ލައިފްސްޓައިލް

ހަ މަސް ނުވާ ކުދިންނަށް ފެން ދިނުމުން މަރުވެސް ވެދާނެ

ވިހެއުމާ ގުޅިގެން އާންމުކޮށް އަންހެނުންނަށް ލިބެނީ ތިން މަސް ނުވަތަ ދެ މަހުގެ ޗުއްޓީ އެކެވެ. އޭގެ ފަހުން ބަރާބަރަށް ކުރިއެކޭ އެއްގޮތަށް ވަޒީފާއަށް ނުކުންނަން ޖެހެ އެވެ. ގިނަ ކުންފުނިތަކުގައި ތުއްތު ކުދިން ގެންގުޅޭ މައިންނަށް ހާއްސަ ލުއި ގޮތްތަކެއް ތައާރަފްކޮށްފައި ހުރެ އެވެ. އެހެން ނަމަވެސް ދުވާލުގެ ގިނަ ވަގުތު ދަރިފުޅާއި ހޭދަކުރަން ޖެހެ އެވެ.

އެހެން ވުމުން ވަޒީފާއަށް ދާ މައިން ބޭނުންނުވި ކަމުގައި ވިޔަސް ހަ މަސް ނުވަނީސް ތުއްތު ދަރިފުޅަށް ކާން ދީ ނުވަތަ ފެން ދޭން ފަށަ އެވެ. ދުރުގައި އޮފީހުގައި ހޭދަކުރާ ވަގުތުތަކުގައި ދަރިފުޅު ކަރު ހިއްކައިގަނެފާނެތީ އެކަމަށް ސަމާލުވުމަށެވެ.

އެހެން ނަމަވެސް ޑޮކްޓަރުން ބުނަނީ ހަ މަސް ނުވަނީސް ފެން ދިނުން ކުއްޖާގެ ސިއްހަތަށް ނުރައްކާ ކަމަށެވެ. އެންއެޗްއެސް ގްލާސްގޯގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވަނީ އުމުރުން ހަ މަސް ވުމުގެ ކުރިން ތުއްތު ދަރިފުޅުގެ ހަށިގަނޑަށް ފެން ބޭނުންނުވާނެ ކަމަށެވެ.

"ބޮޑެތި މީހުންގެ ހަށިގަނޑަށް ފެން ބޭނުންވާ ފަދައިން ތުއްތު ކުދިންގެ ހަށިގަނޑަކަށް ފެން ބޭނުމެއް ނުވާނެ، ހަ މަސް ނުވަނީސް ތުއްތު ދަރިފުޅަށް ފެން ދިނުން ރައްކާތެރިއެއް ނޫން، ގާތުން ނުދެވޭނަމަ ފޯމިއުލާ ދިނުންވެސް އެންމެ ރަނގަޅުވާނެ، އޭގައިވެސް ކުއްޖާއަށް ބޭނުންވާ ހުރިހާ މާއްދާއެއް ހިމެނޭނެ،" ދިރާސާގައި ބައިވެރިވި ޑރ. ޑެނިއެލް ސްޓްރިންގާ ބުނެފައިވެ އެވެ.

ތުއްތު ދަރިފުޅަށް މާގިނައިން ފެން ދެވިއްޖެނަމަ އިންޓޮކްސްިކޭޓްވެ މަރުވެސް ވެދާނެ ކަމަށެވެ.

"ވޯޓާ އިންޓޮކްސިކޭޝަން އާ ކުރިމަތިވާނީ މާގިން ކުއްޖާއަށް ފެން ދެވުނީމަ އެ ފެނުގެ ސަބަބުން ހަށިގަނޑުގައި ލޮނު ހުންނަ މިންވަރު އިތުރުވެގެން، މާގިނައިން ތުއްތު ކުއްޖާގެ ހަށިގަނޑަށް ފެން އެތެރެވެއްޖެނަމަ ސެލް ތަކަށް ފެން ދަމާ މިންވަރު އިތުރުވާނެ، އޭރަށް ސެލްތައް ފަޅައިގެންވެސް ހިނގައިދާނެ،" ސްޓްރިންގާ ލިޔެފައިވެ އެވެ.

ތުއްތު ކުދިންނަށް ބޯ ފެން ދިނުމާއި ގުޅޭގޮތުން ސްޓްރިންގް އިތުރަށް ބުނެފައިވަނީ އުމުރުން ހަ މަހާއި އެއް އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލަކު ދެ އައުންސަށްވުރެ އިތުރަށް ފެން ދިނުން ރައްކާތެރި ނޫން ކަމަށެވެ.