ދުނިޔެ

ވެއާ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ދައުވަތު ވެންގާއަށް

ލައިބީރިއާގެ ރައީސް ކަމަށް އިންތިހާބުވެފައިވާ އެ ގައުމުގެ ފުޓްބޯޅަ ތަރި ޖޯޖް ވެއާ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އޭނާގެ ކުރީގެ ކޯޗް އާސެން ވެންގާއަށް ދައުވަތު ދެއްވައިފި އެވެ.

އާސެން ވެންގާ އަކީ ވެއާ ފްރާންސްގެ މޮނާކޯއަށް 1988 ވަަނަ އަހަރާއި 1992 ވަނަ އަހަރު ކުޅު އިރު އެ ކްލަބުގެ ކޯޗެވެ. ވެންގާ މިހާރު ހުރީ އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ އާސެނަލްގެ ކޯޗަކަށެވެ.

ވެއާ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މި ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ވެންގާ ބީބީސީއަށް ބުނެފައި ވަނީ އޭނާ އުޅެނީ ވަރަށް ބުރަކޮށް ކަމަށާއި އެހެންވީމާ ވެއާ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދެވޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.

"ޖޯޖް ރައީސަކަށް ވާ ދުވަހު ދާން އަހަރެންނަށް އޮތީ ދައުވަތު ދީފައި. އަހަރެން ގަބޫލު ކުރަނީ އަހަރެން ބިޒީވާނެ ކަމަށް. އެކަމަކު އަހަރެން ސަަސްޕެންޑްކޮށްފައި ހުރިއްޔާ އަހަރެންނަށް ވަގުތު ލިބޭނެ ދާން،" ވެންގާ ބީބީސީއަށް ބުނެފައި ވެއެވެ.

ވެންގާ ސަސްޕެންޑް ކުރީ ރެފްރީންނާ މުހާތަބުކޮށް ހުތުރު ބަހުން ވާހަކަ ދެއްކުމުންނެވެ.

.

ލައިބީރިއާގައި މިދިޔަ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރި ޖޯޖް ވެއާއަށް ވުރެ މޮޅު ކުޅިވަރު ޝަޚުޝިއްޔަތެއް އެ ގައުމުގެ ރައްޔިތުން ނުދެކެއެވެ. ދުނިޔެ އޭނާ ސިފަ ކުރަނީ "އަނދިރި ލައިބީރިއާއަށް އެރި އަލި ގަދަ ތަރީ" ގެ ގޮތުގަ އެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު އަދި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފަ އެވެ. މުޅި އެފްރިކާ ކޮންޓިނެންޓުން ވެސް ފުޓުބޯޅައިގައި އެހިސާބަށް ވާސިލުވީ އޭނާ އެކަންޏެވެ.

އަދިވެސް ގިނަ މީހުން ދަންނަނީ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ގައުމު ހިންގުމުގައި ހުނަރު ދެއްކުމުގެ ބުރަ އަދި އޮތީ ކުރިއަށެވެ.

މޮޅު ކޮންމެ ކުޅުންތެރިއަކަށް ލިބޭ ކޮންމެ މަޝްހޫރު ކަމަކީ ސިޔާސީ ދާއިރާގައި ކާމިޔާބު މީހަކަށްވާން އޮންނަ ޓިކެޓަކަށް ކޮންމެ ފަހަރަކު ނުވެއެވެ. ޖޯޖް ވެއާ ވަނީ ލައިބީރިއާގައި އެކަންް ތަޖުރިބާކޮށް، ވިސްނުންތެރިކަމާއެކު ކާމިޔާބު ސިޔާސީ ޝަޚުޝިއްޔަތަކަށް ބަދަލުވެފަ އެވެ. މަޝްހޫރު މޮޅު ކުޅުންތެރިއަކަށް ވީތީ ރިޔާސީ ރޭސް ކާމިޔާބު ވާ ނަމަ ވިއާ ލައިބީރިއާގެ ރައީސް ކަމަށް އަންނާނީ މިއަދަކު ނޫނެވެ. މީގެ އެތައް އަހަރެއް ކުރިންނެވެ.

ސިޔާސީ ދާއިރާއިން މަގާމެއް ކާމިޔާބު ކުރަން ވެއާ ކުރިން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލީ އޭނާއަކީ ނުކިޔަވާ ހުރި، ލިޔަން ކިޔަން ނުދަންނަ މީހެކޭ ބުނެ، ލައިބީރިއާގެ ސިޔާސީ މީހުން ކުރި އިދިކޮޅު މަސައްކަތުންނެވެ. އޭނާގެ ވާދަވެރިއެއްގެ ގޮތުގައި ހުރީ މިފަހަރުގެ ރިޔާސީ އިންތިހާބުން ބަލިވި އެލެން ޖޯންސަން ސާލީފް އެވެ. އެއީ ހަވާޑް ޔުނިވާސިޓީން ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ.

ނުކިޔަވާ ހުރި މީހެކޭ ބުނެ ކުރި މަލާމާތަށް ވެއާ ރައްދު ދިނީ ރިވެތި ގޮތުގަ އެވެ. އޭނާ އަލުން ދިޔައީ ސްކޫލަށެވެ. ކިޔަވަން ކުރި މަސައްކަތް ނިންމައިލީ ޑިގްރީއެއް ހާސިލުކޮށްފަ އެވެ. އެއަށް ފަހު ސިޔާސީ މީހަަކަށް ރަނގަޅަށް ވުމަށް ޓަކައި ލައިބީރިއާގެ ސެނެޓުން ޖާގަ ހޯދި އެވެ. މިހާރު އޭނާއަކީ ލައިބީރިއާގެ ޕްރެޒިޑެންޓް އިލެކްޓް" އެވެ.

ވެއާ އިންތިހާބު ކާމިޔާބު ކުރީ 61.5 ޕަސެންޓް ވޯޓުންނެވެ