ވިޔަފާރި

އެމްއެމްއޭގެ ބޯޑަށް ޖަނާ އާއި އިހުސާން

Jan 7, 2018
9

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑިރެކްޓަރުގެ ބޯޑުގެ ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރާ މެންބަރު ކަމަށް ހޮޓެލް އެންޑް ރިސޯޓްސް (އެޗްއާރުސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އަދި ހެޕީ މާކެޓްގެ ޖީއެމް ކެޕްޓަން އަލީ އިހުސާން އައްޔަން ކުރައްވައިފި އެވެ.

އެމްއެމްއޭގެ ބޯޑުގެ ޕްރައިވެޓް ސެކްޓާ ތަމްސީލްކުރާ މެންބަރު ކަމަށް އައްޔަން ކުރެއްވި ޖަނާހުއަކީ، ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލްކުރާ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ ރައީސްކަން ގިނަ އަހަރުތަކެއްގައި ކުރެއްވި ބޭފުޅެކެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ އެއް ކުންފުނި ކަމަށްވާ އެޗްއާރުސީގެ ޗެއާމަން އެވެ.

މީގެ އިތުރުން އެމްއެމްއޭގެ ބޯޑަށް ދެން ހަމަޖެއްސެވި ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރުމަށް ކެޕްޓަން އަލީ އިހުސާންއަކީ، ރާއްޖޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރެވެ. އަދި ކުރިން ގިނަ އަހަރު ތަކެއް ވަންދަން ދިވެހި ސިފައިންގޭގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

މަރުކަޒީ ބޭންކުގެ ބޯޑުގައި ހިމެނިވަޑައި ގަންނަވާ އެހެން ބޭފުޅުންނަކީ ގަވަރުނަރު އަހުމަދު ނަސީރުގެ އިތުރުން އެސިޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން އާއި ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަބްދުލް ހަލީމް އަބްދުލް ގަފޫރު އެވެ.