ރިޕޯޓް

އުނދޯލިކޮޅާ ހަމައިން ނިންމާލާ ރައީސްގެ ދަތުރުފުޅު!

ނިމިދިޔަ ހަފުތާގެ ހަބަރު ސުރުހީތަކާއި ޓީވީތަކުގެ ގިނަ ވަގުތު ހާއްސަވެގެން ދިޔައީ ރައީސް އަބްދުﷲ ޔާމީން ތިން އަތޮޅަކަށް ކުރެއް ވި ދަތުރުފުޅަށެވެ. ތިން އަތޮޅެއްގެ ޖުމްލަ އަށް ރަށަކަށް އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ. އެއްފަހަރާ ރައީސް އެހާ ގިނަ ރަށް ރަށަށް ވަޑައިގެންނެވި ވެސް މިއީ ފުރަތަމަ ފަހަރެވެ. އެ ދަތުރުފުޅު ތިން ދުވަހަށް ދިގު ދެމިގެން ވެސް ދިޔަ އެވެ.

އަންނަ އަހަރަކީ، ފޯރިގަދަ ރިޔާސީ އިންތިހާބުގެ އަހަރަށްވާއިރު އަދި އިންތިހާބުގެ ކެމްޕޭންގެ ފޯރި ގަދަވަމުން އަންނަ އިރު މިއީ ރައީސް ކުރެއްވި، "ޕްރެކްޓިސް" ދަތުރުފުޅެއް ކަމަށް ވުން ވެސް އެކަށީގެންވެ އެވެ. އަންނަ އަހަރު މިފަދަ ދިގު ދަތުރުފުޅުތައް ވަރަށް ގިނައިން ފެންނާނެކަން އެއީ ޔަގީން ކަމެކެވެ. ރައީސްގެ ނިމިދިޔަ ހަފުތާގެ ދަތުރުފުޅުން ފާހަގަ ކޮށްލަން ޖެހޭ ކަންކަން ބައިވަރެވެ. ރައީސްގެ ކުރިއަށް ހުރި ދަތުރުފުޅުތަކުގައި މިކަންކަންކަމަށް ހަމަ ޔަގީނުން ވެސް ވިސްނަން ޖެހެ އެވެ.

ރައީސްގެ ދަތުރުފުޅުތަކާ ގުޅިގެން ހާއްސަ ސަގާފަތެއް މިހާރު ވަނީ އުފެދިފަ އެވެ. އެ ސަގާފަތަކީ މީގެކުރިން ނެތިގޮސް، ނަމަވެސް މިފަހުން ރައީސް ކުރައްވާ ދަތުރުފުޅުތަކުން އެންމެ ކުލަގަދަކޮށް ފާހަގަވާ ކަންތައްތަކެވެ. ރަސްކަލެއްގެ އިއްޒަތުގައި ރައީސް ގެންދަވާ، އުނދޯޅިކޮޅެއްގައި އަރާމްކޮށްލައްވަން ބޭންދުމެވެ. ރައީސް އުނދޯޅިކޮޅު ހެއްލަވާލަ ހެއްލަވާލަ އިންނަވާއިރު، ކުރިމަތީގައި ސްކޫލް ކުދިން ނަށާ މަންޒަރު ފެނެ އެވެ. މިފަހުން ރައީސް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ހދ. ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ނޫނީ، ކޮންމެ ރަށެއްގައި ވެސް ކުދިން ވަނީ ރައީސްގެ ކުރިމަތީ ނެށުމާއި އެހެން ވެސް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހުށަހަޅައިދީފަ އެވެ.

ޅ. ހިންނަވަރު، ނ. ހެނބަދޫ، ނ. ވެލިދޫ، ނ. ހޮޅުދޫ، ނ. މާޅެންދޫ، ބ. ތުޅާދޫ، ބ. އޭދަފުށި އަދި ބ. ކެންދޫއަށް ވަޑައިގަތުމުން ރައީސް ބެއިންދެވީ އުނދޯލިކޮޅެއްގަ އެވެ. އަށް ރަށުގައި ވެސް ރައީސްގެ އިއްޒަތުގައި ސްކޫލް ކުދިން ނެށި އެވެ. މިއީ މައްސަލައެކޭ ބުނަނީއެއް ނޫނެވެ. ރައީސަކު އެ ރަށަށް ވަޑައިގަތަމުން އެއީ ރަށަށް އަންނަ އީދެކެވެ. އެކަން ފާހަގަ ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ރަށު ރައްޔިތުންނަށް އެ ހައްގު އޮންނާނެ އެވެ.

ނަމަވެސް މައްސަލައަކަށް ވަނީ އުނދޯލިކޮޅާ ހަމައިން ރައީސްގެ ދަތުރުފުޅު ނިންމަލައްވާތީ އެވެ. އެއަށްވުރެ އެތެރަށް، ރައްޔިތުންނާ ވީހާ ވެސް ގާތަށް ރައީސް ވަޑައިނުގަންނަވާތީ އެވެ. އާންމު ރައްޔިތުންގެ ހާލު ރައީސް ނުބައްލަވާތީ އެވެ.

"ބައެއް ރަށްރަށަށް މިގޮތަށް ޒިޔާރަތް ކުރައްވާއިރު ސްކޫލް ކުދިންތަކަށް މަޖުބޫރުކޮށްގެން އަތިރި މައްޗަށް ނެރެ އަވީލާފައި، އަތިރިމަތީގައި އެމަނިކުފާނު ފައި ތިލަ ބީއްސަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ، ރަށެއްގެ ރައްޔިތުންގެ ހާލު ބަލާލެއްވުމަށްޓަކައި މި ގައުމުގެ އެހެން ވެރިން ކަންތައް ކުރެއްވި ގޮތަށް އެ އަމަލެއް އެގޮތަކަށް ނުކުރައްވާ، ރަށު ތެރެއަށް ހިންގަވައި ރަށުގެ ތެރޭގެ ހާލު ބައްލަވާލެއްވުމެއް ރަށު ތެރޭގެ އާންމު ރައްޔިތުން ދިރިއުޅޭ ގޮތް ބައްލަވާލެއްވުމުގެ އެއްވެސް ޝައުގުވެރިކަމެއް ނުހުންނަތަން ފެންނަނީ، އަތިރިމަތީ ފައިތިލަ ބީއްސަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވަނީ،" އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ރައީސްގެ ދަތުރުފުޅަށް ފާޑު ވިދާޅުވަމުން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ވެސް ރައީސްގެ ދަތުރުފުޅާ ގުޅިގެން ފާޑުކިޔުން އަމާޒު ކުރަމުން ދަނީ މިކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު ވެރިކަމުގައި ރަށް ރަށަށް ވަޑައިގެން ރަށު ތެރޭގައި ހިންގަވައި، ރައްޔިތުންގެ ހާލު ބެއްލުވުމަކީ އެމަނިކުފާނު މާބޮޑު އިސްކަމެއް ދެއްވި ކަމެއް ނުވި ނަމަވެސް އޭގެފަހުން ވެރިކަމަށް ވަޑައިގެންނެވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވި އުސޫލު ތަފާތެވެ. ރަށް ރަށަށް ވަޑައިގެން ރަށު ތެރޭގައި ހިންގަވާ ރައްޔިތުންގެ ހާލު ބައްލަވައި ކަންކަން އޮޅުންފިލުއްވަ އެވެ. އަދި ވަކިވަކިން ގޭގެއަށް ވެސް ނިކަން ގިނައިން އެމަނިކުފާނު ވަޑައިގަންވަ އެވެ. ރައީސް މުހައްމަދު ވަހީދު ވެސް މި އުސޫލަށް އަމަލު ކުރެއްވި އެވެ. ނަމަވެސް ރައީސް ޔާމީން ބައްދަލުކުރައްވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އަތިރިމަތީ ސަފުހަދާފައި ތިބޭ އެމަނިކުފާނުގެ ސިޔާސަތަށް ތާއިދު ކުރާ ރައްޔިތުންނާ އެކަނި ކަމަށް ބުނެ އެމަނިކުފާނަށް ކިޔޭ ފާޑުކިޔުން ބޮޑުވެފައި ވަނީ މިހެންވެ އެވެ.

ސަފުގައި ތިއްބާ ސަލާމްކޮށްލާ ކޮށްލުމުން ރައްޔިތުން އުޅޭ ހާލެއް ނޭނގެނޭކަން އެއީ ޔަގީންވާ ކަމެކެވެ. ރައްޔިތުންނާ ސަލާމް ކުރެއްވުމަށްފަހު ކޮންމެ ރަށެއްގައި ވެސް ޖަލްސާއެއް ބާއްވައި، ސިޔާސީ އިދިކޮޅު ލީޑަރުންނަށް ރައްދު ދެއްވުމުގައި އެތައް ވަގުތެއް ރައީސް ހޭދަކުރައްވަ އެވެ. ރައީސް ކޮންމެހެން ރައްދު ދޭން ނުޖެހޭ އެތައް ކަމަކަށް އެމަނިކުފާނު ރައްދު ދެއްވަ އެވެ. ރަށްރަށުގެ އާންމު ރައްޔިތުންނަށް ފަހުމް ނުވާނެ ފަދަ ބަހުރަވައިން ވަރަށް ގިނައިން ވާހަކަ ދައްކަވަ އެވެ. ރައްޔިތުންނަށް ފަހުމުނުވާ ގޮތަށް ހަޖޫ ޖައްސަވަ އެވެ. އިދިކޮޅު ފަރާތްތަކަށް މަލާމަތް ކުރައްވަ އެވެ. އެ ރައްޔިތުން އެތަނަށް އެއްވާނީ އެ ވާހަތައް އަޑުއަހަން ނޫންކަމަށް ވެދާނެ އެވެ. އެ ރައްޔިތުން ރައީސްގެ ވާހަކަފުޅުން އަޑުއަހަން އެންމެ ޝައުގުވެރިވާނީ އެ ރަށަކާ ގުޅޭ ގޮތުން ރައީސް ދައްކަވާ ވާހަކަފުޅުތަކެވެ. އެކަމަކު ރައީސްގެ ދިގު ވާހަކަފުޅުތަކާ ހުރެ ޝައުގުވެރިކަން ގެއްލި ދަނީ މުނާސަބު ނޫން ވާހަކަތަކުން އެވެ. ރައީސް ޖަލްސާ ބާއްވަވާ އިރު ފަހަތުގައި ލިޔެފައި އޮންނަނީ ވެސް ރަށު ރައްޔިތުންނާ މުހާތަބުކުރުން މިހެން އެވެ. އެކަމަކު ފެންނަނީ އެއީ އިދިކޮޅަށް ހަމަލާތައް ދެއްވުމަށް ރައީސް ނަންގަވާ ފުރުސަތެއްގެ ގޮތުގަ އެވެ.

"ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން އަސްލު މަންޒަރެއް އެމަނިކުފާނަށް ފެނިވަޑައެއް ނުގަންނަވާ، ފެނިވަޑައިގަންނަވަނީ ޕީޕީއެމްގެ އިސް ބޭފުޅުން ދައްކަވާ މަންޒަރު، ރައީސްއަށް މަރުހަބާ ދެންނެވުމަށް ރައްޔިތުން ނުކުމެ އޮތުމަކީ އަސްލު މަންޒަރެއް ނޫން، އަސްލު އަދަދެއް ވެސް ނޫން، އަސްލު މަންޒަރު ފެންނާނީ ރަށު ތެރެއިން، އެކަމަށް ރައީސް އިސްކަމެއް ނުދެއްވާ، ޕީޕީއެމް އިސް ބޭފުޅުން އެ މަންޒަރު ރައީސްއަށް ނުވެސް ދައްކަވާ، މިހެންވާތީ ރައްޔިތުންގެ ބޭނުންތަކާއި ރައްޔިތުން އެދޭ ގޮތް ގިނަ ފަހަރަށް ރައީސަކަށް އެނގިވަޑައެއް ނުގަންނަވާ ރައީސްއަށް ހީފުޅު ކުރެއްވިފައި އޮންނަނީ ހުރިހާ ކަމެއް ވެސް ރަނގަޅޭ، ރައްޔިތުން ތިބީ އެމަނިކުފާނު ފަހަތުގައޭ، އޭގެ ބަދަލުގައި ހަގީގީ މަންޒަރު ރައީސްއަށް ދައްކުވާނަމަ ކަންކަން ރަނގަޅުކޮށް ތާއީދު ބޮޑުކުރަން ކުރަން ޖެހޭ ކަންކަމާމެދު ރައީސް ވިސްނަވާނެ،" ދަތުރުފުޅުތަކުގައި ބައިވެރިވެފައިވާ ޕީޕީއެމްގެ މެންބަރަކު ވިދާޅުވި އެވެ.

ހަގީގަތުގައި ވެސް ރަށެއްގެ ރައްޔިތުންގެ ހާލަތު އެ މީހުންގެ އިހުސާސްތައް އަތިރިމަތިން ފެންނާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ އެވެ. ސާފުވާނެ ހަގީގަތެއް ވެސް ނޯންނާނެ އެވެ. ރަށުގެ ހާލަތާއި ރަށުގެ ރައްޔިތުންގެ ހަގީގީ ހާލަތު ފެންނާނީ ރަށު ތެރެއިންނެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި އެ މީހުންނަށް ދިމާވެފައިވާ ދަތިތައް އެނގޭނީ ވެސް ރަށު ތެރެއިންނެވެ. މައްސަލަތައް ވެސް އެނގޭނީ ރަށު ތެރެއިންނެވެ. ރައީސްއަށް މަރުހަބާ ދަންނަވަން ނުނިކުމެ ގޭގައި ތިބި ރައްޔިތުންގެ ސަބަބުތައް ހޯދައި އެއަށް ހައްލު ހޯދައިދީ، ވާހަކަ ދައްކައި ހިޔާލު ބަދަލުކުރެވޭނީ ވެސް ރަށު ތެރެއިންނެވެ. ރަށަށް އަރާވަޑައިގެން އަތިރިމަތީގައި އޮންނަ ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަތް ނަމަވެސް، އެފަދަ ދަތުރަކުން އަސްލު ހާސިލުވާނެ އެއްވެސް ކަމެއް ނެތެވެ. ހަމަ އެކަނި އެމަނިކުފާނަށް ފެންނާނީ އަރިހުގައި އުޅުއްވާ މަދު ބޭފުޅަކު ދައްކަވަން ބޭނުންފުޅުވާ މަންޒަރެކެވެ. ހަގީގީ މަންޒަރު އޮންނާނީ އެމަނިކުފާނުގެ ލޯމަތިން ކައްސާލައިފަ އެވެ.

މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތަށް ރަށުގެ އަތިރިމަތީގައި ފައި ބީއްސަވާލެއްވުމަކުން ރައްޔިތުންގެ އިހްސާސްތަކެއް ނޭނގޭނެ އެވެ. ރައީސްގެ ދަތުރުފުޅުތައް އުނދޯލިކޮޅާ ހަމައިން ނިންމަވާލެއްވުމަކީ ތާއިދު އިތުރުކުރަން އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުގައި ހައްދަވާ ގޯހެކެވެ. އެމަނިކުފާނުގެ ސިޔާސަތު ވިއްކުމަށް ވެސް އަޅުއްވާ ހުރަހެކެވެ. ރައްޔިތުންނާ އިތުރަށް ބީރަށްޓެހިކަން މިކަމުން އިތުރުވެދާނެ އެވެ.