ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އިންޓެލް ފުލުހުންނަށް ރިޝްވަތު ދިންކަމުގެ ދައުވާއެއް އަދީބަށް

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ފުލުހުންނަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް ރިޝްވަތު ދިން ކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާއެއް އުފުލައިފި އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވަނީ ނައިބު ރައީސް ކަމުގައި ހުންނެވިއިރު އިންޓެލިޖެންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހުންނަށް ރިޝްވަތު ދިން ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ.

މިއަދު ދެ ދައުވާއެއް އަލަށް އުފުލާފައިވާއިރު އޭނާގެ މައްޗަށް މީގެ ކުރިން ވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން ނުވަ ދައުވާއެއް ކޮށްފަ އެވެ. އަދީބުގެ މައްޗަށް ކޮށްފައިވަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން ނާޖައިޒު ފައިދާއެއް ހޯދައިދިން ކަމުގެ ދައުވާ އެވެ. އެއީ ނުވަ ރަށެއްގެ މައްސަލާގަ އެވެ. އެ ރަށްތައް ދޫކުރުމުގައި ދައުލަތަށް ކޮންމެ ރަށަކުން 50،000 ރުފިޔާއަށްވުރެ ގިނަ ގެއްލުންވެފައިވެ އެވެ.

ފިސްތޯލަ ގެންގުޅުއްވި މައްސަލާ އާއި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި މައްސަލަ އާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި އަދީބަށް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އެ ހުކުމްތައް ވެސް ވަނީ އިސްތިއުނާފުކޮށްފަ އެވެ.