ކުޅިވަރު

ފަހު ވަގުތު ލަނޑު ވަނުމުން ސްޕަލެޓީ ހިތްހަމަނުޖެހިއްޖެ

ފަހު ވަގުތު ފިއޮރެންޓީނާއިން، އިންޓަ މިލާން ކޮޅަށް ލަނޑު ޖަހައި، މެޗުގެ 1-1 ން އެއްވަރު ކުރުމުން އިންޓަގެ ކޯޗް ލުޗާނޯ ސްޕަލޭޓީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެ އެވެ.

މެޗުގެ 55 ވަނަ މިނެޓްގައި މައުރޯ އިކާޑީ އިންޓައަށް ލީޑް ނަގައިދީފައި ވަނިކޮށް، މެޗުގެ 91 ވަނަ މިނެޓްގައި، ފިއޮރެންޓީނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޮވާނީ ސިމިއޯނޭ އެވެ.

މެޗަށް ފަހު ނޫސް ކޮންފަރެންސްގެ ސެޝަންގައި، މެޗާ ބެހޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ސްޕަލޭޓީ ބުނީ އިންޓަގެ ޓީމުގައި ސެންޓްރަލް ޑިފެންޑަރެއް ނެތް ކަން، އުމުރުން 80 އަހަރު ވެފައިވާ އޭނާގެ މަންނަމަށް ވެސް އެނގޭނެ ކަމަށެވެ.

މިއީ އިންޓައަށް ކުރިމަތިފައިވާ ނެގެޓިވް ހާލަތުގެ ތެރެއިން ހާލަތަށް އިތުރުވި ބޮޅެކެވެ. ލީގްގައި ދެ މެޗުން ބަލިވެ، ހަ މެޗު ވަނީ އެއްވަރު ވެފަ އެވެ. އަދި އިޓަލިއަން ކަޕްގައި ވާދަވެރި އޭސީ މިލާން އަތުން ބަލިވެ، އެ މުބާރާތުންވެސް ކަޓައިގެން ދިއުން ފާހަގަ ކުރެވެ އެވެ.

"މި ހަފުތާގައި އަހަރެމެންނަށް ވަރަށް ދެރަ ކޮށް ކަންތައް ވަމުންދާ ހަފުތާއެއް މިއީ، [ޑިފެންޑަރު] ޔޫޓޯ ނަގަޓަމޯ ވަނީ ހުން ޖެހިފައި، އަންޑްރެއާ ރަނޯކިއާ މެޗު ކުޅުނުއިރުވެސް އޭނާގެ ޅިނދު ކަށިގަނޑަށް ތަދުވާތީ އުޅޭ، އެ ހާލަތުގައިވެސް އޭނާ ރަނގަޅަށް މަސައްކަތް ކުރި،" ސަޕަލޭޓީ ބުންޏެވެ.

"ޓީމު އަތުން ބޯޅަ ގެއްލިނީ މާ ފަސޭހައިން، އެކަމުގެ ސަބަބުން އަހަރެމެންނަށް އުނދަގޫވި، އަދި އަހަރެމެންގެ ރޫހް ގެއްލުނު، މިއީ [އެހެން ދިމާވުން އެއީ] އަހަރެމެންގެ ކެރެކްޓާއެއް ނޫން އަހަރެމެން އަތުން ބޯޅަ ގެއްލުނީ އެންމެ ބޭނުން ނުވާ ގޮތަށް."

ރަނޯކިއާ އަށް އިތުރަށް އުނދަގޫ ވުމުން، ސްޕަލޭޓީ ވަނީ ވާތުބެކް ޑޭވިޑް ސަންޓޯން ގެނެސް، ސެންޓްރަލް ޑިފެންސަށް ލާފަ އެވެ. ނަމަވެސް އެބަދަލުން އިންޓައަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ޓީމުގެ ބައެއް ދިމާތަކުން ވަރަށް ދަށް ކޮށް ފެނުނު ކަމަށް ބުނުމުން، ސްޕަލޭޓީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އަދި އޭނާ ރުޅި ވެސް އައެވެ. އޭނާ ބުނީ މިސީޒަން ފެށުނު ފަހުންވެސް ތަކުރާރުކޮށް އެ ސުވާލުތަކަށް ޖަވާބު ދެމުން އަންނަ ކަމަށެވެ.

އިންޓަ އޮތީ، ލީގްގެ ތިން ވަނައިގައެވެ. އެއްވަނައިގައި އޮތް ނަޕޯލީއަށް ވުރެ ހަ ޕޮއިންޓް ފަހަތުގައެވެ.