ހަބަރު

މާރާމާރީގެ ތުހުމަތުގައި މުންޑޫ ކައުންސިލްގެ ނައިބު ރައީސް ހައްޔަރުކޮށްފި

Jan 8, 2018
3

ލ. މުންޑޫ، ކައުންސިލްގެ ނައިބު ރައީސް އާދަމް ނާސިފް އެ ރަށު އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއްގައި އޭނާ އާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން މުންޑޫއިން 30 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މުންޑޫގައި އެ ހާދިސާ ހިނގާފައިވަނީ ރޭ 9:00 ހާއިރެވެ. އަނިޔާވި އަންހެން މީހާއަށް ގަމު ރީޖަނަލް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާ ފުރަތަމަ ގެންދިޔައީ މުންޑޫ ސިއްހީ މަރުކަޒަށެވެ. ނަމަވެސް ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ގަމު ހޮސްޕިޓަލަށް ގެންދަން ސިއްހީ މަރުކަޒުން ލަފާ ދިނެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

އިއްޔެ އިރު އޮއްސުނުއިރު ވެސް އެ އަންހެން މީހާ އާއި ކައުންސިލްގެ ނައިބު ރައީސްއާ ދެމެދު ޒުވާބެއް ހިނގި ކަމަށްވެ އެވެ. އެ ދެ މީހުންގެ މެދުގައި ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެ އެވެ.