ލައިފްސްޓައިލް

ފޮޓޯ ދޮންބެގެ ވާހަކަ: ޒުވާނުން ކިޔާލާ!

މީޑިއާއަށް ނުކުމެ އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުުމަކަށް ދިޔަ ދުވަހު އެތަނުންވެސް ދިމާވި އެވެ. އުމުރުން އެހާ ދުވަސްވެފައިހުރި ނޫސްވެރިއަކު ފީލްޑުން ފެނިދާނެ ކަމަކަށް ހީއެއް ނުކުރަމެވެ. އެހެންވެ އޭގެފަހުން އަބަދުވެސް ހުރީ "މިއަދު" ނޫހުގެ އެ ނޫސްވެރިޔާ އިސްމާއިލް އަބްދުލްގަފޫރު ނުވަތަ ދޮންބެ އާ ވާހަކަ ދައްކާލާ ހިތްވެފަ އެވެ. އެހާ ދުވަސްވީއިރުވެސް ގޭގައި މަޑުކޮށްނުލާ މަސައްކަތުގެ މާހައުލަށް ނުކުމެ އުޅޭތީ ނޫސްވެރިކަމަށް ލޯބިޖެހިފައި ހުރި މީހެއްކަން ޔަގީންވި އެވެ. އެހެން ނަމަވެސް ދޮންބެ އަކީ މާގިނައިން ވާހަކަ ދައްކާ މީހަކަށް ނުވާތީ ދޮންބެ އާ ސުވާލެއްކޮށްލަންވެސް ނުކެރުނީ އެވެ.

އޭގެ ފަހުން މިވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ދޮންބެގެ ވާހަކަތައް އަޑުއަހާލަން ހުރީ ބޭނުންވެފަ އެވެ. ދޮންބެގެ ވާހަކަތައް އިންސްޕިރޭޝަނަކަށް ވާނެކަމުގެ ޔަގީންކަން އޮތްލެއް ބޮޑުކަމުންނެވެ. އާންމުކޮށް މިހާރުވެސް ގިނަ ނޫސް ކޮންފަރެންސްތަކާއި އިވެންޓުތަކުން ފެނެ އެވެ. ދޮންބެ އަކީ ފޮޓޯ ޖާނަލިސްޓެކެވެ. މީޑިއާގައި މަސައްކަތް ކުރާ ހާއްސަކޮށް ފޮޓޯގަރްފީގައި މަސައްކަތް ކުރާ އެހެން މީހުންނަށްވުރެ އެތައް ތަނެއް އުމުރުން ދޮށީ ފޮޓޯ ނޫސްވެރި އެކެވެ. އުމުރުން 62 އަހަރުވެފައި ހުއްޓަސް އެހެން ހަރަކާތްތެރިވެ އުޅުމުގައި ޒުވާން ނޫސްވެރިއަކަށް ދުލެއް ނުކުރާނެ އެވެ.

ދޮންބެގެ ފޮޓޯ ކެރިއަރުގެ ވާހަކަ ދައްކާލާ ހަނދާން އާކޮށްލަން ޖެހެނީ 30 ވަަރަކަށް އަހަރު ކުރީގެ ފޮޓޯތަކެއްގައި އަލުން ކުލަ ޖައްސާށެވެ. ސަރުކާރު ވަޒީފާއެއްގައި އޭރު ލިބޭ ކުޑަ މުސާރައަށް ހިންހަމަ ނުޖެހިގެން އަމިއްލަ މަސައްކަތެއް ކުރަން ޅިޔަނުގެ ކެމެރާ ހޯދައިގެން ކުޑަކުދިންގެ ބަގީޗާއަށް ދިމާއަށް މިސްރާބު ބަދަލުކޮށްލި ގޮތަށް އެ މިސްރާބުގައި ދެމި ހުރީ އެވެ.

"އޭގެކުރިން އުޅުނިން ފޮޓޯ ޓެކުނިކް މުހައްމައިދީ ކައިރީ ވަޒީފާގައި، ފޮޓޯ ނަގާ ތަނެއް ހަނދާންވާ ގޮތުން ވިއްޔާ ފޮޓޯ ޓެކުނިކް އެތަނަށް ކިޔާނީ، އެތަނުގައި ކައުންޓަރުގައި އިނީ، އޭރު އެތާ އުޅެމުން ފޮޓޯ ނަގަން ދަސްކުރީ، އޭގެ ފަހުން ފޮޓޯ ނަގަން ނުކުތީ،" ދުރު ހަނދާނެއް އާ ކުރަމުން ދޮންބެ ކިޔައިދިނެވެ.

"ފުރަތަމަ ދުވަހު ދިޔައީ ޕާކަށް، އެތަނުގައި އުޅޭ އަބްދުރައްޒާގު ކިޔާ އަންހެނުން ރަށު މީހެއް، އޭނަ ބޮޑަށް މަށަށް އިރުޝާދުދެނީ ހަދަންވާ ގޮތް، އޭނަ ބުނީ މިތަނުގައި އުޅެލީމަ ރަނގަޅުވާނޭ، ކެމެރާ ކަރުގައި އަޅުވާލައިގެން ދުއްވާލާށޭ ބައިސްކަލުގައި ހަވީރު، އޭރަށް މީހުން ގޮވާނޭ ފޮޓޯ ނަގަން، އެހެންނޭ ހަދަނީ، އޭގެފަހުން ކޮންމެ ދުވަހަކު ނުކުމެ ދުއްވާލީމަ އޭރު މީހުން ގޮވާލާނެ ފޮޓޯ ނަގަން މިހާރު ނުގޮވިއަސް،"

އޭރު 10 ރުފިޔާއަށް ފޮޓޯ ގަނޑެއްގެ މަގުން ފޮޓޯ ނަގައިދީގެން ދޮންބެގެ ދިރިއުޅުން ތަނަވަސްވި އެވެ. ވަޒީފާއެއްގައި އުޅެގެން ލިބޭ އާމްދަނީއަށްވުރެ ރަނގަޅު އާމްދަނީއެއް ދޮންބެއަށް ލިބުނެވެ. ދޮންބެގެ ދެ ކުދިން ސްކޫލަށް ވައްދާ އެކުދިން ޖީސީއީ ހަދަން ފައިސާވެސް ދެއްކީ ފޮޓޯ ނަގައިގެން ލިބުނު އާމްދަނީ އިންނެވެ. ދުވާލަކު 36 ގަނޑުގެ ފިލްމެއް ހުސްވާ ކަމަށް ދޮންބެ ބުންޏެވެ. އަދި ހުކުރު ދުވަހެއް ނަމަ ޕާކުން އެކަނިވެސް 36 ގަނޑުގެ ދެ ފިލްމު ހުސްވާ ކަމަށެވެ.

"މި މަސައްކަތަކީ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް، އެކަމަކު މިއިން ލިބޭ ލާރި ނުއެއް ފޮރުވޭނެ، ރަނގަޅު ތަންކޮޅަކީ އަތުން ލާރި ހުސްވެގެން އުޅޭކަށް ނުޖެހޭނެ، ބޭނުން ދުވަހަކު ގޮސްފައި ބޭނުން ދުވަހަކު ނުގޮސްވެސް ވާނެ،" ދޮންބެ ބުންޏެވެ.

ފޮޓޯ ނެގުމުގެ ތެރެއިން ދޮންބެއަށް ނޫސްވެރިކަމުގެ ތެރެއަށް ވަދެވުނީ އެންމެ ފުރަތަމަ މިއަދު ނޫސް ހުޅުވި ހިސާބުންނެވެ. ގާތް ރައްޓެއްސެއްގެ ތަނަކަށްވާތީ އެމީހުންގެ އެދުމުގެ މަތިން ވަނީ އެވެ. އޭގެފަހުން ދޮންބެ އަންނަނީ އެތަނުގައިވެސް މަސައްކަތް ކުރަމުންނެވެ. ސްމާޓް ފޯނުތައް ތައާރަފް ނުވާއިރު ގަވާއިދުން ޕާކުތަކަށްވެސް ދެ އެވެ. މިހާރުވެސް މަދުމަދުން ދެ އެވެ. އެހެން ނަމަވެސް ގިނަ މީހުން ފޮޓޯ ނަގަނީ އަމިއްލަ ފޯނުންނެވެ.

"މިހާރުވެސް ބައެއް ފަހަރު ދަން ޕާކުތަކަށް، އެކަމަކު އެހެން ލިބޭ މަދު ފޮޓޯވެސް ބައެއް ފަހަރު ގުޅާފައި ހިފައިގެން ގޮސް ސިޑިން މައްޗަށް އަރާއިރަށް ބުނެފާނެ ގެއަކު ނޫނޭ ފަހުން އަންނާށޭ، އެހެންވެ ވަރަށް އުނދަގުވޭ، އެހެންވެ އެހާ ނުދަން މިހާރަކު ގޭގެއަށް ހިފައިގެނެއް،"

އުމުރުން މިހާރު 62 އަހަރުވެފައިވާއިރުވެސް ދޮންބެ އެހާ ފިޓީ ބައިސްކަލުގައި ދުއްވާލާފައި އެކްޓިވްކޮށް އުޅޭތީ އެވެ. ނޫސްވެރިކަމުގައި ދޮންބެ ހަރަކާތްތެރިވާތާވެސް މިހާރު 20 ވަރަކަށް އަހަރުވަނީ އެވެ. ބޭސް ކާން ޖެހޭ ބޮޑު ބައްޔެއްވެސް ނެތެވެ. މިހާރު ދޮންބެ ނޫސްވެރިކަމުގައި ހަރަކާތްތެރިވަނީ ކޮންމެހެން އާމްދަނީއެއް ހޯދާކަށް ނޫނެވެ. މަސައްކަތެއް ނުކޮށް ގޭގައި ނުހުންނަށް ރައްޓެއްސަކަށް ކޮށްލައިދޭ ކަމެއްގެ ގޮތުގައި ކުރަނީ އެވެ.

ފޮޓޯ ނަގަން މިހެން އުޅެން މިހާރު ދަރިންވެސް އެހާ ގަބޫލު ނޫން ކަމަށް ދޮންބެ ބުންޏެވެ. އެހެންނަމަވެސް ދޮންބެގެ ހިންހަމަޖެހުމާއި އެކަން ގުޅުން އޮންނާތީ އެކަން ކުރަނީ އެވެ. ގޭގައި ކަމެއް ނުކޮށް ހުރުމުގެ ވިސްނުމެއް ނެތެވެ. ދޮންބެ އެހާ ފިޓީވެސް ހަރަކާތްތެރވެ އުޅޭތީ ކަމަށް ދޮންބެ ބުންޏެވެ.