ދުނިޔެ

އެމެރިކާގައި ކުރިން ހުންނެވި ލަންކާ ސަފީރު ހައްޔަރުކުރަނީ

އަވަށްޓެރި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖަލިޔާ ވިކްރަމަސޫރިޔާ ހައްޔަރު ކުރުމުގެ އަމުރެއް ލަންކާގެ ކޯޓަކުން ނެރެފި އެވެ.

އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ނެރުއްވީ ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަަމަށް ތުހުމަތުކޮށް އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވެވަަޑައި ނުގެންެނެވުމުންނެވެ.

ސަފީރެއްގެ ގޮތުގައި އެމެރިކާގައި ހުންނެވި އިރު ލަންކާގެ ދައުލަތުގެ ފައިސާގެ ތެރެއިން 332000 ޑޮލަރު ބޭނުން ކުރެއްވި ކަމުގެ ތުހުމަަަތަށް އޭނާ ކުރިން ވަނީ ހައްޔަރުކޮށްފަ އެވެ. ކަފާލާތުގެ ދަށުން އޭނާ މިނިވަންކޮށް، ބޭސް ފަރުވާއަށް ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދިނީ މިދިޔަ 2017 ވަނަ އަހަރުއެވެ.

ވިކްރަމަސޫރިޔާ ހައްޔަރު ކުރުމުގެ އަމުރު ނެރުނީ އިއްޔެގައި ބާއްވަން ހަމަޖެހިފައި ޝަރީއަތުގެ އަޑުއެހުމަށް އޭނާ ހާޒިރުވެވަޑައި ނުގެންނެވުމުން އިއްޔެގައެވެ.

ރާޖަޕަކްސާ ސަރުކާރުގެ އިސް ބޭބޭފުޅުން ހިންގަވާފައިވާ ހިޔާނާތުގެ އަމަލުތައް ތަހުގީގުކޮށް ޝަރީއަތްތައް ހިންގަން ލަންކާގެ މިހާރުގެ ސަރުކާރުން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ރާޖަޕަކްސާ ދާދި ފަހުން ވިދާޅުވެފައި ވަނީ އޭނާގެ ސަރުކާރުގައި ހިޔާނާތްތެރި ބޭފުޅުންތަކެއް ތިއްބެވި ނަމަ އެ ބޭބޭފުޅުން މިހާރު ތިއްބެވީ މިހާރުގެ ސަރުކާރުގެ މަގާމުތަކުގައި ކަމަށެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރާޖަޕަކްސާ ވިދާޅުވީ އޭނާގެ ސަރުކާރުގައި ހިޔާނާތްތެރިން ތިބި ކަަމަށް ބައެއް ފަރާތްތަކުން ދައުވާ ކުރި ކަމަށާއި އެއީ ތެދެއް ނަމަ އެބަޔަކު މިހާރު ތިބީ މި ސަރުކާރުގައި ކަމަށެވެ. ނަމަވެސް އޭނާ އެ އިޝާރާތް ކުރެއްވީ ވަކި މިވެނި ބޭފުޅަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

ރާޖަޕަކްސާ ސަރުކާރުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރެއިން މިހާރުގެެ ސަރުކާރުގައި ހުންނެވި އެންމެ ފާހަގަކޮށްލެވޭ ބޭފުޅަކީ ރައީސް މައިތިރިޕާލާ ސިރިސޭނާއެވެ. ރައީސް ސިރިސޭނާއަކީ ރާޖަޕަކްސާއަށް ވެރިކަން ގެއްލިވަޑައިގެންނެވި އިންތިހާބާ ހަމައަށް ވެސް އޭނާގެ ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުގައެވެ.