ދުނިޔެ

ނޭޕާލުގެ އިމާރާތްތަކުގެ ދަށުން 101 އަހަރުގެ މީހަކު ހަފުތާއެއް ފަހުން ސަލާމަތްކޮށްފި

May 4, 2015

މީގެ ހަފުތާއެއް ކުރިން ނޭޕާލަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން 101 އަހަރުގެ މީހަކު ސަލާމަތްކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން އިއްޔެ ބުނެފި އެވެ.

ފެންޗޫ ޓަމަންގް ސަލާމަތްކުރީ ހޮނިހިރު ދުވަހު ކަމަށާއި އޭނާގެ ހަށިގަނޑުން ބައެއް ތަންތަން މަށައިގެން ދިއުން ފިޔަވައި މާބޮޑު އަނިޔާއެއް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ. ވެރިރަށް ކަތުމަންޑޫއާ 50 މޭލު ދުރުގައި އޮންނަ ހިސާބަކުން ސަލާމަތްކުރި މީހާ އަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

"އޭނާގެ ވާތު ކުޑަހުޅާއި އަތަށް ފިޔަވައި ޒަހަމެއް ލިބިފައެއް ނުވޭ. އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު އާއިލާ ވެސް މިހާރު އޭނާއާ އެކު އެބަތިބި،" ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެ އެވެ.

ރިކްޓަ މިންގަނޑުން 7.8ގެ ބާރުމިނުގައި އައި ބިންހެލުމަށް ހަފުތާއެއް ވީއިރު، ފުރާނަ ހުރި މީހަކު ދެން ނުފެންނާނެ ކަމަށް ބެލެވިފައި ވަނިކޮށް އިއްޔެ ވަނީ ތިން އަންހެނަކު ވެސް ދިރިތިއްބާ ފެނިފަ އެވެ.

ބިންހެލުމުގައި އެންމެ ބޮޑަށް ގެއްްލުން ލިބުނު ހިސާބުން ސަލާމަތްކުރި މި ތިން އަންހެނުންގެ ތެރެއިން އެކަކީ ކިސަޑު ފޭބުމުގެ ސަބަބުން އެއްބައި ވަޅުލެވިފައި އޮތް މީހެކެވެ. އަނެއް ދެ މީހުން ނެގީ އިމާރާތެއްގެ ބައިތަކުގެ ދަށުންނެވެ.

ނޭޕާލުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ވުމާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި 20 ގައުމަކުން ދަނީ ބައިވެރިވަމުންނެވެ. ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7200 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.