ކޮމްޕިއުޓަރާއި ޓެބްލެޓާއި ސްމާޓްފޯނުތަކުގައި ބޭނުންކުރާ ޗިޕް އުފައްދާ އެންމެ ބޮޑު ކުންފުނި 'އިންޓެލް' އިން ފާއިތުވި ފަސް އަހަރު ދުވަހު އުފެއްދި ޗިޕްތަކުގައި ސަލާމަތީ މައްސަލަތަކެއް ހުރި ކަމަށް އިއުތިރާފްވެ، އެކަން ހައްލުކުރުމުގެ މަސައްްކަތް ފަށައިފިއެވެ.
އިންޓެލްއިން ބުރާސްފަތި ދުވަހު ބުނީ ފާއިތުވި ފަސް އަހަރު ދުވަހު އެކުންފުނިން އުފައްދާފައިވާ އުފެއްދުންތަކަަށް ބޭނުންވާ އަޕްޑޭޓްތަކުގެ ބޮޑ ބައެއް މިހާރުވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ބުނީ މިފެށޭ ހަފުތާ ނިމޭ އިރު އުފެއްދުންތަކުގެ 90 ޕަސެންޓަށް ބޭނުންވާ އަޕްޑޭޓްތައް ފޯރުކޮށްދެވޭނެ ކަމަށެވެ.
" ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ތައާރަފްކޮށްފައިވާ ގިނަ ޕްރޮސެސާ ޕްރޮޑަކްޓްތަކަށް ބޭނުންވާ އަޕްޑޭޓް އިންޓެލް އިން މިހާރުވެސް ވަނީ ފޯރުކޮށްދީފައި،" އިންޓެލް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އިންޓެލްގެ އުފެއްދުންތަކުގައި މައްސަލަތަކެއް ހުރިކަމަށް އެކުންފުނިން އިއުތިރާފްވީ މިދިޔަ ބުދަދުވަހުއެވެ.
' މެލްޓް ޑައުން އެންޑް ސްޕެކްޓާ ވުލްނަރަބިލިޓީސް' ގެ ނަމުގައި މިހާރު މަޝްހޫރު ވެފައިވާ އެ މައްސަލަތަކުގެ ތަފުސީލުތައް، ދިރާސާ ކުރާ މީހުން މިހާރު އަންނަނީ ހާމަކުރަމުންނެވެ. އެގޮތުން އެނގިފައިވާ އެއް ކަމަކީ އިންޓެލްގެ ޕްރޮސެސާ އުފެއްދުންތަކުގައިވާ އެ ބަލިކަށިކަމުގެ ބޭނުންކޮށްގެން ޕާސްވޯޑްތައް ފަދަ ހައްސާސް މައުލޫމާތުތައް ލިބިގަތުމުގެ ފުރުސަތު ހެކަރުންނަށް އޮތް ކަމެވެ.
އިންޓެލް އިން އެއްބަސްވެފައި ވަނީ އެކުންފުނިން ފާއިތުވި ފަސް އަހަރު ދުވަހު އުފެއްދި އުފެއްދުންތަކުގައި ވެސް އެ މައްސަލަ ހުރެދާނެ ކަމަށެވެ.
އިންޓެލް އިންް އެކަން ހާމަކުރުމުން އެކުންފުނީގެ ހިއްސާގެ އަގު ބުރާސްފަތި ދުވަހު ވަނީ 2.4 ޕަސެންޓް ދަށަށް ގޮސްފައެވެ. އެގޮތުން އެކުންފުނީގެ ހިއްސާއެއްގެ އަގު މިހާރު ހުރީ 44.17 ޑޮލަރުގައެވެ.
އިންޓެލްގެ ޕްރޮސެސާ އުފެއްދުންތަކުގައިވާ މައްސަލައިގެ އަސަރު އެޕަލް ކުންފުނީގެ އުފެއްދުންތައް ކަމަށްވާ އައިފޯން، އައިޕެޑް އަދި މެކް ކޮމްޕިއުޓަރުތަކަށް ވެސް ކުރާނެ ކަމަށް އެޕަލް އިން މިއަދު ބުންޏެވެ. އެ ފަދަ މައްސަލަތަކުން ސަލާމަތްވާނެ 'ޕެޗް' ތަކެއް އެޕަލް އިން ވެސް މިހާރު ވަަނީ އެކުންފުނީގެ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައެވެ.