ލައިފްސްޓައިލް

އާ އަހަރުގެ އަޒުމް ސާދާ ކުރުމުން ނަތީޖާ ފެންނާނެ!

Jan 5, 2018

އާ އަހަރު ފެށީ އެވެ. އާ އަހަރުގެ އަޒުމް އަދިވެސް ކޮޅެއްގައި ޖައްސަން އުނދަގޫވަނީ ހެއްޔެވެ؟ އެއްބައި މީހުންނަށް އާ އަހަރުގެ އަޒުމާ އެއްގޮތަށް ފުރަތަމަ ދުވަހު ހުރިހާ ކަމެއް ގެންދެވޭއިރު އަނެއް ބަޔަކަށް އެގޮތުގައި ހަފުތާއެއްހާ ދުވަހު ކެތްކޮށްލެވޭނެ އެވެ. އެކަމަކު މި ދައްކަނީ މުޅި އަހަރު އެގޮތުގައި ކުރިއަށްދާނެ ގޮތުގެ ވާހަކަ އެވެ.

އާ އަހަރުގެ އަޒުމް ނުވަތަ "ނިއު އިޔާ ރިސޮލިއުޝަން" އެއް ކަނޑައަޅާއިރު ތަޖުރިބާކާރުންގެ ނަޒަރުގައި ފަސް ކަމަކަށް އިސް ކަން ދިނުން މުހިއްމެވެ. އެއް ގޮތަކީ ފާއިތުވި އަހަރު ތެރޭގައި އެންމެ ކުރަން ބޭނުންވެފައި ނުކުރެވި އޮތް ކަމަކަށް ފޯކަސް ކުރުމެވެ. އަލަށް ކަނޑައަޅާ ރިސޮލިއުޝަނަކީ އެއް ދުވަހުން ނިންމާ ނުލެވޭނެ ކަމެއްކަން ދަނެ އެހާ ދަތި އުނދަގުލުން ކުރެވޭ ކަމަކަށް އެކަން ނުހެދުން ބުއްދިވެރި އެވެ.

އާންމުކޮށް ގިނަ މީހުން ނިއު އިޔާ ރިސޮލިއުޝަނަކަށް ހަދަނީ ބަރުދަން ލުއިކުރުމާއި ގަވާއިދުން ޖިމަށް ނޫނީ ކަސްރަތަށް ދިއުން ފަދަ ކަންކަމެވެ. މިފަދަ ކަންކަމަކީ އެއާ ގުޅިގެން ދިރުއުޅުމުގެ ވައްޓަފާޅިއާއި ވަގުތަށް ވަރަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަންކަމެވެ. އެފަދަ ކަންކަން ވަކި ހަމަޔަކަށް ފައްތަން ވަގުތާއި މެންޓަލް ސްޓެބިލިޓީ ބޭނުންވާނެ އެވެ. އޭގެ ބަދަލުގައި އާ އަހަރުގެ އަޒުމް ތަންކޮޅެއް ސާދާ ކޮށްލާށެވެ.

މިސާލަކަށް ރުޅި ކޮންޓްރޯލް ކުރުން ނޫނީ ޕޮޒިޓިވް ސެލްފް އެއް ބިނާކުރަން އަޒުމް ކަނޑައެޅިދާނެ އެވެ. މިއީ ފަސޭހައިން ކޮށްލެވިދާނެ ދެ ކަމެވެ. އަދި މީހާއަށް ނަފްސަށް އުފާވެރިކަން ގެނުވައި ނަފްސު އުފާވެރިކޮށް ބަހައްޓަން ވެސް މި ފަދަ ކަންކަން އެހީއަކަށް ވާނެ އެވެ.

ބައެއް ޒުވާނުންނަށް އާ އަހަރުގެ އަޒުން މިހާރު ވެފައި އޮންނަނީ ދުވަހަކުވެސް ނަތީޖާ ނުނެރެވޭ "އިމްޕޮސިބަލް" ކަމަކަށް ވުމުން އެކަން އޮންނަނީ ޒާތެއްގެ ޖޯކަކަށް ވެފަ އެވެ. އާ އަހަރަކަށް މަރުހަބާ ކިޔައިފި ނަމަ ފޭސްބުކް ފަދަ ތަންތާގައި އާ އަހަރުގެ އަޒުމް މަޖާޒީ ވާހަކައަކަށް ބަދަލުކޮށްލަނީ އެވެ. އޭގެ ބަދަލުގައި ކުދި ކުދި ކަންކަމުން ފަށައިގަތުން ހަމަ އެންމެ ރަނގަޅުވާނެ އެވެ. އޭރުން ހިތްހަމަޖެހޭ ކަހަލަ ނަތީޖާއެއްވެސް ހަމަ ފެނިދާނެ އެވެ.