ޑޮނަލްޑް ޓްރަމްޕް

ފަލަސްތީނަށް ދޭ އެހީ ކަނޑައިލެވިދާނެ: ޓްރަމްޕް

ފަލަސްތީނުގެ މީހުންނަށް ދޭ އެހީ ކަނޑައިލެވިދާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އިންޒާރު ކުރައްވައިފި އެވެ. އިއްޔެ ކުރެއްވި ޓްވީޓްތަކެއްގައި ޓްރަމްޕް ތުހުމަތު ކުރައްވާފައި ވަނީ އިޒްރޭލާއެކު ސުލްހައިގެ ވާހަކަތައް ދައްކަން ފަލަސްތީނު މީހުން މިހާރު ތިބީ ތައްޔާރަކަށް ނޫން ކަމަށެވެ.

"ވޮޝިންޓަނުން އަންނަނީ ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ދެމުން، އެކަމުގެ އަގު ވަޒަނެއް ނުކުރޭ އިހުތިރާމެއް ވެސް ނުކުރޭ. އެމީހުން ބޭނުމެއް ނުވޭ މާ ކުރިއްސުރެ ގާއިމްވެފައި އޮންނަން ޖެހޭ ސުލްހައިގެ އެއްބަސްވުމާ މެދު އިޒްރޭލާ ވާހަކަ ދައްކާކަށް،" ޓްރަމްޕްގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ނިކި ހާލޭ ވަނީ ޓްރަމްޕްގެ ވާހަކަފުކު އިތުރަށް ތަފުސީލު ކޮށްދެއްވާފަ އެވެ. ޓްރަމްޕްގެ ވާހަކަފުޅުގެ މުރާދަކީ ސުލްހައިގެ ވާހަތަކަށް ފަލަސްތީނު މީހުން އެނބުރި އަންނަންދެން އެހީގެ ފައިސާ ނުދީ ހިފެހެއްޓުން ނުވަތަ އެހީ ދިނުން ހުއްޓައިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނިކިހާލޭ މިހެން ވިދާޅުވީ ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ. ގެ އެޖެންސީއަށް އެމެރިކާއިން ދޭ އެހީއަށް ދެން ވާނީ ކިހިނެތްތޯ ނޫސްވެރިން ސުވާލު ކުރުމުންނެވެ.

ފަލަސްތީނު މީހުންނަށް އެހީވާ އދ. ގެ އެޖެންސީއަށް ފައިސާގެ އެންމެ ބޮޑު އެހީއެއްދޭން ވައުދުވެފައި ވަނީ އެމެރިކާއިންނެވެ. އެގޮތުން މިދިޔަ އަހަރާ ހަމައަށް އެ އެޖެންސީއަށް އެމެރިކާއިންް ދޭ ވައުދުވެފައިވާ ފައިސާގެ އަދަދު ވަނީ 370 މިލިޔަން ޑޮލަރަށް އަރާފަ އެވެ.

ފަލަސްތީނު މީހުންނަށް ޓްރަމްޕް އިންޒާރު ދެއްވީ އޭނާއާ ދެކޮޅަށް ފަލަސްތީނު މީހުން މުޒާހާ ކުރާތާ ދުވަސްތަކެއްވީ ފަހުންނެވެ. އޭނާއާ ދެކޮޅަށް ފަލަސްތީނު މީހުން މުޒާހަރާ ކުރަނީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަނެ، އެމެރިކާ އެމްބަސީ އެރަށަށް ބަދަލު ކުރަން ޓްރަމްޕް އެންގެވުމުންނެވެ.

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާ ކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެ ބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ. ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފިއެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސްކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.