މުންޑޫ

އަންހެނަކަށް ހަމަލާދިން ކަމުގެ ތުހުމަތު މުންޑޫ ކައުންސިލްގެ ނައިބު ރައީސަށް

ލ. މުންޑޫ، ކައުންސިލްގެ ނައިބު ރައީސް އާދަމް ނާސިފް އެ ރަށު އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 9:00 ހާއިރު އެވެ. އަނިޔާވި އަންހެން މީހާއަށް މިހާރު ގަމު ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އޭނާ ފުރަތަމަ ގެންދިޔައީ މުންޑޫ ސިއްހީ މަރުކަޒަށެވެ. ނަމަވެސް ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ގަމު ހޮސްޕިޓަލަށް ގެންދަން ސިއްހީ މަރުކަޒުން ލަފާ ދިނެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

ފުލުހުން ވެސް މައްސަލައާ ގުޅޭ މާބޮޑު ތަފްސީލެއް ނުދެ އެވެ. އެފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު އިރު އޮއްސުނުއިރު ވެސް އެ އަންހެން މީހާ އާއި ކައުންސިލްގެ ނައިބު ރައީސްއާ ދެމެދު ޒުވާބެއް ހިނގި ކަމަށްވެ އެވެ. އެ ދެ މީހުންގެ މެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެ އެވެ.