ލައިފްސްޓައިލް

ވައިބާ ގްރޫޕްތައް ސާފުކޮށްކޮށް ވަރުބަލިވެއްޖެ

Jan 1, 2018
2

ދަތުރެއް ދާން ވިޔަސް، އާއިލާ އެންމެން އެއްތަން ވެލާ ވާހަކަ ދައްކާލަން ވިޔަސް އަދި އޮފީސް މާހައުލުގައިވެސް އެންމެން އެއް ތަނަކަށް ޖަމާވެލާ ހިޔާލު ބަދަލުކޮށްލާ ހަދާލަން މިހާރު ބޭނުންކުރާ އެންމެ ފަސޭހަ އުކުޅަކީ ވައިބާ އެވެ. ސްމާޓް ފޯނާ އިންޓަނެޓަކީ މިއަދު އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މީހާ އާއިވެސް ރައްޓެހި އެއްޗެކެވެ. ޒަމާނީ ޓެކްނޯލޮޖީ ދިވެހިންގެ ތެރެއަށް ފެތުރިފައިވަނީ އާދައިގެ މިންވަރަކަށް ނޫނެވެ.

މިހެންވުމުން ކޮންމެ މީހަކީވެސް 10 ވަރަކަށް ވައިބާ ގްރޫޕުގައި އިންނަ މީހެކެވެ. އޮފީސް މީހުންނާއި، ސްކޫލް ދައުުރުގެ ކްލާސް މޭޓުން، އޮފީސް ވައިބާ ގްރޫޕް، ދަރިފުޅުގެ ކްލާސް ބެލެނިވެރިންގެ ވައިބާ ގްރޫޕް، އާއިލާ ވައިބާ ގްރޫޕް މިހެން ގޮސް މި ލިސްޓެއް ކިތަންމެ ދިގުކޮށްވެސް ކީ ދާނެ އެވެ. އަދި އެއިން ކޮންމެ ގްރޫޕަކީ އެތައް ބަޔަކު ތިބޭ އާބާދީ ބޮޑު ގްރޫޕެކެވެ.

ދައްކަން މިއުޅޭ ވާހަކަ އަކީ ހާއްސަ މުނާސަބަތުތަކާއި ގުޅިގެން އެ ގްރޫޕްތަކަށް އަންނަ "ފްލްޑް" އެވެ. ރޯދަމަހާއި، އީދު ބަންދުތަކާއި މިނިވަން ދުވަސް ފަދަ މުނާސަބަތު ތަކުގައި ފޮނުވާ ތަހުނިޔާގެ މެސެޖުތަކެވެ. ކޮންމެ ވައިބާ ގްރޫޕެއްގައި ތިބޭ 30 ވަރަކަށް މީހުން ފޮނުވާ ތަހުނިޔާގެ ފޮޓޯތަކާއި ޖިފްތަކެވެ. "ކްލިއާ" ކޮށް ނިމުމާއެކު ދެވަނަ މީހާވެސް ފޮނުވާނެ އެވެ. އާ އަހަރާއި ގުޅިގެން އެ މެސެޖުތައް ތަކުރާރު ވަމުންދާތީ މި ވާހަކަ ދައްކާލަން ހިތަށް އެރީ އެވެ.

ދެން ހިތަށް އަރާފާނެ އެވެ. "ހަޖަމް" ނުވަންޏާ ގްރޫޕުން ބޭރުވާންވީ ނޫން ހެއްޔެވެ؟ އަމިއްލަ މީހާއަށް އެ "އޮޕްޝަން" އެބައޮތް ނޫން ހެއްޔެވެ؟

ގްރޫޕުން ބޭރުވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެން ނަމަވެސް އެއީ އޭގެ ހައްލު ކަމަށް ވެދާނެ ހެއްޔެވެ؟ އެންމެ ފުރަތަމަ ވައިބާ ގްރޫޕެއް ހަދާ އެ ގްރޫޕަށް މީހުން އިތުރު ކުރަމުންދަނީ ވަކި މަގުސަދެއްގަ އެވެ. މިސާލަކަށް ދަރިފުޅުގެ ކްލާސް ކުދިންގެ ބެލެނިވެރިންގެ ގްރޫޕެވެ. ކްލާހުގައި ތިބޭ 30 ކުދިންގެ ބެލެނިވެރިންގެ ތެރެއިން 20 ވަރަކަށް ބެލެނިވެރިން މި ގްރޫޕަށް ތަހުނިޔާގެ ޕޯސްޓުތައް ކުއްލިއަކަށް ފޮނުވާލަ ބަލާށެވެ. މުޅި ގްރޫޕް ފްލަޑް ވާނީ އެވެ. އެ ގްރޫޕުން ބޭރުވެވިދާނެ ހެއްޔެވެ؟ ނުވެވޭނެ އެވެ. އަދި އެއީ ހައްލެއްވެސް ނޫނެވެ.

"އަސްލުވެސް، ދެން ކޮންމެ މީހަކު ފޮނުވަން ޖެހޭތަ އެ ހުރިހާ އެއްޗެއް، ހުރިހާ ގްރޫޕެއް ކްލިއާ ކޮށް ނިމޭއިރު އަނެއްކާ އަނެއް މީހުންތައް ހުންނާނެ ފަށާފައި، މިއުޓް ނުކުރާ ވައިބަ ގްރޫޕެއް އިނދެއްޖެޔާ އެދެން ޖެހުނީ ކަންތަކާ، ފޯނުވެސް ބިޒީވާ ވަރުވާނެ، މިސާލަކަށް އެ ނޫން ގޮތަކަށް އެކަން ކުރަން އެބަޖެހޭ ދޯ، ފޭސްބުކްގައި ސްޓޭޓަސް އެއް ޖަހާލިޔަސް އެހެން މީހުންނަށް އުނދަގުލެއް ނުވާނެ،" ވައިބާ ގްރޫޕްތަކުން އަންނަ މިފަދަ މެސެޖްތަކާހެދި އުނދަގޫވެފައި ހުރި މީހަކު ބުންޏެވެ.

އެކަމުގެ ހައްލެއް އެބަ އޮތެވެ. އަބަދުވެސް ތަހުނިޔާގެ މެސެޖުތައް ފޮނުވަން ފަށާނީ ކޮންމެވެސް އެކަކެވެ. އެ މެސެޖަކަށް އެންމެން ލައިކެއް ދިނުން ކިހިނެއްވާނެ ހެއްޔެވެ؟ އެމީހަކު އިންނަ ހުރިހާ ގްރޫޕަކަށް ކޮންމެހެން ފޮނުވަން ޖެހޭ ހެއްޔެވެ؟ ނުދަންނަ އެތައް ބަޔަކުވެސް އެ ގްރޫޕްތަކުގައި ތިބެދާނެ އެވެ.