ރިޕޯޓް

އަންހެން ކުއްޖާގެ ހިތްވަރަށް ތައުރީފާއި ސާބަސް!

ރޭޕް ފަދަ ބޮޑެތި ލާއިންސާނީ އަމަލުތަކުގެ ވާހަކަ ދެއްކުމަކީ ގިނަ ބަޔަކު ކުރަން ބޭނުންވާ ކަމެއް ނޫނެވެ. މަގުމަތިން ދެތިން މީހުންނާ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުން ވެސް އާންމުކޮށް އަންހެން ބުނީ، "ތިޔަ ކަހަލަ ވާހަކަ ދައްކަން ބޭނުން ނުވާ" ކަމަށެވެ.

މިފަދަ "ލަދު" ވާހަކައެއް އެކަން ތަޖުރިބާ ކުރަން ޖެހުނު އެ ހިތްދަތި ހާލާ ކުރިމަތިވި ޒުވާން އަންހެން ކުއްޖަކު މީޑިއާއާ ކުރިމަތިލައި އެކަން ހާމަކުރުން ވެގެން ގޮސްފައިވަނީ އޭނާގެ ހިތްވަރަށާއި ކެރުމަށް ގިނަ ބަޔަކު ތައުރީފްކޮށް، ސާބަސް ދޭން މަޖުބޫރުވި ކަމެކެވެ. އުމުރުން 19 އަހަރުގެ އެ ކުއްޖާއަކީ ކާކުކަން ގިނަ މީހުންނަށް ނޭނގުނު ނަމަވެސް އެ ކުއްޖާއަށް ހިތްވަރު ނުދޭ މީހަކު މަދެވެ.

އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވާ އައިމިނަތު ނާދިރާ ވިދާޅުވި ގޮތުގައި ރޭޕްގެ ވާހަކަ ދައްކަން ކެރުނު އެ ކުއްޖާއަކީ ހިތްވަރުގަދަ ކުއްޖެއް ކަމަށާއި އޭނާއަށް އިންސާފު ލިބެން މަޖުބޫރެ ވެ.

އޭނާއަށް ކުރިމަތިވި ކަމަށް ބުނާ ހާދިސާ ދެ ޖިންސުގެ ޒުވާނުން ވެސް ކުށްވެރި ކުރަމުން ދިޔުމަކީ ހިތްހަމަޖެހުން ލިބުން ކަމެއް ކަމަށް ނާދިރާ ވިދާޅުވި އެވެ. މުޖުތަމައުގައި ހިނގާ ރޭޕް ފަދަ މައްސަލަތަކަކީ އަންހެނުން އެކަނި އެއާ ދެކޮޅަށް އަޑު އުފުލަން ޖެހޭ މައްސަލަތަކެއްގެ ގޮތުގައި ގަބޫލުކުރާ މީހުން އަދިވެސް އުޅެ އެވެ.

"އަންހެން ކުއްޖާގެ ހިތްވަރަށް ސާބަސް، އެގޮތަށް އަޑު ނޫފުލިނަމަ މި މައްސަލައަކީ ވެސް ބޮޑު ފޮށީގައި އޮވެ އިންސާފެއް ނުލިބި އޮބިގެންދާނެ މައްސަލައަކަށް ވީސް،" ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައިވެ އެވެ.

މީޑިއާ އާއި ސޯޝަލް މީޑިއާގައި އަންހެން ކުއްޖާގެ ރޭޕްގެ ވާހަކަ އާއި އޭގެ ތުހުމަތު ކުރެވޭ ހަސަން ފާއިޒްގެ ވާހަކަ ހުއްޓުމެއް ނެތި ދެކެވުން ވެގެން ދިޔައީ ކުއްލި ގޮތަކަށް އޭނާގެ އުފަން ރަށް ގދ. ތިނަދޫއަށް ގޮސް ހުރި ހަސަން ހައްޔަރު ކުރަން މެދުވެރިވި ސަބަބަށެވެ. ހާދިސާ ހިނގިތާ ތިންވަނަ ދުވަހު އޭނާ ހައްޔަރުކުރީ މީޑިއާގެ ޕްރެޝަރާއި ސިޔާސީ އިސް ބޭފުޅުން ވެސް އޭނާ ހައްޔަރު ކުރުމަށް ގޮވަމުން ގެންދަނިކޮށެވެ.

ހައްޔަރު ކުރުމުގެ ކުރިން ހަސަން ވަނީ އަންހެން ކުއްޖާ އޭނާއަށް ކުރާ ހުރިހާ ތުހުމަތެއް ދޮގު ކޮށްފަ އެވެ. އަދި، އޭނާގެ ކުށެއް ނެތްކަން ސާބިތުވާނެ ކަމަށް ބުނެފަ އެވެ. އަންހެން ކުއްޖާއަށް ތަފާތު ތުހުމަތެއް ހަސަން ކުރިއިރު، އޭނާ އެ ހާދިސާ ހިނގި ގޮތް ކަމަށް ކިޔައިދިން ގޮތް ތަފާތެވެ.

އަންހެން ކުއްޖާ ވެސް ވަނީ ހަސަންގެ ވާހަކަތައް ދޮގު ކޮށްފަ އެވެ. އަދި، ހަސަން ކުށެއް ނުކުރާނަމަ ކުއްލި ގޮތަކަށް ތިނަދޫއަށް ގޮސް، "ފިލައިގެން" އުޅެންވީ ސަބަބަކާމެދު ސުވާލު އުފެދޭ ކަމަށް އެ ކުއްޖާ ވަނީ ބުނެފަ އެވެ.

ގޮންޖެހުންތައް ކުރިމަތިވާނެކަން އެނގިހުރެ، އަންހެން ކުއްޖާ މީޑިއާގެ ކުރި މައްޗަށް ނުކުތީ ވަރަށް ބޮޑު އަޒުމަކާއެކު އެވެ. އޭނާގެ އަޒުމާއެކު، އެތައް ބަޔަކަށް އާ ހިތްވަރެއް ވެސް ވަނީ ލިބިގެން ގޮސްފަ އެވެ. ތައުރީފާއި ސާބަސް ރައްދުވަމުން ދަނީ އެހެންވެ އެވެ.

"މުޖުތަމައުގައި އޮތް ރޭޕް ކަލްޗާ ބަދަލުކުރަން ވެސް ކޮންމެވެސް މީހަކު އަޑު އުފުލަން އެބަޖެހޭ، އޭނާ ކުރި ކަމުގެ އަދަބު އޭނާއަށް ލިބެންޖެހޭނެ، އަހަރެން އަނގަ ބަންދު ކޮށްގެން ނުހުންނާނަން، އޭނާ އަހަރެންގެ އިއްފަތް ފޭރިގަތީ، އަހަރެން އިންސާފު ބޭނުންވޭ، އަހަރެން މި އަޑު އުފުލަނީ މިފަދަ ކަންކަމުގައި އަނގަ ބަންދު ކޮށްފައިވާ އެހެން އަންހެން ކުދިންގެ ވެސް ހައްގުގައި، އޭނާއަކީ ސިޔާސީ ގޮތުން ނުފޫޒު އޮތް މީހެއް ނަމަވެސް ކުށެއް ކޮށްފިނަމަ ފިލައިގެން ނުދެވޭނެ،" 19 އަހަރުގެ އަންހެން ކުއްޖާ ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި ވެސް ނިސްބަތުން ގިނަ މައްސަލަތަކެކެވެ. މިދިޔަ އަހަރު އެކަނި ވެސް ފުލުހަށް ޖިންސީ ގޯނާގެ 417 މައްސަލައެއް ހުށަހެޅި އެވެ. މި އަހަރުގެ މިހާތަނަށް ތިން މައްސަލައެއް ރިޕޯޓް ކޮށްފައިވެ އެވެ.