ރިޕޯޓް

މާލޭހިޔާގެ އާއިލާތައް ބޯ މައްޗަށް ސީލިން!

ބުނާތީ އަހަމެވެ؛ މާލެއިން ފުލެޓެއްގެ މިލްކުވެރިކަން ލިބިއްޖެ ނަމަ އެއީ ހާސް ނިއުމަތެވެ. މާލޭ އަމީނީމަގު ހުޅަނގަށް އަޅާފައިވާ މާލެހިޔާ ފްލެޓްތަކުގެ ވަޒަންވެރީންނަކީ މި ނިއުމަތެއް އެންމެ ފުރަތަމަ ލިބުނު މީހުންގެ ތެރެއިން ބައެކެވެ. އެކަމަކު އެމީހުން މިއަދު އެ ތިބީ ސީލިންގު ބޮލަށް ވެއްޓި އަލުން ބަލުންގެ އާރާސްތުކުރަން ޖެހި ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ދެހާސް ވަނަ އަހަރު އެ ފުލެޓުތަކަށް ވަނތް ފަހުން އެމީހުންގެ ހާލަކީ އެއީ އެވެ. ބޯހިޔާކުރަން ވަތް ގެއިން ބޯހިޔާނުވެ ވެހޭހާ ވާރެއެއްގެ އަސަރު އަލަމާރީގައި ރައްކާކޮށްފައި އޮންނަ ހެދުމަށް ދަންދެން ކުރާތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވީއެވެ.

އިއްޔެރރޭ ފަތިހު މާލެއަށް ޖެހުނު ބާރުގަދަ ކޮޅިގަނޑާއެކު ކުރި ބޯ ވިއްސާރައިގެ ފެނާއި ފިނިން ހޭ ލައްވާލި ގޮތަށް މާލޭހިޔާ އެކެއް އަދި ދޭއްގެ މަތީ ބުރީގެ ފުލެޓުތަކުގައި ދިރިއުޅޭ މީހުންގެ ހާލަތު އަދިވެސް އާންމު ހާލަތަކަށް ރޫޖައެއް ނުވެ އެވެ. އިއްޔެވެސް ބޮޑު ބައެއްގައި އެމީހުން ތިބީ ފެނުން ތެމި ފަޅަފަޅައިގެން ގޮސްފައިވާ ސީލިންގުން ފައިބާ ހަޑި ފެން ސާފުކުރުމުގެ ބުރަ މަސައްކަތުގަ އެވެ. ގެއަކު ކަރަންޓެއް ނެތެވެ. ސީލިންގުން ވެހުނު ވާރެއިން އެޕާޓްމަންޓްތަކުގެ ސްވިޗުބޯޑުތައް ހަލާކުވި އެވެ. ތަޅުން މަތީގައި ބަހައްޓާފައި ހުރި ކަބަޑުތަކަށް ފެނުގެ އަސަރުކޮށް ގެއްލުން ވެފައި ވެއެވެ. އެނދުތަކާއި ގޮދަޑިތަކާއި ލާ އަންނައުނުގެ އިތުރަށް އެއްބައި ގޭގޭގެ އޭސީތަކާއި ޓީވީތައް ވެސް ހަލާކުވި އެވެ. އެވަރުގެ ގެއްލުންތަކާ އެކުވެސް އެމީހުންގެ ބޮލުގައި ރިހޭ ރިހުމަށް ލިބޭނެ ލުޔެއް އަދިވެސް ނެތެވެ. އެ ދެ ފުލެޓް އިމާރާތުގައި ވެސް އެންމެ މަތީ ބުރީގައި ދިރިއުޅޭ އަށް އާއިލާގެ ހާލަކީ އެއީ އެވެ.

"ފަތިހު ތިނެއް ޖެހި އިރު ހޭލައިގެން މަސައްކަތް ފެށިގޮތަށް އަދިވެސް ފެން ހިއްކާ ނުނިމޭ. އެއްބަޔަކު ވަރުބަލިވެގެން ހިއްކަށް ހުރި ތަންކޮޅެއްގައި ނިދާފައި އެބަތިބި. އެތައް ހާސް ރުފިޔާގެ ގެއްލުމެއް މިހާރު ވެސް ވެއްޖެ. ގޭގެ ދެ ކޮޓަރީގައި ބަހައްޓާފައި ހުރި އޭސީ ހުރީ ހަލާކުވެފައި. ތިން ކޮޓަރީގެ ގޮދަޑިތައް ވެސް ސީލިންގުން ފޭބި ފެނުން ކިލާވެފަ ތަތްތެޅިފައި އޮތީ،" މާލެ ހިޔާ ދޭއްގެ ހަވަނަ ބުރީގައި އާއިލާއެއްގެ 10 މެންބަރުންނާއެކު ދިރިއުޅޭ އަލީ އަހުމަދު އޭނާގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދިނެވެ.

ނުސާފު ތަޣައްޔަރު ފެނުން ހަޑިވެފައި އޮތް ގޭތެރެ ސާފު ކުރަން ޖެހުމަށްވުރެ ރޭގަނޑު ކުދީން ނިންދަވާނެ ގޮތަކާމެދު އޭނާ އިއްޔެ ކުރި ފިކުރު ބޮޑެވެ.

"މިއީ އާ ކަމެއް ނޫން. މިހެން ވާރޭ ވެހިގެން މި ހަރަދެއް އަމިއްލަޔަށް ކުރަން ޖެހުނު މީ ތިންވަނަ ފަހަރު. ކޮންމެ ފަހަރަކުވެސް އެކި ތަންތަނަށް ރިޕޯޓް ކުރަން. މިފަހަރު ވެސް ސިޓީ ކައުންސިލުން ވެސް ބަލާފައި ގޮސްފި. އެއްވެސް ފަރާތަކުން ހައްލެއްގެ ވާހަކައެއް ނުދައްކާ،" މާލެހިޔާ ދޭއްގެ ހަވަނަ ބުރީގައި ދިރިއުޅޭ އެހެން އާއިލާއަކުން ބުންޏެވެ.

އެ އިމާރާތުގައި ފެންބޮޑުވާން ދިމާވަނީ ފުރާޅަށް އެޅޭ ފެން އޮހޮރޭގޮތަށް ބަހައްޓާފައި ހުރި ދިޔަދޮވިތަކަށް ކުނި އެޅި ދިޔަދޮވިތައް ބެދި އެތަންތަން ފުރި ބަންޑުންވެގެނެވެ. އެ މައްސަލަ ދިމާވާ ކޮންމެ ފަހަރަކު އެކަން ރަނގަޅު ކުރަނީ މަތީ ފަންގިފިލާގައި އުޅޭ މީހުން އަމިއްލަޔަށެވެ.

"މެއިންޓެނެންސް ފީގެ ގޮތުގައި މެއިންޓެނަންސްގެ ކަންކަމަށް ހަރަދުކުރަން މަހު ކުލީގެ ތެރޭގައި އިނދޭ 200ރ. ހިމަނާފަ. އެކަމަކު ކަމެއް ވެގެން ދުވަހަކު ވެސް އެއްވެސް ފަރާތަކުން އެހީއެއް ނުވޭ. އެ އޮފީހަށް ގުޅީމަ ޖަވާބެއް ނުދޭ. ކޮންމެ ފަހަރަކު ލިބޭ ގެއްލުންތައް ފޫ ބައްދައި ހަލާކުވާ ތަންތަން މަރާމާތުކޮށް މި ހަދަނީ އަމިއްލަ ހަރަދުގައި،" މާލެހިޔާ އެކެއްގެ ދިހަވަނަ ބުރީގައި ދިރިއުޅޭ އައިމިނަތު ހަލީލް ބުންޏެވެ. އޭނާ ބުނި ގޮތުގައި ހުރިހާ ފަހަރަކަށްވުރެ ބޮޑަށް ގެއްލުންވީ އިއްޔެ ރޭގެ ކޮޅިގަނޑުގެ ތެރޭގަ އެވެ.

"ވިހި ހާސްރުފިޔާގެ ބެޑްރޫމް ސާމާނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެގެން މިފަހަރު އުކާލީ. މިވަރު ވާއިރު ތަނާ ހަވާލުވެގެން ތިބޭ މީހުން އެކަންކަން ނުބެލުމަކީ އެނގިގެން ދެވޭ އަނިޔާއަކަށް ނޫނީ ނުވާނެ،" އާމިނަތު ބުންޏެވެ.

ގެއްލުންތަކުގެ ފޫ ބައްދަ ބައްދާ އަބަދު ތިބެން ޖެހޭތީ އެ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތައް ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ފުލެޓްތަކަށް ލިބުނު ގެއްލުންތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރަން ސިޓީ ކައުންސިލަށް ގުޅުމުން ޖަވާބެއް ނުލިބެ އެވެ. އެހެންވެ މާޔޫސްކަން ވަނީ އިތުރުވެފަ އެވެ. އެ މީހުން ދެކޭ ގޮތުގައި ފްލެޓް ލިބިގެން އެމީހުން ނަސީބުވެރިއެއް ނޫނެވެ.