ވިޔަފާރި

ރާއްޖެ އިޝްތިހާރު ކުރުން މެކުހަށް: މި އަހަރު 40 ފެއާކަށް!

Jan 4, 2018
1
  • މަޓާޓޯ އާއި އަޓާ އިން ގިނަ ފެއާތަކަށް
  • އެމްއެމްޕީއާރްސީން 15 ފެއާއަށް ދާނެ
  • އިޝްތިހާރު ކުރަން ހާއްސަ މަސައްކަތްތަކެއް

ރާއްޖެ އިޝްތިހާރު ކުރަން ކުރާ މަސައްކަތްތައް ވަރުގަދަކޮށް، އަމިއްލަ ފަރާތްތަކާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މި އަހަރު ބޭރުގެ 40 ފެއާއެއްގައި ބައިވެރިވާނެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އެމްއެމްޕީއާރުސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވީ މި އަހަރު ވެގެންދާނީ ކާމިޔާބު އަހަރަކަށް ކަމަށާއި އަލަށް ހުޅުވި ރިސޯޓުތަކާއިއެކު ކުރާ މަސައްކަތްތަކުން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.

"މި ކޮންމެ ރިސޯޓަކީ ވެސް އިންޓަނޭޝަނަލް ލަގްޒަރީ ބްރޭންޑެއްގެ ރިސޯޓެއް. އެހެންވީމަ އެ ބްރޭންޑްސްތަކުގެ މާކެޓިން ޓީމްތަކާއި އެމްއެމްޕީއާރުސީ ގުޅިގެން ކުރާ މަސައްކަތްތަކުން އެރައިވަލްސް އިތުރު ވާނެ،" ހާރިސް ވިދާޅުވި އެވެ.

ހާރިސް އިތުރަށް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެން ޓޫރިޒަމް މާކެޓު ކުރާ ގޮތަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ވެސް ހފައިދާ ފެންނަމުން އަންނަ ކަމަށާއި މިއަހަރު ވެގެންދާނީ އޭގެ ބޮޅަކަށް ކަމަށެވެ.

"އެއާއެކު ގެނެވުނު އެއް ބަދަލަކީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ އެހެން އެސޯސިއޭޝަންތަކަށް ވަރަށް ބޮޑު ދައުރެއް ދެވިފައިވުން. ރާއްޖޭގެ އިވެންޓް ބާއްވާ ކުންފުނިތައް ވެސް ވަރަށް ބޮޑަށް އެމްޕަވާ ކުރެވިފައިވަނީ. އަޅުގަނޑުމެންނާ ހަމައަށް އެންޑޯސްމަންޓެއް އައިސްފިނަމަ ރާއްޖެ އާއި ރާއްޖޭން ބޭރުން ވެސް ފުރުސަތު ދެނީ،" ހާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި އަމިއްލަ ޖަމިއްޔާތަކުން ކުރާ މަސައްކަރް ފާހަގަ ކުރެވޭ ކަމަށާއި މި ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) ކުރަމުންދާ މަސައްކަތް ފާހަގަ ކުރެވޭ ކަމަށެވެ.

މި އަހަރަށް މަޓާޓޯ އިން 15 އިވެންޓް ރާވާފައިވެއެވެ. މީގެ އިތުރުން އަޓާ އިން ވެސް 15 އިވެންޓެއް ގެންދެ އެވެ.

"ސަރުކާރުން ވެސް 15 އިވެންޓް ބާއްވަން ވަނީ ނިމިފައި. އެހެންވެ 43 ވަރު އިވެންޓް ޓޫރިޒަމް ޕްރޮމޯޓް ކުރަން [މިއަހަރު] ބޭއްވޭނެ. އެހެންވެ މި އަހަރު ވެގެންދާނީ ރާއްޖެއަށް އެންމެ ބޮޑު އެކްސްޕޯޝާއެއް ލިބޭ އަހަރަށް،" ހާރިސް ވިދާޅުވި އެވެ.

މި އަހަރު ވެގެންދާނީ ރާއްޖެއަށް އެންމެ ބޮޑު އެކްސްޕޯޝާއެއް ލިބޭ އަހަރަށް،
ހާރިސް މުހައްމަދު | އެމްއެމްޕީއާރްސީ

އަމިއްލަ ފަރާތްތަކާއެކު، ޓޫރިޒަމް ޕްރޮމޯޓް ކުރަން ގިނަ މަސައްކަތްތަކެއް މިއަހަރު ކުރާއިރު، ޓޫރިޒަމް ޕްރޮމޯޓް ކުރަން ސަރުކާރުން ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ކުރާ މަސައްކަތުން ޕްރޮމޯޝަނަށް އިތުރު 50 މިލިއަން ރުފިޔާ ހޯދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފަ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު 1.3 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރު އައި 1.2 މިލިއަން މީހުންނާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރު އަދަދެކެވެ.