ލައިފްސްޓައިލް

އާ އަހަރު ހާސިލް ކުރަން ބޭނުން ލަނޑުދަނޑިއަކީ ކޮބާ؟

Jan 2, 2018
1

ހަޔާތުން އިތުރު ދުވަހެއް ފާއިތުވެ މުޅިން އާ އަހަރަކާއި އަނެއްކާވެސް ކުރިމަތިވީ އެވެ. މުޅިން އާ ކަންތައްތަކާއި ތަޖުރިބާތަކެއް މި އަހަރުވެސް ކުރެވޭނެ އެވެ. އަދި ކުރަން އަޒުމް ކަނޑައަޅާފައިވެސް އެބަހުއްޓެވެ. ހާއްސަކޮށް އާ އަހަރު ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި އުންމީދުތަކެވެ. އާ އަހަރު އިއްޔެ ފެއްޓުނު އިރު "ނިއު އިޔާ ރިޒޮލިއުޝަންސް"ގެ ގޮތުގައި ބޮޑު ލިސްޓެއް އޮތީ ތައްޔާރުކޮށްފަ އެވެ.

ކޮންމެ އަހަރަކުވެސް އާ އުންމީދުތަކެއް ފުރިހަމަ ކުރަން އަޒުމް ކަނޑައަޅަ އެވެ. އެހެން ނަަމަވެސް އެކަން ހާސިލް ކުރެވެނީ ވަރަށް މަދު މީހަކަށެވެ. ގިނަ މީހުން ފެއިލް ވަނީ އެވެ. އެހެން ނަމަވެސް ދިރާސާތަކުން ދައްކަނީ ފެއިލްވި ނަމަވެސް އުންމީދުތަކެއް ހާސިލް ކުރަން އަޒުމް ކަނޑައަޅާ މީހުންނަށް އެމީހުންގެ ބިހެވިއާ ބަދަލުކުުރުމުގެ ފުރުސަތު އެހެން މީހުންނަށްވުރެ 10 ގުނަ ބޮޑު ކަމަށެވެ.

އެހެންވީމަ އެކުގައި އުޅޭ ރައްޓެހިން ކިތަންމެ ވަރަކަށް ދިމާކުރިއަސް އާ އަހަރަށް ހާސިލްކުރާނެ ކަންތައްތަކެއް ހަދާ އެކަން ހާސިލްކުރަން މަސައްކަތް ކުރުން ހުއްޓާ ނުލާށެވެ. ކާމިޔާބު ލިބޭނީ އެކަމަކާ ދޭތެރޭ ވިސްނާ އެކަންކަން ހާސިލްކުރަން މަސައްކަތް ކުރާ މީހުންނަށެވެ. ހަމަ ހުރެފައި އެއް ދުވަހަކު ނިދާ ހޭލާއިރު އާ އަހަރަށް އަޒުމް ކަނޑައެޅި ކަމެއް ފުރިހަމައެއް ނުވާނެ އެވެ.

ކަމެއް ހާސިލް ކުރަން ބޭނުންވެއްޖެނަމަ އެންމެ މުހިންމު ކަމަކީ އެކަށީގެންވާ ރަނގަޅު ޕްލޭން އެއް އެކުލަވާލާ އެ ޕްލޭންއަށް އަމަލު ކުރުމެވެ. އެންމެ ދުވަހަކުވެސް ޕްލޭން އާ ހިލާފު ނުވުމެވެ. އަމިއްލަ ނަފްސަށް ތެދުވެރި ނުވެ ކާމިޔާބެއް ނުލިބޭނެ އެވެ. ގިނަ ކަންތައްތަކެއް ހާސިލް ކުރަން މަސައކަތް ކުރުމުގެ ބަދަލުގައި ގާތްގަނޑަކަށް ދެ "ގޯލް" އަކަށް މަސައްކަތް ކުރާށެވެ. އަދި އެ ކަމަކީ ގުޅިފައިވާ ދެ ކަމަށް ހެދުމުން އެކަން ހާސިލްކުރަން ފަސޭހަވާ ކަމަށް ސައިންސު ބުނެ އެވެ.

ބައެއް ފަހަރަށް މީހުން ގާތުގައި ހާސިލްކުރަން އުޅޭ "ގޯލް"ތަކުގެ ވާހަކަ ދެއްކުމުންވެސް ފައިދާ ކުރެ އެވެ. އެމީހުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި ހިތްވަރަކީ ކާމިޔާބަށް ވާސިލްވުމުގައި މުހިންމު ކަމަކަށްވާނެ އެވެ. މިސާލަކަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް މެދުވެރިކޮށް އެކަން އިއުލާނުވެސް ކުރެވިދާނެ އެވެ. އަދި ގަވާއިދުން އަޕްޑޭޓް ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. "ގޯލް" އަށް ވާސިލްވާން އެއީ އެހީއަކަށް ވެދާނެ އެވެ.

ޕްލޭންކުރި ގޮތަށް ހުރިހަ ފަހަރަކު ކަންތައް ނުވެދާނެ އެވެ. އެކަމަކު މާޔޫސްވެ އެކަން ނުވާނެ ކަމަށް ބަލާފައި ހުއްޓާނުލާށެވެ. ކާމިޔާބުވާނެ އެވެ. ކާމިޔާބަށް ވާސިލްވެވޭނީ އެތައް ފަހަރަކު ނާކާމިޔާބު ވެގެންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ އެވެ. މީގެ އިތުރުން އަމިއްލަ ނަފްސުގެ އަގު ވަޒަން ކުރުމަކީވެސް މުހިންމު ކަމެކެވެ.