމުރަކީ ވެސް ގާތްގަނޑަކަށް 49 އަހަރެވެ. މިދިޔަ ބުރާސްފަތި ދުވަހު މަރުވި މީހާ ވެސް މަރުވެފައި ވަނީ މަސްބާނަން ހުއްޓާ ހޮޑުލަވައި ބޯއަނބުރާތީވެ އިށީންދެ އިންދާ މެޔަށް ތަދެއް އަރައިގެން އެވެ.

އެންމެން ވެސް ކަންބޮޑުވަނީ އެހާ ކުއްލިއަކަށް ކައިރިކައިރީގައި އެއްގޮތަކަށް މި ދެމީހުން މަރުވީމާ. އަނެއްކާ އެއް ދޯންޏެއްގައި. އެ ހިސާބުން މިއީ އިއްތިފާގެއް ކަމަށް ވެސް ގަބޫލު ކުރަން އުނދަގޫ.
ކައުންސިލްގެ އޮފިޝަލް

ދޯނީގެ މީހުންނާ ހަވާލާދީ، ފަޒީލް ވިދާޅުވީ މަރުވި ދެ މީހުން ވެސް މަހަށްދާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ދެ މީހުންނަކީ ވެސް ސިއްހީ ބޮޑު މައްސަލައެއް ހުންނަ ދެ މީހުން ނޫން ކަމަށެވެ. އެކަމާ ގުޅިގެން، މުރިގު-2 ދޯނީގެ އޮޑިވެރިޔާ ވެސް ހުރީ ހާސްވެ ކަންބޮޑުވެފަ އެވެ. އޭނާ ބުނީ މިފަދަ ގޮތަކަށް ކުއްލި ދެ މަރެއް ކުރިމަތިވުމުން ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށާއި ޝޮކެއް ލިބިފައިވާ ކަމަށެވެ.

އިންފޮމޭޝަން އޮފިސަރު ފަޒީލް ވެސް ވިދާޅުވީ ރަށުގެ ރައްޔިތުންގެ މެދުގައި ވެސް ހާއްސަކަން މިހާރު ބޮޑުވެފައިވާ ކަމަށެވެ.

"ފުރަތަމަ މަރުވި މީހާގެ ވަރަށް ގާތްކޮށް އުޅޭ މީހެއް މިއަދު މި މަރުވި މީހާއަކީ. އެންމެން ވެސް ކަންބޮޑުވަނީ އެހާ ކުއްލިއަކަށް ކައިރިކައިރީގައި އެއްގޮތަކަށް މި ދެމީހުން މަރުވީމާ. އަނެއްކާ އެއް ދޯންޏެއްގައި. އެ ހިސާބުން މިއީ އިއްތިފާގެއް ކަމަށް ވެސް ގަބޫލު ކުރަން އުނދަގޫ. ވަރަށް ގިނަ ރައްޔިތުން ވާނުވާ ނޭނގި މި ދެ މީހުން މަރުވީމާ ތިބީ ހާސްވެ ކަންބޮޑުވެފައި. މައްސަލައަކީ މިކަމުގެ ހަގީގަތް ނޭނގޭތީ،" ފަޒީލް ވިދާޅުވި އެވެ.

އެ ރަށުގައި މަސްވެރިކަން ކުރާ ހަތަރު ދޯނި އޮންނަ އިރު އިތުރު އެހެން ދޯންޏެއްގައި މިފަދަ ހާދިސާއެއް ހިނގާފައެއް ނުވެ އެވެ.