ދައުލަތުގެ ބަޖެޓް

ބަޖެޓް ތަންފީޒު ކުރަން ބަނޑޭރި ޕޯޓަލް

Jan 7, 2018

ބަޖެޓް ތަންފީޒު ކުރުމާއި ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅުވާލުމަށް "ބަނޑޭރި ޕޯޓަލް" ގެ ނަމުގައި ޕޯޓަލްއެއް އެއް ފިނޭންސް މިނިސްޓްރީއިން މިއަދު އިފްތިތާހުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޯޓަލް އިފްތިތާހް ކޮށްދެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރުގެ ސީނިއަ އެޑްވައިޒާ ޓު ދަ މިނިސްޓާ މުހައްމަދު ޖަލީލެވެ.

"ބަނޑޭރި ޕޯޓަލް" މެދުވެރިކޮށް، ތިން ބާވަތެއްގެ ރިކުއެސްޓް އޮފީސްތަކުން ފިނޭންސް މިނިސްޓްރީ އަށް ހުށަހެޅޭނެ އެވެ. އެއީ ބަޖެޓްގެ އެއް ކޯޑުން އަނެއް ކޯޑަށް ފައިސާ ބަދަލު ކުރުން، އެޑްވާންސް ފަންޑުން ފައިސާ ހޯދުން ނުވަތަ ބަޖެޓް އިތުރު ކުރުމުގެ، އިތުރުން ހިދުމަތް ހޯދުމަށް ނުވަތަ މަސައްކަތެއް ކުރުވުމަށް، ވަކި ފަރާތަކާއި ހަވާލުކުރުމަށް އެދި ހުށަހަޅާ ރިކްއެސްޓް އެވެ. އަދި ހަމައެއާއި އެކު، ދައުލަތުގެ ދަތުރުތައް، އެއްވިޔުގައަކުން ގުޅާލައި މެނޭޖްކޮށް ބެލެހެއްޓުމަށް، ދަތުރުތަކުގެ ހުއްދަ ދިނުން ވެސް މި ޕޯޓަލްއަށް ވަނީ ބަދަލުކުރެވިފަ އެވެ.

މި މިނިސްޓްރީން މިއަދު މި ތައާރަފް ކުރެވުނު "ބަނޑޭރި ޕޯޓަލް" އާއި އެކު، ދައުލަތުގެ މާލީ، ނިޒާމު އިތުރަށް ހަރުދަނާވެ، ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކުރިއަށް ވުރެ ހަލުވި ވެގެންދާނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް، ފިނޭންސް މިނިސްޓްރީ އާއި އެކު ކުރެވެމުންދާ މުއާމަލާތްތައް، އަވަސްކުރެވި، ޖުމުލަކޮށް މުޅި ދަޢުލަތުގެ މާލީ ނިޒާމުގެ ހިންގުން އަވަސްވެ، ހަރުދަނާވެ، ބޮޑެތިކުރިއެރުންތަކެއް ލިބިގެންދާނެ އެވެ. އެގޮތުން ކުރިއާއި ޚިލާފަށް، ބަޖެޓާއި ގުޅޭ ގޮތުން ހުށަހެޅޭ ބަޖެޓާއި ގުޅޭ ރިކްއެސްޓްތައް ފުރިހަމަ މަޢުލޫމާތާއި އެކު ޕޯޓަލްމެދުވެރިކޮށް އައުމުން އެކަމާއިމެދު ގޮތްނިންމުމަށް ފަސޭހަވެ، އަވަސްވެގެންދާނެ އެވެ.