ރިޕޯޓް

ދިރާސީ އަހަރަށް ތައްޔާރުވުން: ޓީޗަރުން ހަމަވާނެ؟

އާ އަހަރުގެ ސްކޫލުތައް ހުޅުވެން ދެން އޮތީ ޖުމްލަ ނުވަ ދުވަހެވެ. ރޭގަނޑު ސްކޫލު ވިޔަފާރިއަށް ކޮޅު ކޮޅަށް ދުއްވާ ސައިކަލުތަކުގެ އަލިން މަޖީދީމަގު އޮންނަނީ ރެނދަން ލައިފަ އެވެ. ހިނގާފައި އުޅޭ މައިން ދަރިން ކިހިލީ ޖަހައިގެން ހަވީރު ފިންޏާވެސް ނިކުމެލަނީ ބާޒާރަށެވެ. ނަމަވެސް ދިރާސީ އާ އަހަރެއްގެ ވަރުބައްޔާއި ކަންބޮޑުވުން ގުޅިފައި އޮންނަނީ ހަމައެކަނި ވިޔަފާރި ކުރުމާ މެދަކު ނޫނެވެ. އާ އަހަރަކަށް ސްކޫލްތަކުގައި ކިޔަވައިދޭން ފަށައިގެން އެކަން ހަމަޔަކަށް އެޅެން ރާއްޖޭގައި އާންމުކޮށް މަހެއް، ދެމަހެއް ނަގައެވެ. ދިމާވާ އެންމެ ބޮޑު ދައްޗަކީ ސްކޫލް ހުޅުވެން ވާއިރަށް ޓީޗަރުން ހަމަނުވުމެވެ. ހާއްސަކޮށް މާލެ ނޫން ބައެއް ރަށްރަށުގައި މިއީ ބޮޑު މައްސަލައެކެވެ. ކުދިންގެ ހުސް ގަޑިތައް ގިނަވެގެން ބެލެނިވެރިން ނިކުމެ ސްކޫލު ގޭޓުތަކުގައި ތަޅު އަޅުވާ ހިސާބަށްވެސް ގޮސްފައި އެބަހުއްޓެވެ. އެކަމަކު ހާސް ނުވާށެވެ. ކަންބޮޑުވުން އެއްކިބާކޮށްލައި ޝޮޕިން ކޮށްލާށެވެ. ޓީޗަރުން ހަމަކުރުމުގެ މަސައްކަތް އެޑިއުކޭޝަނުން ނިންމައިފި އެވެ. ޓީޗަރުން ހަމަވާނެ އެވެ.

ސްކޫލުތަކަށް ޓީޗަރުން ހަމަނުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގައި ބޭރު މުދައްރިސުންގެ ނިސްބަތް ގިނަވުމެވެ. ނިމޭ ކޮންމެ ދިރާސީ އަހަރަކާއެކު ސްކޫލްތަކުގައި ތިބޭ ބިދޭސީ މުދައްރިސުންގެ ތެރެއިން ބޮޑު ބައެއް ރާއްޖެ ދޫކޮށް އެމީހުންގެ ގައުމުތަކަށް ދެއެވެ. ހުސްވާ އެ ޖާގަތަކަށް ޓީޗަރުން ހަމަކުރަން އެޑިއުކޭޝަން މިނިސްޓްރީއަށް ލިބެނީ މަދު ދުވަސްކޮޅެކެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ކުރާ އިއުލާނެއް ކޮށް ލިބޭ ޓީޗަރުންގެ ތެރެއިން ފައިނަލް ޓީމެއް ނަގައި އެކި ސްކޫލްތަކަށް ފޮނުވާލަނީއެވެ. ސްކޫލު ހުޅުވިގެން ބޭކާރުވެގެން އެދާ ވަގުތެއް އެދަނީ އެ މަރުހަލާ މާ ދިގުވާތީ ކަމަށް ވެސް ވެދާނެ އެވެ.

"މިއަހަރުވެސް 140 ވަރަކަށް ޓީޗަރުން ރާއްޖެ ދޫކޮށް ގޮއްސި. ނަމަވެސް ސްކޫލް ހުޅުވެންވާއިރަށް ވާންޖެހޭ ތައްޔާރީތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އެހެން އަހަރުތަކޭވެސް އެއްގޮތަށް މިއަހަރުވެސް ސްކޫލް ހުޅުވެން ވާއިރަށް ޓީޗަރުން ހަމަވާނެ،" އެޑިއުކޭޝަން މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް ވަހީދު ހަސަން ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި ޓީޗަރުން ރެކްރޫޓުކޮށްފި އެވެ. ނަމަވެސް ސްކޫލެއްގައި ހުސްކޮށް އޮންނަ ޖާގައަށް ބިދޭސީއަކަށްވުރެ ބޮޑަށް ދިވެހި ޓީޗަރުންނަށް އިސްކަންދޭގޮތަށް އޮންނަ އުސޫލުގެ ދަށުން ދިވެހި މުދައްރިސުންނަށް އަދިވެސް އިންތިޒާރު ކުރެވެ އެވެ. ފައިނަލް ސިލެކްޝަން ހަދާނީ ދިވެހި މުދައްރިސުންނަށް ޖާގަ ދިނުމަށްފަހު އެވެ.

"ބޭރު މުދައްރިސުންގެ ގޮތުގައި މިއަހަރު ނަގާނީ 90-100 އާ ދޭތެރޭ އަދަދަކަށް. އެހެން ނަމަވެސް ދިވެހި ބޭފުޅަކު ހުންނެވިއްޔާ އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހި ބޭފުޅުންނަށް. އަޅުގަނޑުމެން އަދިވެސް މި ބަލަނީ އަލަށް ދަސްވެނިވެގެން ވެސް ނިކުންނަވާ ޓީޗަރުންނަށް ވެސް ޖާގަ ދެވޭތޯ،" ވަހީދު ވިދާޅުވި އެވެ.

ވީމާ ދިރާސީ އާ އަހަރުގެ ތައްޔާރީތައް މިއޮތީ މެކުހަށް ޖެހިފައެވެ. ފިހާރަތަކުގެ ވެރިންނަށް ޖެނުއަރީ މަހުގެ ވިޔަފާރިތަކަށް ބާރު ބޮޑުވާ އުސޫލުން އެޑިއުކޭޝަން މިނިސްޓްރީއަށްވެސް އައިސްފައި ވަނީ އެފަދަ މޫސުމެކެވެ. ސްކޫލްތަކަށް ޓީޗަރުން ހަމަކުރުމާއި ސްކޫލުތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ ކަންކަން ވެސް މިހާރު ދަނީ ބާރު ސްޕީޑެއްގަ އެވެ. ސްކޫލް ހުޅުވެން ވާއިރަށް އެކަންކަން ފުރިހަމަ ވާނެ ކަމަށް އެދެއްވަނީ ވެސް ޔަގީންކަމެކެވެ. ް