ރިޕޯޓް

ހުޝާމަދު ކުރުމުގައި ހައްދެއް ނެތުމަކީ ދެރައެއް

ސިޔާސީ އިސް ބޭފުޅުންނަށް ނުވަތަ ލީޑަރުންނަށް ސަނާ ކިޔައި ހުޝާމަދުކޮށްގެން، އުޅޭ މީހުން އަބަދުވެސް ފެނެއެވެ. އެކަމަކީ އާ ކަމެއް ވެސް ނޫނެވެ. ރީތި ޅެން ބައިތާއި ރައިވަރުތަކުން މީގެ ކުރިން ވެސް ލީޑަރުންނަށް ސަނާ އޮއްސަ އެވެ. އެކަމަކު މިހާރު ރާއްޖެ މިއޮތް ހާލަތެއް މީގެ ކުރިން އޮތް ހެނެއް ހިއެއް ނުވެ އެވެ. ސަނާ އޮއްސުމުގައި މިހާރު ހައްދެއް ނެތެވެ.

ސަނާ ކިޔައި ހުޝާމަދު ކުރުނ ހުއްޓޭއިރު އޮންނަނީ އަމިއްލަ މީހާ ލަދުގަންނަ ވަރުވެފަ އެވެ. ކިޔޭ ނުކިޔޭ އެއްޗެއް އަމިއްލަ މީހާއަށް ވެސް ނޭނގެ އެވެ. މިފަހުން މިފަދަ ވަރުގަދަ ސަނާއެއް ފެނުނީ ސަރުކާރު ކޯލިޝަންގެ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ފަރާތުންނެވެ. މެޑަމް ފާތުން، ރާނީއެއްގެ ގޮތުގައި ސިފަ ކުރައްވައި ސަނާ އޮއްސެވީ އެވެ.

ސިޔާމްގެ އިތުރުން ވެސް ވަރަށް ގިނައިން ޕީޕީއެމްގެ ޖަލްސާތަކުގައި އާންމުކޮށް ވާހަކަ ދައްކަވާ ބޭފުޅުން ވާހަކަ ފައްޓަވާނީ ސަނާއިންނެވެ. ނިންމާނީ ވެސް ހުޝާމަދު ކުރުމުންވެ. ދޭތެރެ މެދަށް ކޮންމެވެސް ފަރާތްތަކަށް ހަޖޫ ޖަހާނެ އެވެ. އޭގެ އިތުރަށް ދައްކާ ވާހަކައެއް ނޯވެ އެވެ.

ސަނާ ކިޔުއްވަމުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރައީސް އަބްދުﷲ ޔާމީން، ފިނިފެންމަލަކާ ވެސް އެއް ހަމަ ކުރައްވާފަ އެވެ. ސަނާ ކިޔުއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ ވަނީ ރައީސް ޔާމީން، ދުނިޔޭގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ މެސީއާ އެއް ހަމަ ކުރައްވާފަ އެވެ. މި ދެ ބޭފުޅުންނަކީ މިނެއް ނެތް ސަނާ ކިޔުއްވުމުގެ އެންމެ ކުރީގައި އުޅުއްވާ ދެ ބޭފުޅުންނެވެ.

ސަނާ ކިޔުއްވުމުގެ ލިސްޓްގެ އެންމެ ކުރީގައި އުޅުއްވަނީ އެމްޑީއޭގެ ލީޑަރު ސިޔާމެވެ. އޭނާ ވާހަކަ ދައްކަވާ ކޮންމެ ތަނެއްގައި ވެސް ސަނާ ފަށްފަށުން ބަރުތީލަކުރެ އެވެ. މިހާރު އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވަނީ ވެސް ސިޔާމަށެވެ. މެޑަމްގެ ހިތާނީ ފެސްޓިވަލް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޔާމް ވަނީ މެޑަމް ތައުރީފް ކުރައްވަމުން އެކަމަނާއަކީ އިނގިރޭސިވިލާތުގެ ރާނީއަށްވުރެ ހެޔޮ ރާނީއެއް ކަމަށް ވިދާޅުވެފަ އެވެ. އެކަމަނާއަކީ ކުޅެދޭ މީހުން ނުކުޅޭ މީހުންނަށް ހައްދަވާ ކަމަނާ ކަމަށް ވިދާޅުވެފަ އެވެ. ތައުރީފް ކުރައްވަމުން ގޮސް އަނގަ އޮޅި، ވިދާޅުވާން އުޅުއްވި އެތި އިދިކޮޅަށް ވެސް ވިދާޅުވެވުނީ އެވެ. އެވަރަށް މެޑަމަށް ތައުރީފް ކުރައްވަމުން ގެންދެވިއިރު، މެޑަމްގެ އަމަލުފުޅު ހުންނެވި ގޮތުން އެކަމާ މެޑަމް ވެސް އިންނެވީ އެންމެ ހިތްހަމަޖެހިފަ ނޫންކަން އެނގެ އެވެ.

އެކަމަށް ފާޑުވިދާޅުވެ، ކުރީގެ ޕީޕީއެމް މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ސަނާ ކިޔުމުގައި ހައްދު ފަހަނަ އަޅާ ދިޔުމަކީ ނުބައި ވެގެންވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް "ޑޭ ފެކްޝަން"ގެ ގިނަ މެންބަރުން ދިރިއުޅުއްވުމަށްޓަކައި ކުރައްވާ މަސައްކަތަކީ އެއީ ކަމަށް އަމީތު ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި އޭނާ ވެސް ކުރިން އިންނެވި ޕީޕީއެމްގެ ވައިބާ ގްރޫޕެއްގައި "ޝުކުރިއްޔާ މެޑަމް"ގެ ފަތިވަރެއް އަމުނާލާފައިވާ ސްކްރީން ޝޮޓެއް އަމީތު ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ތައުރީފެއް ކޮށްލުމާއި ހައްދެއް ނެތި ސަނާ ކިޔުމުގައި ވަރަށް ތަފާތުވެ އެވެ. ތައުރީފެއް ކޮށްލުމަކީ އޭގެ ސަބަބުން އެ ތައުރީފެއް ނިސްބަތްވާ މީހާއަށް ވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ނަމަވެސް ހައްދެއް ނެތި ސަނާގެ ކިބައިން، އެ ސަނާއެއް ރައްދުވާ މީހާ ވެސް ލަދުގަނެ، ސަނާ ކިޔާ މީހާއަށް މަލާމަތް ރައްދުވެ އެވެ.