ދުނިޔެ

އަގު އުފުލޭތީ ސައުދީ ރައްޔިތުންނަށް ރަސްގެފާނުގެ އިނާުޔަތް

(ރިޔާޒް، ރޮއިޓާސް) - ސައުދީ އަރަބިއްޔާގައި މުދަލާއި ހިތުމަތުގެ އަގު އުފުލި، ދިރިއުޅުމުގެ ހަރަދު ބޮޑުވަމުން ދާތީ އެ ގައުމުގެ ރައްޔިތުންނަށް ސަރުކާރުން ހާއްސަ އިނާޔަތްތަކެއް ދެއްވަން ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު ނިންމަވައިފި އެވެ.

ސައުދީ އަރަބިއްޔާގައި މުދަލާއި ހިދުމަތުގެ އަގު ބޮޑުވީ ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ) ގެ ނަމުގައި ޓެކުހެއް ނަގަން ފެށުމާއި ތެޔޮ އަގު ބޮޑުވުން ފަދަ ސަބަބުތަކާ ހެދިއެވެ.

އެކަމަށް ރިއާޔަތް ކުރައްްވައި ރަސްގެފާނު މިއަދު ނެރުއްވި ޝާހީ ގަރާރުގައި ކަނޑައަޅުއްވާފައިވާ އެއް ކަމަކީ ސައުދީ ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މީހުންނަށް ކުރިއަށް އޮތް އެއް އަހަރު ދުވަހު ކޮންމެ މަހެއްގެ މުސާރައިގެ އިތުރުން 1000 ރިޔާލަ ދިނުމެވެ.

ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން މަދަނީ މުވައްޒަފުންނަށް 1000 ރިޔާލަ ދޭން އެންގެވި އިރު، ޔަމަނުގައި ހަނގުރާމަކުރަމުންދާ ސައުދީ ސިފައިންނަށް ދޭން އަންގަވާފައި ވަނީ 5000 ރިޔާލައެވެ.

މުސާރައަށް ގެނައި އެ ބަދަލުގެ އިތުރުން ވެސް ބައެއް ލުއި ދޭން ޝާހީ ގަރާރުގައި ސައުދީ ސަރުކާރުގެ މުއައްސަަސާތަކަށް ވަނީ އަމުރުކުރައްވާފަ އެވެ. އެގޮތުން ބައެއް ހާލަތްތަކުގައި ދައްކަންޖެހޭ ވެލިއު އެޑެޑް ޓެކްސްއަށްވާ ފައިސާ ސަަރުކާރުން ދައްކަން ވަނީ އަމުރު ކުރައްވާފަ އެވެ. އެގޮތުން ސަރުކާރުން ޓެކްސް ދައްކައިދޭން އަމުރު ކުރައްވާފައި ވަނީ ސިއްހީ އަދި ތައުލީމީ ދާއިރާއިން ހިދުމަތް ހޯދުމުގައި ކުރިމަތިވާ ހާއްސަ ހާލަތްތަކުގަ އެވެ.

ޝާހީ ގަރާރުގައިވާ ކަންތައްތައް ކުރުމަށް ސައުދީ ސަރުކާރުން ހަރަދު ކުރަން ޖެހޭނީ ޖުމްލަ ގޮތެއްގައި ކިހާ ފައިސާއެއް ކަމެއް އެ ގަރާރުގައި ބަޔާން ކުރައްވާފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްރަސްކަލުން ދެއްވި މިފަދަ އިނާޔަތްތަކަށް ހަރަދުވި މިންވަަރަށް ވުރެ މިފަހަރު ހަރަދުވާ ފައިސާގެ އަދަދު މާ ކުޑަވާނެ ކަމަށް ބެލެވެއެވެ. އެހެންވީމާ އެ ފިޔަވަޅުގެ ސަބަބުން ސައުދީ އިގުތިސާދަށް ފާހަގަކުރެވޭ ވަރުގެ އަސަރެއް ކުރާނެ ކަމަކަށް ނުބެލެވެއެވެ.

ސައުދީ އަރަބިއްޔާގައި ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި 1.8 މިލިޔަން މީހުން މަސަައްކަތް ކުރެ އެވެ. އަދި ޕެންޝަނަރުންނާއި ޕެންޝަނުގެ ފައިދާ ލިބޭ މީހުންގެ ގޮތުގައި 1.23 މިލިޔަން މީހުން އެބަތިބި ކަމަށް ސައުދީ ސެންޓްރަލް ބޭންކުން ވަނީ ބުނެފައެވެ. އެހެންވީމާ ރަސްގެފާނު ކަނޑައެޅުއްވި އިނާޔަތްތައްދޭން ހަަރަދުވާނެ ކަމަށް ނޫސްތަކުން އަންދާޒާ ކުރަނީ 23 ބިލިޔަން ރިޔާލަ އެވެ.

ސައުދީ ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓްގައި ޑެފިސިޓްވާނެ ކަމަށް ލަފާކޮށްފައި ވަނީ 195 ބިލިޔަން ރިޔާލަ އެވެ. ރަސްގެފާނު ސަލްމާން ތަހުތަށް އިސްވެ ވަޑައިގެންނެވިކަން ފާހަގަ ކުރަން 2015 ވަނަ އަހަރު ދެއްވި އިޔާނަތްތަކަށް 100 ބިލިޔަން ރިޔާލަ ހޭދަ ވިކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. އެހެންވީމާ މި އަހަރު ރަސްގެފާނު ދެއްވާ އިނާޔަތަށް ހޭދަވާ އަދަދަކީ ނިސްބަތުން ކުޑަ އަދަދެކެވެ.