ބޮލީވުޑް

އައިޝްވާރިޔާ އަކީ މަންމަ ކަމަށް ޒުވާނަކު ދައުވާކުރަނީ

Jan 4, 2018
4

މަޝްހޫރު ތަރިންނާ ގުޅޭގޮތުން މީހުން ހައިރާންވާ ފަދަ އަޑުތައް އެރުމަކީ އާންމުކަމެކެވެ. އޭގެ ތެރޭގައި ބައެއް ތަރިންނާ ބެހޭގޮތުން ދޮގު ވާހަކަތައް ފެތުރޭއިރު ބައެއް ފަހަރަށް ތެދު ވާހަކަތައް ވެސް ހާމަވެ އެވެ.

ނަމަވެސް މިފަހަރު ބަތަލާ އައިޝްވާރިޔާ ރާއީއާ ގުޅޭގޮތުން އަރައިގެން އުޅޭ އަޑަކީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި ހަބަރެކެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ސަންގީތް ކުމާރު ވަނީ އައިޝްވާރިޔާ އަކީ އޭނާގެ މަންމަ ކަމަށް ދައުވާކޮށް އިންޑިއާގެ ނޫސްތަކަށް އިންޓަވިއުދީފަ އެވެ.

އޭނާ އަކީ އައިޝްވާރިޔާގެ ދަރިއެއް ކަމަށް ބުނަމުން ސަންގީތް ވަނީ އައިޝްވާރިޔާ އޭނާ ވިހާފައިވަނީ މިސް ވޯލްޑް ލިބުމުގެ ހަ އަހަރު ކުރިން ލަންޑަނުގައި ކަމަށް ބުނެފަ އެވެ.

"އައިވީއެފް މެދުވެރިކޮށް 1988 އަށް ވަނަ އަހަރު އައިޝްވާރިޔާ އަހަރެން ވިހެއީ. ވިހައިގެން އުމުރުން ދެ އަހަރު ވަންދެން އަހަރެން ބަލާބޮޑުކުރީ މާމަ ވްރިންދާ ރާއި އާއި ކްރިޝްނަރާޖް ރާއި. އަހަރެންގެ ކާފަ ކްރިޝްނަރާޖް ވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މަރުވެފައި،" ސަންޖީތު އިންޑިއާގެ ނޫސްތަކަށް ކިޔައިދީފައިވެ އެވެ.

ސަންޖީތު ވަނީ އޭނާގެ އުމުރުން ދެ އަހަރުވުމުން ބައްޕަ އާޑިވެލޫ ރެޑީ ވަނީ އޭނާ ވިޝްކާޕަޓްނަމް އަށް ގެންދިޔައީ ކަމަށެވެ. އަދި އޭގެފަހުން ދިރިއުޅުމުން އައީ އެ ތަނުގައި ކަމަށް ބުނެފަ އެވެ. އަދި އޭނާގެ މަންމަ އައިޝްވާރިޔާއާ އޭނާއާ ވަކިވެފައިވާތާ 27 އަހަރު ވެފައިވާތީ މިހާރު ބޭނުންވަނީ މަންމަ އާއެކު ދިރިއުޅޭށެވެ.

ބަތަލާ އައިޝްވާރިޔާ އަކީ މަންމަ ކަމަށް ދައުވާކޮށް ދޮގު ތުހުމަތެއް ސަންގީތު ކޮށްފައިވިޔަސް އައިޝްވާރިޔާ އަކީ އޭނާގެ މަންމަ ކަމަށް ސާބިތުކުރާނެ ހެއްކެއް އޭނާގެ އަތަކު ނެތެވެ. އެ ހުރިހާ ލިޔެކިޔުމެއް އައިޝްވާރިޔާގެ އާއިލާގެ މީހުން ވަނީ ނައްތާލާފަ އެވެ.

"އައިޝްވާރިޔާގެ އާއިލާގެ މީހުން އެ ލިޔުންތައް ނައްތާލުމުން އަހަރެން މިހުރީ ވަރަށް ރުޅި އައިސްފައި. އެހެންނޫން ނަމަ މިހާރު އަހަރެން ދިރިއުޅެމުން ދާނީ އަހަރެންގެ މަންމައާ އެކު،" ސަންގީތު ބުނެފައިވެ އެވެ.

ސަންގީތު އިތުރަށް ވަނީ އައިޝްވާރިޔާ އާއި ފިރިމީހާ އެކްޓަރު އަބީޝެކް ބައްޗަންގެ ގުޅުން ވަރަށް ގޯސްވެ ވަރިފަށަށް އަރާފައިވާ ކަމަށެވެ. އަދި އައިޝްވާރިޔާ މިހާރު ދިރިއުޅެމުން އަންނަނީ ވެސް ވަކިން ކަމަށެވެ.

ދެހާސް ހަތްވަނަ އަހަރު އަބީޝެކް އާއި ކައިވެނިކުރި އައިޝްވާރިޔާގެ ހަ އަހަރުގެ އަންހެން ކުއްޖަކު ހުރެ އެވެ. ދަރިފުޅު އާރަދްޔާ ލިބުނުފަހުން އައިޝްވާރިޔާ ފިލްމީ މަސައްކަތުން ބްރޭކް ނަގައި ހުރިހާ ވަގުތެއް ހޭދަކުރަމުން އައީ ދަރިފުޅާ އެކު އެވެ. އަދި އަލުން ފިލްމު ކުޅެން ފެށީ 2015 ވަނަ އަހަރު އެވެ.