ޒުވާން އެކްޓަރު ޓައިގާ ޝްރޮފް އާއި ލޯބިވެރިޔާ ދިޝާ ޕަޓާނީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބާޣީ 2" ރިލީޒްކުރުން އަވަސްކޮށްފި އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ނިކުތް "ބާޣީ" ގެ ދެވަނަ ބައިގެ ގޮތުގައި އުފައްދާ އެ ފިލްމު ރިލީޒްކުރުން އަވަސްކޮށް، ސިނަމާތަކުގައި އަޅުވާނެ ތާރީހެއްގެ ގޮތުގައި ނިންމާފައިވަނީ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ.
ކުރިން މި ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތީ އެޕްރީލް 27 ވަނަ ދުވަހު އެވެ.
ފޮކްސް ސްޓާ ސްޓޫޑިއޯސް އާއި ނަޑިއަޑްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓްއިން އުފައްދާ "ބާޣީ 2" ރިލީޒްކުރާ ދުވަސް އަވަސްކުރީ އެ ދުވަހު ކަންގަނާ ރަނާވަތުގެ "މަނިކާނިކާ" ވެސް ރިލީޒްކުރާތީ ކުރިމަތިލުމަކަށް ނުދާންވެގެންނެވެ.
އަހްމަދު ޚާން ޑައިރެކްޓްކުރާ މި ފިލްމުގައި މި ސިލްސިލާގެ ފުރަތަމަ ފިލްމަށް ވުރެން އެކްޝަން މަންޒަރުތައް ގިނަވާނެ އެވެ. އަދި ކުރީ ފިލްމަށް ވުރެން ހުރިހާ ގޮތަކުން ފިލްމު ފުރިހަމަ ވާނެ ކަމަށް ވެސް ފިލްމު އުފައްދާ ފަރާތުން ބުނެ އެވެ.
ޓައިގާ އާއި މި ފިލްމުގެ މުހިންމު ރޯލަކުން ޕްރަތީކް ބައްބަރް ވެސް ފެނިގެންދާނެ އެވެ. މިފަހުން ވަނީ މި ފިލްމުގެ އެންމެ ބޮޑު އެކްޝަން މަންޒަރުތައް ގޯއާ ގައި ޝޫޓްކޮށް ނިންމާލާފަ އެވެ.
މި ފިލްމަށް ތައްޔާރުވުމުގެ ގޮތުން ޓައިގާ ވަނީ ގައިގެ މަސްތައް ވަރުގަދަކޮށްފަ އެވެ. އަދި ޓައިގާ އާއި އެއްވަރެއްގައި ފިޓްނެސް ބެހެއްޓުމަށް ޕްރަތީކަށް ބުރަ މަސައްކަތް ކުރަން ޖެހުނެވެ.
މި ފިލްމުގެ އެއްވެސް އެކްޝަން މަންޒަރެއް ނެގުމަށް ބޮޑީ ޑަބަލްއެއް ބޭނުންނުކުރާ ކަމަށް ފިލްމު އުފައްދާ ފަރާތުން ބުނެ އެވެ. އަދި ފިލްމުގައި އެކްޝަން މަންޒަރުތައް ގިނަކަމުން ޝޫޓިން ކުރިއަށްދިޔައިރު ޑައިޓިޝަނުންނާއި ފިޒިއޮތެރަޕިސްޓުން ސެޓުގައި ހަރަކާތެރިވަމުން ދިޔަ ކަމަށެވެ.
އެކުގައި ފުރަތަމަ ފިލްމު ކުޅުމުގެ ކުރިން ޓައިގާ އާއި ދިޝާ ވަނީ ބޭފިކްރާ ކިޔާ ލަވައެއް ކުޅެފަ އެވެ. މި ދެތަރިން ލޯބީގެ ގޮތުން ގުޅުނު ކަމަށް ވަނީ އެ ލަވައިގެ ޝޫޓިން އަށް ފަހު އެވެ.
ދިޝާ އާއި ޓައިގާ ވަނީ އެކުގައި އާ އަހަރު ރާއްޖޭގައި ފާހަގަކޮށްފަ އެވެ.