ވިޔަފާރި

ޗައިނާގެ މުހިންމު ސިޓީއެއްގެ ފޮޓޯ މައުރަޒެއް ރާއްޖޭގައި

Dec 29, 2017

ޗައިނާގެ އެންމެ މުހިންމު އެއް ސިޓީ ކަމަށްވާ "ޝެންޒެން" ގެ ފޮޓޯ މައުރަޒެއް ރާއްޖޭގައި ފަށައިފި އެވެ.

ރާއްޖޭގެ މައި މާކެޓިން ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަންއާ ގުޅިގެން ކުރިއަށް ގެންދާ މި ފޮޓޯ މައުރަޒު ހުޅުއްވައި ދެއްވީ ޗައިނާ އިން ރާއްޖެ އަށް ކަނޑަޅުއްވާފައި ހުންނަވާ ސަފީރު ސަފީރު ޔޫ ހޮންގްޔާއޯ އެވެ. މި ރަސްމިއްޔާތުގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު އާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަތެވެ.

ނޭޝަނަލް އާޓްގެލަރީގައި ކުރިއަށްދާ މި މައުރަޒުގައި، ޝެންޒެން ސިޓީގެ ހިތްގައިމު މަންޒަރުތައް ފެނިގެންދެ އެވެ.

ޗައިނާގައި އެންމެ ފުރަތަމަ ބިނާކުރި އިކޮނޮމިކް ޒޯން، 1980 ވަނަ އަހަރު އުފެއްދި، މި ސިޓީއަކީ އެ ގައުމުގެ އެންމެ ރީތި އެއް ސިޓީ އެވެ.

ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ދާދިފަހުން ގާއިމްކުރި، ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ މިދިޔަ މަހު ޗައިނާ އިން 21,195 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އައި 18,954 މީހުންނާ އަޅާބަލާއިރު 11.8 ޕަސެންޓް އިތުރުވުމެކެވެ.