އެމްއެމްޕީއާރްސީ

އެމްއެމްޕީއާރްސީން މިމަހު ފަސް ފެއާއެއްގައި ބައިވެރިވާނެ

Jan 7, 2018

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މި މަހުގެ ތެރޭގައި ބައިނަލްއަގުވާމީ ފަސް ފެއާ އެއްގައި ބައިވެރިވާން ނިންމައިފި އެވެ.

އެމްއެމްޕީއާރްސީން ބުނީ އިންޑިއާގެ މުމްބާއީގައި ޖެނުއަރީ 18 އިން 20 އަށް ކުރިއަށް ގެންދާ އޯޓީއެމް ފެއާގައި ބައިވެރިވުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށާއި އެ ފެއާ ގައި އެމްއެމްޕީއާރްސީ އާއެކު 13 ކުންފުންޏަކުން 22 މަންދޫބުން ބައިވެރިވާނެ ކަމަށެވެ.

އެމްއެމްޕީއާރްސީން ވަނީ ސްޕެއިންގެ މެޑްރިޑްގައި ޖެނުއަރީ 17 އިން 21 އަށް ކުރިއަށް ގެންދާ ފިތޫރް ފެއާގައި ވެސް ބައިވެރިވާން ނިންމާފަ އެވެ. އެ ފެއާގައި ދިވެހި 22 ކުންފުންޏަކުން 38 މަންދޫބުން ބައިވެރިވެ އެވެ. އަދި ސްވިޒަލެންޑްގެ ޒިއުރިކްގައި މިމަހު 25 އިން 28 އަށް ކުރިއަށް ގެންދާ ފެސްޕޯ ފެއާގައި 12 ކުންފުންޏަކުން 19 މަންދޫބުން ބައިވެރިވާނެ އެވެ.

މީގެ އިތުރުން ޖަރުމަނުގެ ޑްސެލްޑޯފްގައި މިމަހު 20 އިން 28 އަށް ބާއްވާ ބޫޓް ފެއާގައި ރާއްޖެގެ ހަތް ކުންފުންޏަކުން 15 މަންދޫބުން ބައިވެރިވާއިރު ތުރުކީގެ އިސްތަންބޫލުގައި މިމަހު 25 އިން 28 އަށް ބާއްވާ އެމިޓް ފެއާގައި ކޯޕަރޭޝަނާއެކު އަށް ކުންފުނިން 16 މަންދޫބުން ބައިވެރި ވެއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ، މި ފެއާތަކުގައި ބައިވެރިވުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކޮށް ޓޫރިޒަމް ދާއިރާގެ ކުންފުނިތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށެވެ.

އެ ކުންފުނިން ވަނީ ފެއާ ތަކުގައި ބައިވެރިވާ ފަރާތްތަކަށް އަމާޒުކޮށް އިންފޮމޭޝަން ސެޝަނެއް މިއަދު ބާއްވާފަ އެވެ.

އެމްއެމްޕީއާރްސީން އަންނަނީ ޓޫރިޒަމް ދާއިރާގެ ގިނަ ފެއާތަކެއްގައި ބައިވެރިވަމުންނެވެ. އެގޮތުން މިަހަރު ތެރޭގައި 15 ފެއާއެއްގައި ބައިވެރިވުމަށް ނިންމާފައި ވެއެވެ.